ރާއްޖޭގެ ސީމަނުންގެ ހައްގުގައި އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް އަދި ކުރަންޖެހޭ ކަމެއް ކުރުމުގައި، ސާބިތު ކަމާއެކު ފަސްނުޖެހި ދެމި ހުންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ނަހުލާ މިހެން ވިދާޅުވީ، ބައިނަލް އަހްވާމީ ގޮތުން ފާހަގަކުރާ، ކަނޑު އުޅަދު ފަހަރުގެ ފަޅުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ.

ނަހުލާ ވިދާޅުވީ، މި ދުވަސް ދުނިޔޭގެ ފެންވަރެއްގައި ފާހަގަ ކުރުމުގެ މަގްސަދަކީ، ސީމަނުންގެ ގުރުބާނީއާއި ހިދުމަތުގެ އަގުވަޒަން ކުރުމާއި، ސީމަނުންގެ މަސައްކަތާއި އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަށް ވަކާލާތުކުރުމާއި، އެމީހުންގެ ސިއްހީ އަދި މަސައްކަތު މާހައުލުގެ ރައްކާތެރި ކަން، ކަށަވަރުކުރުން ފަދަ ކަންކަމުގައި ގައުމީ އަދި ދުނިޔޭގެ ފެންވަރުގައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތަންފީޒީ ބާރު ވަރުގަދަކުރުން ކަމުގައި ދެކޭ ކަމަށެވެ.

ނަހުލާ ވިދާޅުވީ، ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރިއާއި، އިގްތިސާދީ މުއާމަލާތްތައް ބަރޯސާ ވެފައިވަނީ، ކަނޑު ދަތުރުފަތުރުގެ މައްޗަށް ކަމަށާއި، މި މުހިންމު މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ، ހިތްވަރުގަދަ ފަހުލަވާނުންނަކީ ކަނޑު އުޅަނދުފަހަރުގެ ފަޅުވެރިން ކަމަށެވެ.

"ކަނޑުގެ ބިޔަ ރާޅުތަކާއި، މޫސުމުގެ ހަލަބޮލި ކަމުގެ ތެރޭގައި އަދި ހަނގުރާމަ ހިނގާ ސަރަޙައްދުތައް ހުރަސްކޮށް، ކަނޑުފޭރޭ މީހުންގެ ބިރުވެރިކަމުގައިވެސް ސީމަނުން އެމީހުންގެ ވާޖިބު އަދާކުރުމުގައި ދެމިތިބިކަމީ ނުހަނު ބޮޑު ހަގީގަތެއް. އަނބިދަރިންނާއި، އާއިލާއާއި ދުރުގައި، ސީމަނުން ކަނޑުމަތީގައި އެތައް ދުވަހެއް، އެތައް މަހެއް އަދި އެތައް އަހަރެއް ހޭދަ ކުރުމުގެ ބުރައާއި ތަކުލީފަކީ، އެކަން ތަޖުރިބާކުރި މީހަކަށް މެނުވީ އިޙްސާސް ކުރެވޭވަރަށް ވުރެ ބޮޑު ގުރުބާނީއެއް". މިނިސްޓަރ ވިދާޅުވިއެވެ.

އަދި ކޮވިޑް-19ގެ ވަބާއިން ރައްކާތެރިވުމަށް ދުނިޔޭގެ ޤައުމުތަކުން ދަތުރުފަތުރު ކުރުން މަނާކޮށް، ފުރަބަންދު ކުރި ނަމަވެސް،ސީމަނުންނަށް އެމީހުންގެ ވާޖިބުން އެންމެ ހިނދުކޮޅަކަށްވެސް، އެއްފަރާތް ވުމަކީ އިންސާނިއްޔަތަށްޓަކައި ކުރެވެން އޮތް ކަމެއް ނޫން ކަމަށް މިނިސްޓަރ ނަހުލާ ފާހަގަކުރެއްްވިއެެވެ.

"ފުރާނަޔަށް ނުރައްކާވާފަދަ ބައްޔެއް ދުނިޔޭގައި ފެތުރެމުންދާ މިދަނޑިވަޅުގައި، ސީމަނުންނަށް ކުރިމަތިވެފައިވާ ހައްލުކުރަން ދަތިބޮޑެތި މައްސަލަތައް ހުރިކަން ފާހަގަ ކުރަން. އެމީހުންގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވިނަމަވެސް، އެމީހުންގެ ބަދަލުގައި ވަޒީފާއަށް އަންނަން ތިބި ސީމަނުންނަށް އާދެވޭނެ ގޮތެއް ނެތިގެން، އަމިއްލަ ވަޒަނަށް އަނބި ދަރީންނާއި، އާއިލާ ގާތަށް ނުދެވި، ބޯޓުފަހަރުގައި ހައްޔަރުވެފައި ތިބި އެތައް ހާސް ސީމަނުން ތިބިއިރު، އެ ހިތްދަތިކަމާ ވޭނަކީ ސީމަނުންގެ އާއިލާތައް ފިޔަވައި އެހެން ބަޔަކަށް ތަސައްވަރު ކުރެވޭނެ ކަމެއް ނޫން.". މިނިސްޓަރ ވިދާޅުވިއެވެ.

