ނަފްރަތުގެ ކުށް މާނަކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ފާސްވެއްޖެނަމަ، މުރުދައްދުވާ މީހުންނަށް ހިމާޔަތް ލިބޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގައި ވަނީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހަކާއި ދިމާއަށް އެއީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައެވެ. އާންމުންގެ ތެރޭގައި ކަންބޮޑުވުން އުފެދިިފައިވާ މި ބިލް ވީހާވެސް އަވަހަކަށް ފާސްކުރަން ބޭނުން ކަމަށް މަޖިލީހުގެ ސުޕާމެޖޯރިޓީ އޮތް އެމްޑީޕީއިން ދާދި ފަހުން ބުނެފައިވެއެވެ.

ބިލާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުރުތައްދުވާ ފަރާތްތަކަށް އަދަބުދެވެން ޖެހޭނެ ކަމަށެވެ. އަދި މި ބިލުން ދީނާއި ދެކޮޅަށް އަމަލުތައް ހިންގާ މީހުންނަށް ހިމާޔަތް ލިބިގެންދާކަން ފާހަގަކުރެއްވިއެވެ.

ޖަމީލް ވިދާޅުވާ ގޮތުން ރާއްޖޭގެ އިސްލާމީ ވަހުދަތު ދެމެހެއްޓޭނީ މި ބިލާއި ދެކޮޅަށް ތެދުވެެގެންނެވެ. އެއީ ދީނާއި ފުށުއަރާ އެތައް ކަމެއް މި ބިލުގައި ހުރުމުން ކަމަށް އޭނާ ވިދާޅުވެއެވެ.

"މުރުތައްދުވުމުން މުސްލިމުންގެ ތެރޭގައި އެކުށަށް އަދަބުދެވޭނެ. ނަފްރަތުގެ ބިލުން ރައްޔިތުކަން ދޫކޮއްލާ މީހުންގެ އަމަލުތަކާއި އަދި ބޭރުމީހުން ވަޒަންވެރިވެތިބެ ދީނާއި ދެކޮޅަށް ހިންގާ އަމަލުތައްވެސް ޙިމާޔަތްކުރޭ. އިސްލާމްދީނުގެ ދިފާޢުގައި ބިލާދެކޮޅަށް ތެދުވަންޖެހޭ." ޖަމީލް ކުރެއްވި ޓްވީޓްގައިވެއެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބިނާވެގެންވަނީ އިސްލާމީ ޝަރީއަތުގެ މައްޗަށެވެ. މިކަން ބަޔާން ކުރަމުން ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ވަނީ މި ގައުމުގައި އޮންނަންޖެހޭނީ އިސްލާމްދީން ކަމުގައި ބުނެފައެވެ. އަދި ދީނުގެ އަސްލަކާއި ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަން ފާހަގަކޮށްފައިވެއެވެ.

އިސްލާމީ ޝަރީއަތުގައި އޮންނަނީ މުރުތައްދުވާ މީހުން ގަތުލުކުރުމަށެވެ. އެހެން ނަމަވެސް މަރުގެ ހުކުމް ރާއްޖޭގައި މިހާތަނަށް އައިރު ތަންފީޒުކޮށްފައެއް ނުވެއެވެ.

މި ބިލާ ދެކޮޅަށް މިހާތަނަށް 80 އަށް ވުރެ ގިނަ ކައުންސިލުން ވެސް ބަޔާންތައް ނެރެފައިވާއިރު، އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާ ރާއްޖޭގެ 101 އިލްމުވެރިޔަކު ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއް ވެސް ފޮނުވައިފައެވެ.

މިހާރު މި ބިލު މަޖިލީހުގެ ތަޅުމުން ބަލައިގަނެ ޖުޑީޝަރީ ކޮމިޓީގައި ދިރާސާ ކުރަން ވަނީ ފަށައިފައެވެ. މި ގޮތުން އާންމުންގެ ޚިޔާލާއި، އިސްލާމިކް މިނިސްޓްރީއާއި، ހިއުމަން ރައިޓްސް ކޮމިޝަންއާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފާ ހޯދައި ދިރާސާ ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ކޮމިޓީ މަރުހަލާއިން ބިލު ބޭރުކޮށްލަން ވެސް ހުށަހެޅުނެވެ. އެކަމަކު ބިލު ބޭރުކޮށްލަން ތާއީދު ކުރީ އެންމެ ތިން މެންބަރުންނެވެ. ހަތް މެންބަރުންގެ އަޣުލަބިއްޔަތުން ނިންމީ އަދި ބިލު ދިރާސާކޮށް ގެންނަން ޖެހޭ އިސްލާހުތައްވާނަމަ އެ އިސްލާހުތައް ގެނައުމެވެ.