ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އިދިކޮޅު މެމްބަރުން ބޮއިކަޓް ކޮށްފައި ނުވާކަމަށާއި ޖަލްސާއަށް މެމްބަރުން ވަޑައިގަންނަވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވީ އިދިކޮޅު 12 މެމްބަރުން މަޖިލީހަށް ވަނުމަށް ސަލާމަތީ ބާރުތަކުން ހުރަސްއަޅާ މައްސަލާގައި މިއަދު ސްޕްރީމް ކޯޓަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ.

ރިޔާސީ ބަޔާން އިއްވުގެ ޖަލްސާ މިރޭ 8:30 ގައި ބޭއްވުމަށް ހަމަޖައްސާފައިވަނީ ދަރުބާރު ގޭގައެވެ.

މުސްތަފާ ވިދާޅުވީ މިރޭގެ ޖަލްސާ ބޮއިކަޓްކުރުމަށް އިދިކޮޅުން އަދި ނިންމާފައި ނުވާކަމަށެވެ. އަދި މިރޭގެ ޖަލްސާއަށް އިދިކޮޅު މެމްބަރުން ވަޑައިގަންނަވާނެ ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ މިހެން ވިދާޅުވެފައިވާއިރު މިކަމާއި ގުޅިގެން އިދިކޮޅު ޕީޖީއިން ރަސްމީގޮތެއްގައި އެއްވެސް ކަމެއް ހާމަ ކޮށްފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު