މީޑިއާތަކަށް ބިރު ދެއްކުމުގެ އަމަލު ނުހިންގުމަށް މިީޑިއާ ކައުންސިލުން ގޮވާލައިފިއެވެ.

މީޑިއާ ކައުންސިލުން މިގޮތަށް ގޮވާލާފައި ވަނީ ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން މީޑިއާތައް ޖޫރިމަނާކޮށް އިންޒާރު ދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެ މިނިސްޓްރީން އެކަން ކުރަމުން ދަނީ އުމުރުން 13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައާ ގުޅިގެން ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުން އަންނަ ގޮތާ ގުޅިގެންނެވެ.

މިީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ މައްސަލައިގައި އެކި މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ހަބަރުތަކާގުޅިގެން އެ މިނިސްޓްރީން މީޑިއާތައް ޖޫރިމަނާކޮށް، އިންޒާރުގެ ލިޔުން ފޮނުވަމުންދާކަމުގެ މައުލޫމާތު ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މީޑިއާގައި ޝާއިއުކުރާ ޝާއިއުކުރުންތަކުގެ މައްސަލަ ބެލުމުގެ ގާނޫނީ އިޚްތިސާސް ލިބިގެންވަނީ އެ ކައުންސިލަށް ކަމުގައިވީހިނދު، އެ ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއް ނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާކުރުމަކީ، ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.

އެހެންކަމުން އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ބަޔާނުގައި ވެެއެވެ.

އަދި ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ހަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލާއި، އެފަދަ ޝާއިއުކުރުންތަކާ ގުޅިގެން މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެގޮތް ބަޔާންކުރާ އުސޫލު އެކުލަވާލުމުގެ ބާރު ލިބިދީފައިވަނީ އެ ކައުންސިލަށް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ގާނޫނާ ހިލާފުވާ މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ، މި ކައުންސިލުން ކުރަންޖެހޭކަމެއްކަމުގައި ދެކޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި އެއީ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއްނެތި އިޖުރާއަތުން ބޭރުން، އެހެން ވުޒާރާއަކުން ނުވަތަ މުއައްސަސާތަކުން ކުރެވިދާނެކަމެއްކަމުގައި ގަބޫލު ނުކުރާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

"މިފަދަ މައްސަލަތަކުގެ ހައްލަކީ ޖޫރިމަނާކޮށް އަދަބު ދިނުންކަމުގައިވެސް މި ކައުންސިލުން ނުދެކެން، އަދި މިބީދައިން މީޑިއާތައް ޖޫރިމަނާކޮށް އަދަބުދިނުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެއިން ފަހަކަށް އައިސް ކުރިއެރުންތަކެއް ހާސިލުކުރަމުންދަނިކޮށް، ނޫސްވެރިކަމުގެ މިނިވަންކަމުގައި އެތައް ދަރަޖައެއް ފަހަތަށް ހިނގައިދާނެކަމެއް". މީޑިއާ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

މިޑީއާ ކައުންސިލުން ވަނީ ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ކައުންސިލުން ހަބަރުތައް މޮނީޓާ ކުރަމުންދިޔަ ކަން ފާހަގަކޮށްފައެވެ.

އަދި އެ ހަބަރުތަކުގައި ހިމެނޭ ގާނޫނުތަކާއި އުސޫލުތަކާއި ހިލާފަށް ހުރި ކަންކަން ދެނެގަތުމަށް އެސެސްމެންޓެއް ހެދުމަށް ނިންމައި އެ މަސައްކަތްތައް ވަނީ ފަށާފައެެވެ.

"މި މައްސަލައިގައި އެސެސްމެންޓް ހަދައި، ވަކި ގޮތްތަކެއް ނުނިންމަނީސް އެކި ފަރާތްތަކުން މީޑިއާތަކާ މެދު ފިޔަވަޅު އަޅައި އިންޒާރުގެ ލިޔުން ފޮނުވައި މީޑިއާތަކަށް ބިރު ދެއްކުމުގެ އަމަލު ނުހިންގުމަށް ގޮވާލަން.". މީޑިއާ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

މީޑިއާ ކައުންސިލުން މިގޮތަަށް ގޮވާލާފައިވާއިރު، އެ ކުއްޖާގެ މައްސަލާގައި ހަބަރު ލިޔުނު ގޮތާއި ގުޅިގެން މީޑިއާތައް ޖޫރިމަނާކޮށް އެހެން ބައެއް މީޑިއާތަކަށް އިންޒާރުގެ ސިޓީ ވަނީ ފޮނުވައިފައެވެ. އަދި އިތުރު މީޑިއާތަކަށް ސިޓީ ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީޑިއާތައް ޖޫރިމަނާ ކުރަމުން ދަނީ 2،000ރ. އިން ކަން އެނގިފައިވެއެވެ. އަދި މާފަށް އެދި ލިޔުންތައް އާންމު ކުރަން ވެސް އެ މިނިސްޓްރީން ދަނީ އަންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާމީ

    ޙަގީހަތް ހާމަކޮށް ހަބަރުތަށް ލިޔަންފެށީމަ ގޯސްމިވީ މީޑިޔާތަށް ސަރުކާރުގެ ނުކުޅެދުންތެރިކަން ގަބޫލުކުރާކަށް ބޭނުމެތް ނުވޭ މި ގައުމުގަ މީހުން މެރުން މީހުންގެ މުދަލައް ގެއްލުންދިނުން ފެންތަށްޓެއް ބޯލާފަ ނޭވާއެތް ލުންކަހަލަ ކަަމަކަށް ވެއްޖެ ވަކި ސަރުކާރަކުންނޫން ހުރިހާ ސަރުކާރަކުންވެސް ބޮޑެތި ކުށްތައް ކުޜާ މީހުން އެންމެ އަރިސްކޮށް ޕާޓީ ކަންކަމުގަވެސް ބޭނުން ކުރުމުގެ ނަތީޖާ މި ފެނިގެންދަނީ

    8
    4
  2. ޒައިކް

    މީޑިއާތަކަކީ ޤާނޫނަށްވުރެއް މަތީގަ ތިބޭ ބައެއްތޯ؟؟ ބިރެއް ގެން ގުޅޭ ބަޔަކު ނޫޅޭނެ މިރާއްޖޭގަ މި މީހުން ނޫނީ..ޤާނޫނާ ޚިލާފުވީމަ ފިޔަވަޅު އެޅުމް އެއީ ބިރުދެއްކުން ކަމަށް ވަނީނަމަ ހުރިހާ ކުއްވެރިންވެސް ގޮވަންފަށާނެ ރައްޔިތުންނަށް ބިރު ނުދައްކާށޭ ހުކުމެއް ހަމަ ކުރާއިރަށް

    4
    5