މޮނިޓަރިންގެ ހާލަތައް ގެންނަ ރަށްތަކުގައި ކާފިއު އިއުލާން ކުރަން އެޗްޕީއޭ އިން އާއްމުކޮށްފައި އޮތް އުސޫލާއި ހއ.ދިއްދޫ ކައުންސިލުން ހިލާފު ވެއްޖެއެވެ.

އެޗްޕީއޭ އިން ނިންމާފައި ވަނީ މޮނިޓަރިންގެ ހާލަތައް ގެންނަ ރަށްތަކުގައި ރޭގަނޑު 09:00 އިން ފެށިގެން ފަތިހު 04:00 އަށް ކާފިއު ހިންގާށެވެ. އެވަގުތުތަކުގައި ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހިގެން ނަމަވެސް ގެއިން ބޭރަށް ނިކުންނަން ޖެހޭނީ ފުލުހުންގެ ހުއްދަ އޮވެގެންނެވެ.

ނަމަވެސް މިއަދު މޮނިޓަރިންގެ ހާލަތައް ގެނެސްފައި އޮތް ދިއްދޫގައި އެޗްޕީއޭގެ އުސޫލެއް ނުހިންގައެވެ. ދިއްދޫ ކައުންސިލުން މިއަދު ހަވީރު ވަނީ އަމިއްލަ އުސޫލެއް އާއްމުކޮށްފައެވެ. ދިއްދޫ ކައުންސިލްގެ އުސޫލުގެ ދަށުން ދިއްދޫގައި ކާފިއު ފަށަނީ މިރޭ 00:00 ގައި ކަމަށް މައުލޫމާތު ލިބެއެވެ. މިއާއެކު ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް، ދެ ވަގުތެއްގައި ދިއްދޫގައި ކާފިއު ހިންގަން ކައުންސިލުން ވަނީ ނިންމާފައެވެ.

ދިއްދޫ ކައުންސިލްގެ އާއުސޫލަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެޗްޕީއޭ އިން މޮނިޓަރިންގައި އޮންނަ ރަށްތަކަށް އާއުސޫލެއް އާއްމު ކުރުމުގެ ކުރިން އެރަށު ކައުންސިލުން އަމަލު ކުރި އުސޫލެކެވެ.

އެޗްޕީއޭގެ އުސޫލު ބުނާ ގޮތުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކަށްވުރެ އިތުރު އުސޫލުތަކެއް އެއްވެސް ރަށެއްގައި އިއުލާން ކުރެވޭނީ ކައުންސިލުން އެޗްޕީއޭގައި އެކަމުގެ ހުއްދައަކަށް އެދުމަށްފަހު، އެޗްޕީއޭ އިން ހުއްދަ ދިނުމުންނެވެ.

އެޗްޕީއޭގެ ނިންމުމުގެ މައްޗަށް އަމަލު ކުރާ، ބާރުގަދަ އުސޫލެއް ދިއްދޫ ކައުންސިލުން އެކުލަވާލައި އެއުސޫލަށް އަމަލު ކުރާ ސަބަބެއް ސާފެއް ނުވެއެވެ.

ދިއްދޫ މޮނިޓަރިންގެ ހާލަތައް ގެނައީ ކަރަންޓީންގައި ނެތް މީހަކު ކޮވިޑަށް ފައްސިވުމުންނެވެ.