ސަން ޓްރެވެލްސްގެ އެކައުންޓްތައް ފްރީޒް ކުރަން ސިވިލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބޭރުކޮށްލިއިރު، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށް ޝަރީއަތް ފަށަން ތާވަލުކޮށްފިއެވެ.

ސަން ޓްރެވެލްސްއަކީ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ވިޔަފާރި ކުންފުންޏެވެ.

މި މައްސަލައަކީ ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވެލްސް އިން ބާތިލް ކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން ނެރެފައިވާ އަމުރާ އެއް ގޮތަށް ސަން ޓްރެވެލްސް އިން ފައިސާ ނުދައްކާތީ އުފެދިގެން އައި މައްސަލައެކެވެ.

މި މައްސަލަ ސިވިލް ކޯޓުން ހުކުމް ކުރީ ސިންގަޕޫރު އާބިޓްރޭޝަންގެ ނިންމުމާ ޚިލާފަށް ސަން ޓްރެވެލްސްއަށް 17 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމް ކުރިއެވެ. އެކަމަކު މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުން މައްސަލަ އަނބުރާ ބަލަން އަންގައިފައެވެ.

2017 ވަނަ އަހަރު ހައި ކޯޓުން ނިންމި މައްސަލަ މިދިޔަ އަހަރު ސުޕްރީމް ކޯޓުގައި ސަން ޓްރެވެލްސްއިން ވަނީ އިސްތިއުނާފް ކޮށްފައެވެ. މިދިޔަ އަހަރު ހުށަހެޅި އިސްތިއުނާފްގެ އެ މައްސަލާގައި ދެ އަޑުއެހުމެއް ވެސް ކުރިން ބާއްވާފައިވެއެވެ.

ސުޕްރީމް ކޯޓުގެ ތާވަލުގައިވާ ގޮތުން، ދެން އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

ސުޕްރީމް ކޯޓުގައި މި ޝަރީއަތް މި ފަށަނީ، ސަން ޓްރެވެލްސްގެ އެކައުންޓް ފްރީޒް ކުރަން ސިވިލް ކޯޓުން އަމުރެއް ނެރެފައިވަނިކޮށެވެ. މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައިފައެވެ.