ނަފްރަތު އުފެއްދުމުގެ ކުށް މާނަ ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އިސްލާމް ދީނާއިދެކޮޅު ސެކިއުލަރ ފިކުރުގެ ދިވެހިންނާއި ބޭރުގެ އެފަދަ މީހުންނަށް ހިތްވަރުދޭ ބިލެއް ކަމަށް ޅ.އަތޮޅު ކުރެންދޫ ތިން ޖަމިއްޔާއަކުން ބުނެފިއެވެ.

ބިލްގައި ހިމަނާފައިވާ ކަންކަން ކުށްވެރިކޮށް ބިލާއި ދެކޮޅަށް ބަޔާން ނެރުނީ ކުރެންދޫ ތިން ޖަމިއްޔާއެއް ކަމަށްވާ ކުރިމަގު ފައުންޑޭޝަން، އިނާލް ފައުންޑޭޝަން އަދި ޑިވެލޮޕްމެންޓް ކުލަބުންނެވެ.

ތިން ޖަމިއްޔާ އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ ނަފުރަތުގެ ޢަމަލުތައް ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށްޓަކައި ޤާނޫނުލް ޢުޤޫބާތުގެ 24 ވަނަ މާއްދާއަށް ހުށައެޅިފައިވާ އިސްލާހްތައް ފާސްވެއްޖެނަމަ، މުޅި އިސްލާމީ ދަޢުވަތަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ.

"މިގޮތުން މިބިލަކީ އިސްލާމް ދީނާއިދެކޮޅު ސެކިއުލަރ ފިކުރުގެ ދިވެހިންނާއި ބޭރުގެ އެފަދަ މީހުންނަށް ހިތްވަރުދޭ ބިލެކެވެ. މިބިލްފާސްވެއްޖެނަމަ، މިދިވެހި ފަސްގަނޑުގައި އިސްލާމްދީން ދިފާޢުކޮށް، މުންކަރާތްތައް ނަހީކޮށް، ދިވެހި ޤައުމުގެ މިނިވަންކަން ހިމާޔަތް ކުރުމުގެ ނިޔަތުގައި ވެސް އެއްޗެކޭ ބުނުމުގެ ފުރުސަތު ބަންދު ވެގެންދާނެއެވެ. ދިވެހިންގެ ދުލާއި ޤަލަމުގައި ކަސްތޮޅުއެޅިގެންދާނެއެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

މިއީ އެއްވެސް ހާލެއްގައި މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުން ހުއްޓުވުމަށް ނުވަތަ ނަފުރަތުގެ ޢަމަލު ހުއްޓުވުމަށް ހުށައެޅިފައިވާ ބިލެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. ބަޔާނުގައި ބުނެފައި ވަނީ މިއީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންގެ ޢަމަލުތަކަށް ހިތްވަރުދީ އެފަދަ ޢަމަލު ކުރާ މީހުންނާ ދެކޮޅަށް ދިވެހިންނަށް ބަސްބުނުން މަނާކުރުމަށް ހުށައެޅިބިލެއްކަމަށެވެ.

މުޅިރާއްޖޭގައި ފުޅާދާއިރާއެއްގައި ފާޑުކިޔުންތައް އަމާޒުވެފައިވާ، އަދި އިސްލާމް ދީނަށްލޯބިކުރައްވާ ހުރިހާ ޢިލްމުވެރިން ވެސް މިބިލާއިމެދު އެއްވިސްނުމެއްގައި މިބިލްފާސް ނުކުރުމަށް ގޮވާލަމުންދާއިރު، މިބިލް ފާސްނުކޮށް ފޮނުވާލުމަށް ރައްޔިތުންގެ މަޖްލިސްގެ އެންމެހާ މެމަބަރުންނަށް ތިން ޖަމިއްޔާ އިން ވަނީ ގޮވާލާފައެވެ.

މިބިލާއި ގުޅިގެން އިލްމުވެރިންނާއި ކައުންސިލްތަކުންނާއި ޖަމިއްޔާތަކުންނާއި އަދި އާއްމުންގެ ގިނަ ބަޔަކު ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހަކާއި ދިމާއަށް އެއީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން ބިލްގައި ހިމަނާފައި އޮތުމުންނެވެ.

ނަމަވެސް މިހަފްތާގައި ބިލްގެ މަސައްކަތް ކޮމެޓީން ނިންމާ މަޖިލީހަށް ފޮނުވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢބްދުއްﷲ

    ކުރެންދޫ ތިން ޖަމިއްޔާއެއްގެ ބަސް: ނަފްރަތުގެ ބިލުން ސެކިއުލާ މީހުންނަށް ހިތްވަރު ލިބޭނެ

    21 ސިކުންތު ކުރިން ( ޖޫން 26, 2021 )

    މިއީ ބިލެއްނޫން ސެކިއުލާ މީހުންނަށް ދޭހިތްވަރެއް.

  2. Anonymous

    އެންމެނެއް ނޫޅޭނެ ކަލޭމެން އުޅޭ ހެނެއް. ބޮޑުވެބަލަ! މިތާ އުޅޭ ކާފަރުންވެސް ދެން ހަޖަމްކޮށއލާ

  3. ނަން

    ސެކިއުލާ މީހުންނަކީ ދިވެހީން ނޫންތަ؟ އެމީހުންނަށް ދެން ހަދަންވީ ކިހިނެތްތަ؟

  4. Anonymous

    އަހަރުން ކަލޭމެން ބަލައެއް ނުގަންނަން