ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރ އާ އިއްޔެ ވާޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވީ މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ކޮވިޑް-19 އާ ބެހޭ ގޮތުންނާއި ތިމާވެށި ހިމާޔަތްކުރުމާ، ރާއްޖޭގައި ޑިމޮކްރަސީ އިތުރަށް ހަރުދަނާކުރުމާ އަދި މާލީ ހިންގުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.

ޝާހިދު ވަނީ މެދުކެނޑުމެއް ނެތި އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، އެމެރިކާއިން ކޮވިޑް-19 ވެކްސިން އެންމެ ފުރަތަމަ ފޯރުކޮށްދޭނެ ގައުމުތަކުގެ ތެރޭގައި ރާއްޖޭ ހިމެނޭކަން ފާހަގަކުރައްވާ އެކަމަށްވެސް ޝުކުރު އަދާކުރައްވައިފައެވެ.

އަދި އެމެރިކާއަކީ ރާއްޖެއަށް ބޭނުން ޖެހިއްޖެ ކޮންމެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދޭ، އިތުބާރު ހުރި ރަހުމަތްތެރިއެއްކަން ސާބިތުކޮށްދީފައިވާކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް ޔޫއެސްއޭއައިޑީ މެދުވެރިކޮށް އެމެރިކާއިން ވެންޓިލޭޓަރ އަދި ޕީޕީއީ ހަދިޔާކޮށްފައިވެއެވެ.

ސަމަންތާ ޕަވަރ އަކީ ޔޫއެސްއޭއައިޑީ ގެ 19 ވަނަ އެޑްމިނިސްޓްރޭޓަރއެވެ.