ބްރިޖާއި ގުޅިގެން ހަދާ ރިންގ ރޯޑްގެ މަސައްކަތް ނިންމުމަށް މޯލްޑިވްސް ކަރެކްޝަން ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންގެ ބޭނުން ކުރުމަށް ހައުސިންގ މިނިސްޓްރީއާއި މޯލްޑިވްސް ކަރެކްޝަން ސާވިސް އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މާލޭ އެއް ނަންބަރު ކުނި ކޮށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެ ފަހުމުނާމާގައި ކަރެކްޝަންގެ ފަރާތުން ސޮއިކުރެއްވީ ކަރެކްޝަން ސާވިސްގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިހާންއެވެ. އަދި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒެވެ.

"އަހުލުވެރި ޕްރޮގްރާމް" ގެ ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖަސް އަޝްހާދު އަބްދުﷲ

ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެމުން ކަރެކްޝަންގެ ސީޕީ އަހުމަދު ޝިހާން ވިދާޅުވީ ރިންގ ރޯޑް ހެދުމުގެ މަސައްކަތުގައި ގައިދީން ބައިވެރިކުރަން ނިންމީ އެމީހުން މަސައްކަތަށް އަހުލުވެރި ކުރުވާ ގައިދީންގެ އަހުލާޤު ރަނގަޅު ކުރުވުމަށް ކަމަށެވެ.

"ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގައި ގައިދީން ބައިވެރި ކުރަނީ އެމީހުންގެ ބައިވެރިވުމާއި އެ ގައިދީންނަކީ މަސައްކަތަށް އަހުލިވެރި ބަޔަކަށް ހެދުމަށް. އަދި ގައިދީންނަކީ މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށް،" އަހުމަދު ޝިހާން ވިދާޅުވިއެވެ.

"އަހުލުވެރި ޕްރޮގްރާމް" ގެ ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖަސް އަޝްހާދު އަބްދުﷲ

ރިންގް ރޯޑް ހެދުމުގެ މަސައްކަތުގައި 140 އަށް ވުރެއް ގައިދީން ބައިވެރިވެފައިވާއިރު އެ ގައިދީންނަކީ އަހުލާގު ރަނގަޅު އަދި ޖަލުގައި ގިނަ ދުވަސްވެފައިވާ ގައިދީން ކަމަށާއި މަސައްކަތަށް ނެރޭ ގައިދީންގެ ތެރޭގައި ހުނަރުވެރި އަދި ފަންނީ ގައިދީންވެސް އެބަތިބި ކަމަށް ޝިހާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގައިދީންގެ ފަރާތުން މަގުހެދުމަށް ލިބޭ އެއްބާރުލުން ވަރަށް ބޮޑު ކަމަށާއި ގައިދީން އެ މަސައްކަތް ކުރަނީ ކުރާ ހިތުން، ވަރަށް ރަނގަޅަށް ކަމަށެވެ. އަދި މަގު ހެދުމުގެ މަސައްކަތުގައި ޤައިދީން ނެރިގެން އުޅޭއިރު ސަލާމަތީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށްވެސް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

"އަހުލުވެރި ޕްރޮގްރާމް" ގެ ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖަސް އަޝްހާދު އަބްދުﷲ

