ބްރިޖްގެ މަސައްކަތް ކުރިއަށްދަނީ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ 67 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި ކަނޑައެޅިފައިވާ ތާރީޙަށް ބްރިޖްގެ މަސައްކަތް ނިމިގެންދާނެކަމުގެ ޔަގީންކަން ބްރިޖްގެ މަސައްކަތް ކުރަމުންދާ ޗައިނާގެ ސީސީސީއާ ކުންފުނިން ބުނެފިއެވެ.

ADS BY SHEESHA

އެ ކުންފުނިން މިއަދު ބޭއްވި ބައްދަލުވުމެއްގައި ބްރިޖް ޕްރޮޖެކްޓް އެގްޒެކެޓިވް މެނޭޖަރު، މރ. ލިން ވިދާޅުވީ، ބްރިޖްގެ ކޮންސްޓްރަކްޝަން މަސައްކަތުގެ 67 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

އަދި އެ މަސައްކަތްތައް ކުރެވެމުން ދަނީ ޝެޑިއުލާއި އެއްގޮތަށް ކަމަށާއި، ބްރިޖް ހުޅުވަން ކަނޑައަޅާފައިވާ ތާރީހަށް އެ މަސައްކަތް ނިމޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް ލިން ވިދާޅުވިއެވެ.

މިހާރު ނިމިފައި ހުރި މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ލިން ވިދާޅުވީ، މެއިން ބްރިޖްގެ ޕެއާ ފައުންޑޭޝަން ނިމިފައިވާކަމަށާއި، އަދި އެޕްރޯޗް ބްރިޖްގެވެސް ޕެއާ ފައުންޑޭޝަން ނިމިފައިވާކަމަށެވެ. އަދި އެޕްރޯޗް ބްރިޖްގެ ޕައިލް ކޮންސްޓްރަކްޝަންވެސް ނިމިފައިވާކަމަށެވެ.

އަދި މިވަގުތު ބްރިޖްގައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން ލިން ވިދާޅުވީ، މިހާރު ކުރެވެމުން ދަނީ ބްރިޖުގެ އެންމެ މައި ހިސާބުގެ ތިން ތަނބެއް ނިންމުމުގެ މަސައްކަތް ކަމަށެވެ. އަދި މިމަސައްކަތުގެ ތެރެއިން ބްރިޖުގެ އެންމެ އުސް ހިސާބުގައިވާ ތަނބު މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލިން ވިދާޅުވީ، ހުރިހާ މަސައްކަތެއްވެސް ކުރެވެމުންދާނީ "އަންޑާ ކޮންޓްރޯލް"ގައި ކަމަށެެވެ.

އިތުރަށް ލިން ވިދާޅުވީ، "ސްޓީލް ބޮކްސް ގާޑާ ބީމް" ފެބްރިކޭޓް ކުރުމުގެ މަސައްކަތް ޗައިނާގައި ފަށާފައިވާ އިރު އެ މަސައްކަތް ނިންމައި ބީމްތައް އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅު ރާއްޖެ ގެނެވޭނެކަމަށެވެ.

ބްރިޖްގެ މަސައްކަތް ނިންމުމަށް ތާވަލް ކޮށްފައި އޮތީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް ހައުސިންގ މިނިސްޓަރު ޑރ. އިބްރާހިމް މުއިއްޒު މީގެ ކުރިން ވިދާޅުވިގޮތުގައި، އެ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ތާރީޙުގެ ކުރިން ނިމޭނެއެވެ. އެގޮތުން އެ މަސައްކަތް ކުރައްވަމުން ގެންދަވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހު ބްރިޖްގެ ނިންމާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ,

ADS BY SHEESHA

ބްރިޖްގެ ދިގު މިނުގައި 1.39 ކިލޯ މީޓަރު ހުންނާނެއެވެ. ބްރިޖްގެ މަސައްކަތައް ޚަރަދު ވާނީ 210 މިލިއަން އެމެރިކާ ޑޮލަރު (3.2 ބިލިއަން ރުފިޔާ) އެވެ. މި މަޝްރޫއު އަށް ހިލޭ އެހީގެ ގޮތުގައި ޗައިނާ އިން 126 މިލިއަން ޑޮލަރާއި ހިލޭ އެހީގެ ގޮތުގައި އެހެނިހެން އެހީތައް ދޭން ވަނީ ނިންމައިފައެވެ.

1 ކޮމެންޓް

  1. ކޮބާ އެމްޑީޕީން މިރޭބަޔާން ނެރޭނެ ބްރިޖް ނޭޅޭނޭކިޔާފަ