ޖަމިއްޔަތުލް ސައިފްގެ އިސް އިލްމުވެރިއެއް ކަމުގައިވާ އަލް ޝައިޚް މުޖުތަބާ ހަމީދު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ސަލަފް ޖަމިއްޔާގެ ދައުވާ ކޯޑިނޭޓަރު ހަމީދު މުޖުތަބާ ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރުފަހު 2:00 އަށެވެ.

ޝައިޚް މުޖުތަބާ "ވަގުތު" އަށް ވިދާޅުވީ، އޭނާ ހާޒިރު ކުރަން ފުލުހުން އަންގާފައިވަނީ އޭނާ ކުރެއްވި ޓްވީޓަކާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށެވެ. އެއީ ސީދާ ކޮން ޓްވީޓެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަނީ އެ ބޭފުޅުން [ފުލުހުން] އެންގި ވަގުތަށް ހާޒިރުވާން ވަކީލަކު ހަމަޖައްސޭތޯ،" ޝައިޚް މުޖުތަބާ ވިދާޅުވިއެވެ.

ސަލަފް ޖަމިއްޔާގެ އެހެން ދީނީ އިލްމުވެރިންނޭ އެއް ގޮތަށް މުޖުތަބާ ވެސް ދާދި ފަހުން ކުރައްވާފައިވާ ޓްވީޓްތަކުގައި ހިމެނެނީ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަ ބިލު ބޭރުކޮށްލަން ގޮވާލައި ކުރައްވާފައިވާ ޓްވީޓްތަކެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އެ ބިލަކީ ނަފުރަތުގެ އަމަލުތައް ތަފްސީލްކޮށް ބަޔާން ކުރުމުގެ މަގްސަދުގައި ކަމަށް ވިދާޅުވެ ހުށަހަޅުއްވާފައިވާ ބިލެކެވެ.

އެ ބިލުގައި، އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ނަފުރަތުގެ އަމަލެއް ކަމާއި އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން އޮތުމުން ގިނަ ބަޔަކު އަންނަނީ އެ ކަމަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ބިލުގެ އެ މާއްދާ އެ ގޮތަށް އިބާރާތް ކޮށްފައި އޮތުމުން ޚިޔާލު ފާޅު ކުރުމާއި ދީނީ ނަސޭހަތް ދިނުމާއި އިސްލާމް ދީނުގައިވާ މުންކަރާތްތައް ނަހީ ކުރަން އޮންނަ ހައްގަށް ހުރަސް އެޅޭ ކަމަށ ވިދާޅުވެ ދީނީ އިލްމުވެރިންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ މީސް މީޑިއާ ކެމްޕޭނެއް ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބިލް

    ހެހެ ހާދަ އަވަހަކަށް. މީހަކު މުރުތައްދުވިނަމަ ރިޕޯޓް ކުރާތާ ދެ މަސް ފަހުން ކިރިޔާ ޕޮލިހުން އެކަމާ ވާނީ. ދެން އުޅޭނީ އޭނާ ހިމާޔަތް ކުރަން.

    23
    1
  2. ޒާ

    ބިރު ދައްކަން

    20
    2
  3. ލާދީނީ

    އަދި އެއުޅެނީ ބިލް ދިރާސާކޮށް ނުނިމިގެން މިހާރުވެސް ފުލުހަށް ދަމަންފެށީ.

    ވީމާ ތި ބިލް ފާސްވީމާ ކިހާވަރެއް ދައްކާލާނެ.

    6
    1
  4. ކިހިނެތް މިވަނީ

    ޖެނިފާރ ނުގެންދޭތަ؟ މީހަކު މެރުމަށް ގޮވާފައިވާތަން ނޫހަކުން ފެނުނު. އަދި 21/6/2023 ގައިވެސް ލާދީނީ ވާހަކަތަކެއް ދައްކާފައި ހުރި ޕޯސްޓެއް އެބަފެނޭ

    7
    1