"ރިންގ ރޯޑު ނުވަތަ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ގައިދީން ކުރަމުން ގެންދަނީ ވަރަށްވެސް ފުރިހަމައަށް ކުރާ ހިތުން. އެނގިވަޑައިގަންނަވާނެ މާލޭގެ މަގުތަކަކީ އެއްވެސް ވަރަކަށް އަޕްގްރޭޑް ކުރެވިފައި ހުރި މަގުތަކެއް ނޫން. އެހެން ކަމުން މަގު ހެދުމަކީ ފަސޭހަ ކަމެއް ނޫން. ނަމަވެސް ގައިދީންގެ ފަރާތުން ފެނިގެންދަނީ މަސައްކަތް ކުރާ ހިތުން މަސައްކަތް ކުރާތަން،" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގައި ބޭނުންކުރާ ގައިދީންނަށް ދުވާލެއްގެ މަށްޗަށް 80 ރުފިޔާ ދެވިގެންދާއިރު އެއީ ޖަލުތަކުގައި ކުރާ އެހެން މަސައްކަތަށް ދޭ އުޖޫރައާއި އަޅާ ބަލާއިރު 20 އިންސައްތަ އާއި 100 އިންސައްތަ ބޮޑު އުޖޫރައެވެ. އަދި މި ފަދަ މަސައްކަތްތަކުގައި ބައިވެރިވާ ގައިދީންގެ ފައިލްތަށް ވަކި ވަކިން ނޯޓު ކުރެވި އެ ގައިދީންގެ މަސައްކަތަށް ބަލައި އަދަބު ލުއިކޮށްދޭނެ ކަމަށްވެސް ކަރެންޝަން އިން ބުނެއެވެ. އަދި އެއީ އާންމުކޮށް ހުކުމްގެ ތިންބައިކުޅަ އެއްބައި ތަންފީޒު ކުރުމުން އަދަބު ލުއިކޮށްދިނުމުގައި ޕޮއިންޓް އިތުރުވާ ކަމެއް ކަމަށްވެސް ކަރެކްޝަން އިން ބުނެއެވެ.

ކަރެންޝަން ސާވިސް އާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަކްޗަރ އާއި ދެމެދު މިއަދު ވެވުނު އެއްބަސްވުމަކީ ހަމައެކަނި ބޮޑުތަކުރުފާނު މަގު މޭރީ ބްރައުން އާއި ހިސާބުން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލް އާއި ހަމައަށް އެ މަގު ނިންމުމުގައި ގައިދީން ބޭނުން ކުރުމަށް "އަހުލުވެރި ޕްރޮގްރާމް" ގެ ދަށުން ވެވުނު އެއް އެއްބަސްވުމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މަހަށްދޭބަލަ

  ބޭރު މަގުގެ މަސައްކަތަށް 140 ގައިދީން ނެރެން އެއްބަސްވުމެއްގައި ސޮއިކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކެވެ. ގައިދީން ނެރެގެން އެމެން ލައްވާ ބުރަ ކޮށް މަސައްކަތް ގަޅުވައިގެން ވަރުގަދަ ވާރކް ފޯސް އެއް ނެރެންވީ އެއިރުން އެމެން ޕާރޓޭ އިންގެ ވިޔަފާރިން ދުރަށް ގޮސް ރަނގަޅު ދިރިއުޅުމެއް ހޯދަން މަސައްކަތް ކުރާނީ،. މިކަމާއި ދެކޮޅު ހަދާ ބަޔަކު ހަދަންވީ ނޯ ވޮރީސް. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދެން މަހަަށް ދޭބަލަ މަަހަށް މަހަށް މަހަށް މަހަށް ދޭބަަލަ..

 2. އަޝްރަފް

  ވަރަށް ރަނގަޅު ކަމެއް.

 3. ޙަބޭސް

  ރަގަޅުކަމެއް

 4. މާމިގިލީ މީހާ

  ބަންގާޅިން މަދުކޮއްފައި ގައިދީން ލައްވާ ހުރިހާ މަސައްކަތް ތައް ކުރުވަ ބަލަ..

 5. ޜަސީދު

  ރަގަޅު

 6. އެމީހާ

  ވ. ވެސް ފުރިހަމަ ނިންމުމެއް!!!... ގައިދީންނަކީ ވެސް މުޖުތަމައު އަށް ބޭނުންތެރި ބައެއް ގެ ގޮތުގަ އިމީހުން ބޭނުން ކުރުމުން އެމިހުން ނަފުސާނީ ގޮތުން ދުޅަހެޔޮވެގެން ދާނެ، ސަބަބަކީ އެއިރަށް އެމީހާ އށް ވިސްނޭނެ ތިމާ އަކީ ވެސް ބޭނުންތެރި މީހެއްކަން، ޖަލަށްލެވުނަސް ތިމާ ގެ ދިރިއުޅުން ނިމުނީ ނުންކަން، ރަގަޅަށް ކޮންމެތާކު އުޅުނަސް އެކަމުގެ ރަގަޅު މަންފާ ކުރާނެކަން...ސާބަސް ރައީސް އަސް