ކޮވިޑް-19 ޖެހޭ ކުޑަ ކުދިންނަށް ޖެހޭ ނުރައްކާތެރި ބަލި ކަމަށްވާ މަލްޓިސިސްޓަމް އިންފްލްމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރަން (މިސް-ސީ) ބަލި މަދު ކުރަން ބޭނުން ނަމަ މަދު ކުރަން ޖެހެނީ ކޮވިޑް-19 ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

މިއީ ނުރައްކާތެރި ބައްޔެއް ކަމަށާއި ރާއްޖެއިން މި ބަލީގެ ވޭދަނަތަކެއް ފެނިފައިވާ ކަމަށް މީގެ ކުރިން ޑރ. ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލް ވިދާޅުވީ، މި ބައްޔަކީ އެއީ ބައްޔަކަށް ފަހު ޖެހޭ ބައްޔެއް ކަމަށެވެ. އަދި އާއްމުކޮށް ޖެހެނީ އުމުރުން 10 އަހަރުން ދަށުގެ ކުދިންނަށް ކަމަށާއި އެކުދިން ކޮވިޑަށް ފައްސިއިރު އާއި ބަލިން ރަނގަޅުވެ ދެ ހަފްތާ ފަހުން ވެސް ބަލި ޖެހިފައި އެބަ ހުރި ކަމަށް ވިދާޅުވިއެވެ.

މިސްކަކީ ނުރައްކާތެރި ބައްޔެއް ނަމަވެސް، އެއީ ގައިން ގަޔަށް އަރާ ބައްޔެއް ނޫން ކަމަށާއި ގައިން ގަޔަށް އަރާ ބައްޔަކީ ކޮވިޑް-19 ކަމަށް ފައިސަލް ވިދާޅުވިއެވެ.

"މިސްކު ބަލި ތަހައްމަލު ކުރަން ޖެހެނީ ކޮވިޑް ޖެހޭ ކުދިން. މިސްކު މަދު ކުރަންޏާ މަދު ކުރަންވީ ކޮވިޑް. ކޮވިޑުން ރަނގަޅު ވިއަސް ހަތަރު ހަފްތާއަށް ބަލަން ޖެހޭ. ހުންގަދަވެ އިތުރު އަލާމާތްތައް ހުންނަންޏާ ދައްކަންވާނެ" ފައިސަލް ވިދާޅުވިއެވެ.

ރާއްޖެއިން މި ބަލި ޖެހިފައިވާ ހަތް ވަރަކަށް ކުދިން ފެނިފައިވާއިރު، ފައިސަލް ވިދާޅުވީ، މި ބަލީގެ ވޭދަނަތަށް އުޅެނީ މާލެއާއި ފާފު އަތޮޅުގައި ކަމަށެވެ.

މިސްކުގެ އަލާމާތްތަކުގެ ތެރޭގައި މަދުވެގެން ތިން ދުވަހު ގަދަޔަށް ހުން އައުން، ހިތުގެ ވިންދާ ލޭގެ ޕްރެޝަރު ދަށްވުން، ކަނދުރާގައި ރިއްސުން، އުކުޅުވަޅުގައި ރިއްސުން، ލޭ މަނާވުމުގެ ބައި ދަށްވުން އަދި ހޮޑުލުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އަތާއިފައި އަދި ހަށިގަނޑު ރަތްވުން، އަތާއިފައި ދުޅަވުން، އަތާއިފައިން ހަންފޮޅުން، އެކިވައްތަރުގެ ބިހިތައް ނެގުން، ލޮލުގަ މަޑުނުލާ ލޯ ރަތްވުން، ކަރުގައި ގޮށްލުން އަދި ދުލާއި ތުންފަތާއި ކަރު ވަރަށް ރަތްވުން ފަދަ އަލާމާތްތައް ހިމެނެއެވެ.