މަޖިލީހުގެ ސަލަމާތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ދުރުވުމުން އޭނާގެ ބަދަލުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އަނެއްކާ ވެސް ކޮމިޓީގައި އިންނަވާ ގޮތަށް ހަމަޖައްސަން އެމްޑީޕީން ނިންމައިފިއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ 241 ކޮމިޓީގައި އިންކުއަރީއެއް ފެށުނު ފަހުން މި ކޮމިޓީގައި އިންތި އިންނަވާ ދެވަނަ ފަހަރެވެ.

މީގެ ކުރިން އިންތިއަކީ މި ކޮމިޓީގައި އިންނަވާ މެންބަރެއް ނޫނެވެ. އިންތި އެންމެ ފުރަތަމަ ކޮމިޓީގައި ބައިވެރިވަޑައިގަތީ އިންކުއަރީ ފެށުނުއިރު ރާއްޖޭން ބޭރުގައި ކޮމިޓީގައި ހިމެނޭ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ގެ ބަދަލުގައެވެ.

އަނދުން ހުސައިން ރާއްޖެ ވަޑައިގަތުމުން އިންތިގެ ބަދަލުގައި އަނދުން ހުސައިން އަނެއްކާ ވެސް ކޮމިޓީގައި ބައިވެރިވެވަޑައިގަތެވެ. ދެވަނަ ފަހަރަށް ކޮމިޓީގައި އިންތި ބައިވެރިވަޑައިގަތީ އިލްޔާސް މިދިޔަ ހަފުތާގައި ކޮމިޓީއާ ދުރަށް ޖެހިވަޑައިގަތުން އޭނާގެ ބަދަލުގައެވެ.

އޭގެ ފަހުން މިއަދު ހެނދުނު 10:00 ޖަހާކަށް ހާއިރު އިލްޔާސް ވަނީ 241 ކޮމިޓީގެ އިންކުއަރީއަށް ވެސް ހާޒިރުކޮށްފައެވެ. އިލްޔާސް ކޮމިޓީއަށް ހާޒިރުކޮށްފައި މި ވަނީ، ނަޝީދަށް ނުރައްކާ އޮތް ކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އިލްޔާސް މާ ކުރިން އެންގި ކަން ހާމަވެފައިވަނިކޮށެވެ.

އިންކުއަރީއަށް މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން ހާޒިރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ތިން މިނިސްޓަރުންނާއި، އެމްއެމްއޭގެ އިސް ވެރިންނާއި، ފުލުހުންނާއި ސިފައިންގެ އިސް ވެރިން ވެސް ހިމެނެއެވެ. ރައީސް ނަޝީދުގެ ބޮޑީގާޑުންނާއި ޑްރައިވަރު ވެސް ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ.

އިންކުއަރީއަށް ހާޒިރު ކުރި ބައެއް ފަރާތްތައް

  • ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
  • މެންބަރު އިލްޔާސް ލަބީބް
  • ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
  • ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
  • މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު
  • ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް
  • އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް
  • އެންސީޓީސީގެ ޑިކެރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު
  • ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު
  • ބޮމުގެ ހަމަލާގެ އިސް އޮފިސަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު