އުމުރުން 13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައާ ގުޅިގެން ބައެއް މީޑިއާތަކުން ހަބަރު ގެނެސްދީފައިވާ ގޮތާއި ގުޅިގެން މީޑިއާތަކަށް ފިޔަވަޅު އަޅާ އިންޒާރުދިން މައްސަލާގައި ދިވެހި ނޫސްވެރިންގެ ޖަމިއްޔާއިން ކުށްވެރިކޮށްފިއެވެ.

އެ މައްސަލާގައި ނޫސްތަކަށް އިންޒާރުދީފައި ވަނީ ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ފެމިލީ ޕްރޮޓެކްޝަން ސާވިސް އިންނެވެ. އެގޮތުން އެ މިނިސްޓްރީން ވަނީ "އަވަސް އޮންލައިން" 2،000 ރުފިޔާއިން ޖޫރިމަނާކޮށް، މައާފަށް އެދެން އެންގާފައެވެ. އަދި "ވަގުތު"، "ވަން އޮންލައިން" އަދި "އަދަދު" ނޫހަށް މިނިސްޓްރީން އިންޒާރުކޮށް ނޯޓިސް ވަނީ ފޮނުވާފައެވެ.

މި މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނެރުނު ބަޔާނެއްގައި ވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން ބާރު ލިބިގެން ކަމަށް ބުނެ ސީދާ ސަރުކާރުގެ ވުޒާރާއަކުން މީޑިއާތަކުން ރިޕޯޓްކުރާ ކޮންޓެންޓް ރެގިއުލޭޓްކޮށް، މީޑިއާތަކަށް ފިޔަވަޅު އަޅާ އިންޒާރުކޮށް ހެދުމަކީ އެ ޖަމިއްޔާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ.

އަދި ރާއްޖޭގައި މީޑިއާ ރެގިއުލޭޓްކު ގޮތާއި، އެކަން ކުރާ މުއައްސަސާތައް ސާފުކޮށް ގާނޫނުގައި ބަޔާންކޮށްފައިވަނިކޮށް، އެފަދަ އެއްވެސް މުއައްއަސަސާއެއްގެ ބައިވެރިވުމެއް އަދި މަޝްވަރާ އެއް ވެސް ނެތި، ސަރުކާރުގެ ފަރާތުން މީޑިއާތަކަށް އިންޒާރު ދީ، ޖޫރިމަނާކުރުމަކީ މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަހެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދިޖެންޑާ މިނިސްޓްރީއިން ފިޔަވަޅު އެޅި މީޑިއާތަކުން މި ޖަމިއްޔާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ފިޔަވަޅު އެޅުމުގެ ކުރިން ޖަވާބުދާރީވުމުގެ އެއްވެސް ފުރުސަތެއް އަދި އެއްވެސް ޒާތެއްގެ މުއާމަލާތެއް ކުރުމެއް ނެތި ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެ މައްސަލާގައި މީޑިއާ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މީޑިއާތަކަށް ބިރުނުދެއްކުމަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝުޖާއު އިސްމާއިލް

    އައިޝަތު މުހައްމަދުދީދީ ވަޒީރު ކަމުގެ ޒިންމާ ފުރިހަމައަށް އަދާނުކުރާތީ އެވާހަކަތައް މީޑިޔާތަކުން ގެނައީމާ ކުށްވެރިމިވީ މީޑިޔާތައް. މިއީ ކޮންކަހަލަ ސަރުކާރެއް. އަހަރަމެން ހީކުރީ ރައީސް އިބޫގެ ސަރުކާރުގަ މިކަހަލަ ދެއުޅިގެން ނުވާކަންކަން ނުކުރާނެކަމަށް.

  2. ނ

    ސަރުކާރުގެ ހުރިހާ ވުޒާރާތައް ފައިލް ވެފަ
    ޜާއްޖޭގެ ތާރީޚްގައި ވެސް ނެތް މިވަރަށް ސްލޯ ސަރުކާރެއް
    ޙަމަ ހިންގަން ނޭނގެނީ

  3. ފަތީނާ

    އަޖައިބު އަންތަރީސް. އަދިވެސް ރައީސް އިބޫގެ ސަރުކާރުން ފިޔަވަޅު އަޅަނީ މީޑިއާތަކަށްތަ؟ ބަލަ މީޑިއާ ތަކުންތަ 13 އަހަރުގެ ކުއްޖާގެ މައްސަލައިގަ އިހުމާލުވީ؟ ނޫނީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީތަ؟ އެ ޢާއިޝަތު މުޙައްމަދު ދީދީ ވަކިނުކުރަންޔާ ރައީސް އިބޫ އަށް އިތުރު ދައުރަކަށް ދޭނެ ވޯޓެއް ނެތް.