ނަފުރަތުގެ އަމަލުތައް އިތުރަށް ބަޔާން ކުރަން ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ރާއްޖޭގެ އިންސާނީ ހައްގުތަކާއި ބެހޭ އިދާރާ (އެޗްއާރުސިއެމް)އިން ގިނަ ހުށަހެޅުންތަކެއް ހުށަހަޅައިފިއެވެ.

އެޗްއާރުސީއެމް އިން އެ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެޗްއާރުސީއެމްގެ މެމްބަރަކު "ވަގުތު" އަށް މީގެ ކުރިން ވިދާޅުވީ އެ ބިލަށް ރެކޮމެންޑޭޝަން ހުށަހެޅީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށް ގިނަ ކަންތައްތަކެއް ރިވިއުކުރުމަށް ފަހުގައި ކަމަށެވެ.

އެގޮތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ކަންކަމަށް ބާރު ދިނުމަށް ވަރަށް ތަފްސީލުކޮށް ލިޔުމުން ހުށަހަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެޗްއާރުސީއެމް އިން މި ބިލަށް ދިނީ ކިތައް ރެކޮމެންޑޭޝަން ކަމެއް އަދި އޭގެ ތެރޭގައި ހިމެނެނީ ކޮންކަހަލަ ރެކޮމެންޑޭޝަންތަކެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

މި ބިލް ދިރާސާކުރާ ޖުޑީޝަރީ ކޮމިޓީ އިން ވަނީ ތިން އިދާރާއެއްގެ ލަފާ މި ބިލަށް ހޯދަން ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އާއި އިސްލާމިކް މިނިސްޓްރީ އާއި އެޗްއާރުސީއެމްއެވެ. އެ ދެ އިދާރާއިން ވެސް ވަނީ އެ ބިލަށް ޚިޔާލު ފޮނުވާފައެވެ. ބިލަށް ލިބިފައިވާ ޚިޔާލުތައް ދިރާސާކޮށް ނިންމާނެ ސުންގަޑިއަކަށް އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަސް ކަނޑައަޅަން އެ ބިލު ދިރާސާ ކުރާ ޖުޑިޝަރީ ވަނީ ނިންމައިފައެވެ.

ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލާއި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވެސް ދެކޮޅު ކަން ވަނީ ހާމަކޮށްފައެވެ. އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ވެސް މި ބިލަށް ތާއީދެއް ނުކުރެއެވެ.

އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ހިސާން ވިދާޅުވި ގޮތުގައި އެ ބިލު ފަރުމާ ކޮށްފައި ވަނީ އިސްލާމީ ޝަރީއަތަށާއި އިސްލާމީ އިމާމުންގެ އިރުޝާދުތަކަށް ރިއާޔަތްކޮށްގެނެވެ. އެކަމަކު ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތް ކުރާ ކަމަށް ހިސާން ވިދާޅުވިއެވެ.

އަދި އެ ބިލުން ދީނީ ނަސޭހަތް ދިނުމާއި ދަރުސް ދިނުމަށް އެއްވެސް ވަރަކަށް ހުރަސް އެޅިގެން ނުދާނެ ކަމަށް ހިސާން ވިދާޅުވެއެވެ. އެ ބިލަކީ ނަފްރަތު އުފެއްދުމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ހުށަހެޅި ބިލެއް ކަމަށް ހިސާން ވިދާޅުވެއެވެ.