އަދި ރާއްޖެ އަކީ އެއްގަމަށްވުރެ، ކަނޑުގެ ސަރަޙައްދު ބޮޑު ގައުމަކަށް ވާއިރު، ކޮންމެ ދުވަހަކުވެސް އެތައްސަތޭކަ އުޅަނދެއްގައި އެތައްސަތޭކަ ސީމަނުން، ރާއްޖޭގެ ކަނޑުތަކުގައި ދަތުރުކުރަމުންދާ ކަމަށާއި، އެހެންކަމުން ސީމަނުންގެ ހަޔާތަކީ ރާއްޖޭގެ ތަބީއަތާއި މާހައުލާއި ގުޅިލާމެހިފައިވާކަމެއް ކަަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ، ދުނިޔޭގެ ޝިޕިންގ ކޮމިއުނިޓީ ގަބޫލުކުރެވޭ ފެންވަރަށް، ރާއްޖޭގެ ސީމަނުން ބައްޓަން ކުރުމަށްޓަކައި، އިދާރީ ގޮތުން މުހިންމު ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ. އެގޮތުން ނިމިދިޔަ އަހަރު ވަނީ ސީމަނުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، ސީފެއަރަރސް ރައިޓްސް އިންޓަރނޭޝަނަލް އާއި ދެމެދު މުއާހަދާއެއްގައި ސޮއި ކުރެވި މަސައްކަތްތައް ފެށިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން، ސީމަނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހަދަންޖެހޭ ޤާނޫނާއި، ޤަވާއިދުތައް ހަދާ ތަންފީޒު ކުރުމުގައި ފަންނީ އެހީތެރިކަން ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްްވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރިސޯޓް ސްޓާފުން

    އަމިއްލަ ރިސޯޓް މުވައް ޒަފުން ނައް މުސާރަ ނުދޭ މީހެއް ތީ.

    10
    1
  2. މާނުބެ

    ހައިރާންވޭ! މީއަޅެ ކީއްކުރާ މީހެއް، ގާސިމްވެސް އަޅެ ވެއްޖެނޫންތޯ ކަމެއްކުރާ މީހަކު މިމގާމައް ފޮނުވަން.

  3. ނިކަމެތި ފަގީރު

    ދުނިޔޭގައި މިވަގުތު މުސްލިމުންނަށް ވުރެން މުސްލިމް ނޫން މީހުންގެ އާބާދީ ވަރަށް ބޮޑު ތަނުން ވެސް ގިނަ.މީ ވަރަށް ވާހަކަ

  4. ީިހޫނު

    ކަމަނާގެ މިނިސްޓަ ރު ކަމުގައި 3 އަހަރ ރު ނިމެނީ ކު ރެވުނީ ކޮންކަމެތޯ؟؟؟ ކަމަނާގެ މިނިސްޓަޜީ ގެ ބެލުމުގެ ދަށުގައި ތިބި ދިވެހި ރައިޔަތު މަސައްކައް ތެ ރިން ގެ ތާއީދެ އަދި އިތުބާ ރެށް މިހާ ރަކު ކަމަނާ އަކައް ނެއް އަވަހައް އިސްތިއުފާ ދީފަ ރިސޯޓައް ދުޜުވޭ ހޮލިޑޭ ހަދަން ވަ ރައް ސަލާން

  5. އުހުމަދު

    ސީމަނުންގެ ވާހަކަ އަސްވުރެ މިނިސްޓްރީ އިން ޚިދްމަތެއް ދެވޭނެ ގޮތެއް ހއދިއްޔާ މާ ރަގަޅުވާނެ. އޮންލައިން ކޮށް ކުރިން ދެމުން އައި ޚިދްމަތްތައް ބަންދުވެފަ ހުރީ މިހާރު.

  6. ކެޕްޓަން

    ކޮންމެ އަހަރަކު އެއްފަހަރު، ސީފެއަރަރ އިންގެ ދުވަހު، މިފަދައިން ހަކައެކަނި ވިދާޅުވުމަކުން ނުފުދޭ، ޓުރާންސްޕޯޓް އިން ދިވެހި ސީމަނުންނަށްޓަކައ ކުރަންޖެހޭ މަސައްކަތްތައް ނުކޮށް، ތިޔަތަނުގައި ގޮނޑިހޫނުކުރަން ވަރުވަރުގެ މީހުން ތިބޭ. އެންމެ ކުޑަމިނުން ކަމުދާގޮތަކަށް ހަދާފައިވާ ސީފެއަރަރ އިންގެ މެޑިކަލް ފޯމެއްވެސް ނެތް. ދޫކުރާ ސީމަން ބުކް އަކީ، އަައުޓު ޑޭޓް ވިތާ 12 އަހަރު ވެފައިވާ ޑޮކިއުމެންޓެއް. ސީފެއަރަރސް ގެ އައިޑެންޓިޓީ ކާޑާއި، ޕާސްޕޯރޓް ކޮލިޓީގެ ސީމަން ބޫކް މިހާރު އެހެން ގައުމުތަކުގަ ބޭނުން ކުރަނީ. ރާއްޖޭގެ ސީޑީސީ، ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލު ނުކުރާތީ، އެކަމުގެ ދަތިކަން، ދިވެހި ސީމަނުންނަށް އިންތިހާއެއް ބޮޑު.