ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރުގައި ހުންނަވައިގެން އޮންލައިން ޝަރީއަތެއްގައި ބައިވެރިވެވަޑައިގަންނަވަނީ ރާއްޖޭގެ އިހްތިސާސް ހުރި ތަނެއްގައި ކަން ޔަގީން ނުކުރެވޭތީ ޕާސްޕޯޓް ހިފަހައްޓަން އަނެއްކާ ވެސް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަ ދައުވާއެއް އުފުލާފައިވަނިކޮށް ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. އެ ހުއްދަ ދިނީ އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.

އަލީ ވަހީދަށް ޕާސްޕޯޓް ދީ، އޭނާ ރާއްޖޭން ވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ކްރިމިނަލް ކޯޓުގައި އޭނާގެ ޝަރީއަތުގެ އަޑުއެހުމެއް މިދިޔަ ހޯމަ ދުވަހު ބޭއްވިއިރު، އެ އަޑުއެހުމުގައި އަލީ ވަހީދު ބައިވެރިވަޑައިގަތީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީގައި ހުންނަވައިގެން ކަމަށް ކޯޓުން ބުންޏެވެ.

އެހެންވިޔަސް އޭނާ ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވީ ހުންނެވި ތަން ވެސް ސާފުނުވާ ގޮތަށް ކަމަށްވާއިރު ރާއްޖޭގެ އިހްތިސާސް ހިނގާ ތަނެއްގައި އަލީ ވަހީދު ހުންނަވައިގެން މެނުވީ އެ ޝަރީއަތް ގެންދަން ޕީޖީން ވަނީ އިއުތިރާޒްކޮށްފައެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ފުލުހުން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައިގެން ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. އެ ގޮތަށް ހުށަހަޅަން ފުލުހުންގެ މުއައްސަސާގައި އެދިފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްއެވެ.

ޕީޖީގެ އޮފިޝަލަކު ވެސް ވަނީ މި ކަން ކަށަވަރު ކޮށްދެއްވައިފައެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ތެރޭގައި ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެވެ.

އަލީ ވަހީދު ފުރައިގެން ދާން ފުރުސަތު ލިބޭނެ ގޮތް ވުމުން ޕީިޖީ އޮފީހަށާއި ކްރިމިނަލް ކޯޓަށާއި ސަރުކާރަށް ވެސް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. އެކަމަކު ޕީޖީ ވިދާޅުވަނީ އެ ކަމާ ދައުލަތުން ދެކޮޅު ހަދާފައިވަނިކޮށް ކޯޓުން އެ ހުއްދަ ދިނުމުން، އޭގައި ޕީޖީ އޮފީހުގެ ފެއިލް ވުމެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަބޭ2020

    ޢަޅެދެންދޯ 😆😆😆😆😆😆😆😆😆😆

  2. ާަެެައބދ

    ކިހާދެރަ މިއުޅޭ ބާރަށް ހަޅޭލަވާ ތާކުންތާކުނުޖެހޭ ޚާއިނުން ދިވެހި ދައުލަތުގެ ށާން ސައުކަތާ ކުޅެލަނީ ބޭނުން ގޮތަކަށް .މި މީހުންނަށްވުރެ ދައުލަތް ބަލިކަށިތަ؟؟؟؟؟؟؟.!!!!!!!! ދޮގުވާހަކަ މިދިވެހިދައުލަތުގަ ހުންނާނެ އެމީހުން ބުމަރެއްހެން އަނބުރާފަ މިގައމަށް ގެނެވޭނެ ބާރު . އަހަރެން އެދެނީ އެމީހުން މިދަެުލަތުގެ ބާރުތަކައް އެހަދާ މަކަރު ތަކަށް އެކެއް ދޭއް ކިޔާފަ ދައުވާކޮށް ދިރިތިބީންނަށް އިބުރަތަކައްވާ ވަރުގެ ދިގު ޖަލުހުކުމްތަކެއް އެމީހުންނާ ކުރިމަތިވުން...!!!!!!!