ކުރީގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރުގައި ހުންނަވައިގެން އޮންލައިން ޝަރީއަތެއްގައި ބައިވެރިވެވަޑައިގަންނަވަނީ ރާއްޖޭގެ އިހްތިސާސް ހުރި ތަނެއްގައި ކަން ޔަގީން ކޮށްދޭން ފޮރިން މިނިސްޓްރީގައި އެދިއްޖެއެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަ ދައުވާއެއް އުފުލާފައިވަނިކޮށް ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. އެ ހުއްދަ ދިނީ އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.

އަލީ ވަހީދަށް ޕާސްޕޯޓް ދީ، އޭނާ ރާއްޖޭން ވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ކްރިމިނަލް ކޯޓުގައި އޭނާގެ ޝަރީއަތުގެ އަޑުއެހުމެއް މިދިޔަ ހޯމަ ދުވަހު ބޭއްވިއިރު، އެ އަޑުއެހުމުގައި އަލީ ވަހީދު ބައިވެރިވަޑައިގަތީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީގައި ހުންނަވައިގެން ކަމަށް ކޯޓުން ބުންޏެވެ.

އެހެންވިޔަސް އޭނާ ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވީ ހުންނެވި ތަން ވެސް ސާފުނުވާ ގޮތަށް ކަމަށްވާއިރު ރާއްޖޭގެ އިހްތިސާސް ހިނގާ ތަނެއްގައި އަލީ ވަހީދު ހުންނަވައިގެން މެނުވީ އެ ޝަރީއަތް ގެންދަން ޕީޖީން ވަނީ އިއުތިރާޒްކޮށްފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، މި ކަން ޔަގީން ކުރަން ފޮރިން މިނިސްޓްރީއަށް އެ އޮފީހުން ސިޓީއެއް ފޮނުވީ މިއަދުގެ ވަގުތެއްގައެވެ. އޭގެ ޖަވާބު އަދި ނުލިބޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވަނީ ޑެޕިއުޓީ ހައި ކޮމިޝަނަރު ނައުޝާދު ވަހީދުގެ ގޭގައި ކަމަށް ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އަދި އޭނާގެ ކެއުމާއި ދަތުރުފަތުރުގެ ޚަރަދު ވެސް ދެނީ ދިވެހި ސަރުކާރުން ކަމަށް ރިޕޯޓްކޮށްފައި އޮތެވެ. އެކަމަކު މި ކަން އެ ގައުމުގައި ހުންނަވާ ދިވެހި ހައި ކޮމިޝަނަރު ޑރ. ފަރަހަނާޒް ފައިސަލް ދޮގު ކުރައްވައެވެ.

އަލީ ވަހީދު ފުރައިގެން ދާން ފުރުސަތު ލިބޭނެ ގޮތް ވުމުން ޕީިޖީ އޮފީހަށާއި ކްރިމިނަލް ކޯޓަށާއި ސަރުކާރަށް ވެސް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. އެކަމަކު ޕީޖީ ވިދާޅުވަނީ އެ ކަމާ ދައުލަތުން ދެކޮޅު ހަދާފައިވަނިކޮށް ކޯޓުން އެ ހުއްދަ ދިނުމުން، އޭގައި ޕީޖީ އޮފީހުގެ ފެއިލް ވުމެއް ނެތް ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތައް

  1. ޖިންސީ ގުނަވަން ދެއްކި ކަމުގެ ކުށުގެ ދައުވާ
  2. ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
  3. ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  4. ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
  5. ޖިންސީ ގިނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
  6. ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދައުވާ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާހި

    ބައްލަވާ އަލީ ވަހީދަކީ ޑެޕިއުޓީ އެމްބަސެޑަރ ނުންތޯ ؟ މިހާރު އެއީ ޑިޕޮލެމޭޓެއް އެމްބަސީގައި ހުންނަވާ ! ޑެޕިއުޓީ އެމްބަސެޑަރްގެ ގޭގައި ހުންނަވާނީ ވެސް އަލީ ވަހީދު ނުންތޯ !