އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ބައިވެރިވެވަޑައި ނުގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، އެމްޑީޕީގެ ބައެއް ސަޕޯޓަރުންވެސް ބައިވެރިވެފައިވެއެވެ. ނަމަވެސް ފެނިގެންދިޔައީ ވަރަށް ފަޅު ރަސްމިއްޔާތެއްގެ ގޮތުގައެވެ. އެއީ މަދު މެމްބަރުން ކޮޅެއް ބައިވެރިވެފައި ވުމުންނެވެ. ރައީސް ސޯލިހަށް ތާއީދުކުރައްވާ ގިނަ މަޖިލިސް މެމްބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުގެ އިސް ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތަސް، ބައެއް ބޭފުޅުން ގެންދަވަނީ މީސް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުންނެވެ.

އެމްޑީޕީ ހަރުގޭގައި ބޭއްވި މިރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި، ނާއިބް ރައީސް މުހައްމަދު ޝިފާޒުއެވެ.

އެމްޑީޕީގެ އެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދި، ޕާޓީގެ އެތެރޭގެ މަޝްރަހު ހޫނުވެ ދެ ފެކްޝަނެއް އުފެދިފައިވާކަމަށް ޕާޓީގެ މެމްބަރުން ބުނަމުން ގެންދާއިރު، އެންމެ ފަހުން ބޭއްވި ދެ ގައުމީ މަޖިލީހުގައިވެސް ބައިވެރިވެވަޑައިގަތި ސަރުކާރުގެ މަދު ވަޒީރެކެވެ.

އެމްޑީޕީގެ ލީޑަރު، އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު މުހައްމަދު ނަޝީދަށް އަމާޒުވި ނިރުބަވެރި ހަމަލާއާ ގުޅިގެން ހުށަހެޅުނު ގަރާރަށް މި ޖަލްސާގައި ބައިވެރިވި ސަރުކާރުގެ އެއްވެސް ވަޒީރަކު އެއްޗަށް ވިދާޅުނުވިއެވެ. އެއާއި އެކު މަސްރަހު އިތުރަށް ހޫނުވެގެން ދިޔައެވެ. އަދި ޕާޓީ ދެބައިވެފައިވާ ވާހަކަތައް މެންބަރުން ފާޅުގައި ދައްކަން ފެށިއެވެ.

ރައީސް ސޯލިހްއަށް ތާއީދު ކުރައްވާ ބޭފުޅުންނާއި ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީ މެމްބަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް މީސްމީޑީޔާގައި ރައްދު ކުރަމުން ގެންދިޔައެވެ. ޕާޓީގެ ކޯޅުންގަނޑު ގޯސްވެފައިވާއިރު ވަޒީރަކު އެއްޗެއް ވިދާޅުނުވަންވީ ސަބާބަ މެދު އެހެން މެންބަރަކު ވެސް ވަނީ ސުވާލު އުފައްދަވާފައެވެ.

މި މައްސަލަ ގޯސްވީ އެމްޑީޕީ މެންބަރުންގެ ވޯޓުން ރައީސް ނަޝީދުގެ ހުށަހެޅުއްވުމެއް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބޭރުކޮށްލި ހިސާބުންނެވެ. އެ މައްސަލަ ބޭރުކޮށްލީ، ރައީސް ސޯލިހްގެ އެންގެވުމަކަށް އެމަނިކުފާނުގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ލޮބީ ކުރައްވައިގެން ކަމަށް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވެއެވެ.

އެއީ ވަކިވަކި ސިފައިން ނުފޮނުވޭނެ ކަން އަންގައި މަޖިލީހަށް ފޮނުވި ލިޔުމުގައި ސޮއި އޮތް ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމުގެ ތުހުމަތުގައި ނަޝީދު ހުށަހެޅުއްވި މައްސަލައެކެވެ.

ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުންގެ ބަހުގެ ހަމަލާތަކެއް ބިގޭއަށް ރައްދު ކުރެއްވިއިރު، ބިގޭ ވަނީ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އެ ވާހަކަތަކަށް ރައްދުވެސް ދެއްވައިފައެވެ. އަދި އެމްޑީޕީގެ މަސައްކަތް ދެބައިވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

އެއާއެކު މީސް މީޑިއާގައި ޕޯސްޓް ކުރައްވައި އެމްޑީޕީގެ މެންބަރުން ވަނީ ޕާޓީ ދެބައިވެގެން ދިޔަ ކަން އެއްބަސްވެވަޑައިގެން އެ ކަން ދިމާވި ސަބަބު އެ މެންބަރަކު ދެކެވަޑައިގަންނަވާ ގޮތަކަށް ހާމަކުރައްވާފައެވެ.

ކޯޅުންގަނޑު ބޮޑުވެފައިވިޔަސް އެއްވެސް ވާހަކައެއް ވިދާޅުނުވާން ބޭނުންވާ މެންބަރުން އެބަ ތިއްބެވިއެވެ. އަދި ވަކި ކޮޅެއްގައި ތިއްބެވިކަން ހާމަކުރައްވަން ބޭނުންނުވާ މެންބަރުން ވެސް އެބަ ތިއްބެވިއެވެ.

އެމްޑީޕީ ވެރިކަމަށް އައީ އިންސާފު ހޯދައިދޭން ގޮވާލަމުންނެވެ. އިންސާފު ގާއިމްކުރުމަކީ އެންމެ މުހިއްމު އެއް ކަމަށްވާއިރު އަދި މި ފެންނަނީ ޕާޓީގެ ރައީސަށްވެސް އިންސާފު ނުލިބި ދާތަނެވެ. އެތެރޭގެ ކޯޅުންގަނޑު ބޮޑުވެ ޕާޓީ ބައިބައިވާން ފެށުމުން އެޕާޓީގެ އެތައް ސަޕޯޓަރެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    ކޮން ރައީސެއް ؟ ރައީސަކު މި ޤައުމުގާ އެބަހުރިތަ؟ އަސްލު ހަޤީޤީ އެމްޑީޕީ ޕްރީޕޭޑް އެހުރީ ދިދައިގަ ހިފާފަ ދެން ކޮން ރައީސެއް؟