އުމުރުން 13 އަހަރުގެ ކުޑަކުއްޖަކު ރަހީނު ކުރުމަށް ފަހު މަރާލި މައްސަލާގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުންތައް ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގައި މަޖިލީހުގެ އިދާރާގައި ބޭއްވުމަށް ނިންމައިފިއެވެ.

މިއަދު ހަވީރު ހަތަރެއް ޖަހާއިރު ފެށި ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވެފައިވަނީ ޖެންޑާ މިނިސްޓްރީއާއި ފުލުހުންނާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އިސް ބޭފުޅުންނެވެ.

އޮންލައިންކޮށް ކުރިއަށް ދިޔަ ކޮމިޓީ ބައްދަލުވުމުގައި އިދާރާތަކުގެ އިސްވެރިންނާއި ބައެއް މެންބަރުން ވެސް ވަނީ އެ ބައްދަލުވުން ސިއްރުކޮށްގެން ގެންދިއުމަށް އެދިވަޑައިގެންފައެވެ. އެހެންވެ ސިއްރުކޮށް ގެންދޭނެ ކޮމިޓީ ބައްދަލުވުމެއް މަޖިލީހުގެ އިދާރާގައި ބޭއްވުމަށް އެދުމަށް ކޮމިޓީން ނިންމިއެވެ.

މަޖިލީހުގެ އިމްތިޔާޒު ކޮމިޓީގެ ނިންމުމެއްގެ މަތިން ސިއްރުކޮށް ބާއްވަން ނިންމާ ކޮމިޓީ ބައްދަލުވުންތައް ބާއްވަން ޖެހޭނީ މަޖިލީހުގެ އިދާރާގައެވެ. އެ ގޮތަށް ނިންމީ ސިއްރު ބައްދަލުވުންތަކުގެ ބައެއް ކަންކަން ލީކުވެފައިވަނިކޮށް އެ މައްސަލަ ބެލުމަށް ފަހުއެވެ.

މި ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުގައެވެ. އެ ކުއްޖާ ފޮއްޓަކަށް ލާފައި އޮއްވާ ފެނުނީ އެ ކުއްޖާ ހޯދަން ފުލުހުން ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން މިދިޔަ ހޯމަ ދުވަހުގެ ދަންވަރެވެ.

މިއީ ޖެންޑަ މިނިސްޓްރީން ނަފްސާނީ އެހީތެރިކަމުން ދެމުންދިޔަ ކުއްޖެއް ކަމަށް ހާމަކުރުމުން މި ކަމުގައި އިދާރާތަކުގެ އިހުމާލު އޮތް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މި މައްސަލާގައި މިހާތަނަށް ހައްޔަރު ކުރީ ދެ މީހެކެވެ. ހައްޔަރު ކުރި 17 އަހަރުގެ ދިވެހި ފިރިހެނަކާއި 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހުން ހައްޔަރު ކުރީ ކުއްޖާ މަރާލުމަށް ފަހު، ފިލަން ވެގެން މާލޭގެ ގެސްޓް ހައުސެއްގައި ތިއްބައި އެ ތަނުންނެވެ.

މި ދެ މީހުންނަކީ ކުއްޖާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނެވެ. ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ސަރަހައްދާ ހަމައަށް ކުއްޖާ ގެންގޮސް އެއްލާލުމުގައި އުޅުނީ އެހެން ބަޔަކެވެ. އެ މީހުން އަދިވެސް ހޯދިފައެއް ނުވެއެވެ.

ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިފައެވެ. އަދި 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ހައްޔަރު ކުރި ދެ މީހުންގެ ވެސް ކުށުގެ ރެކޯޑު އެބަ އޮތެވެ. މި ގޮތުން މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރެކޯޑާއި މަރާމާރީ ހިންގުމުގެ ކުށުގެ ރެކޯޑުގައި ވެސް ހިމެނެއެވެ.

މީގެ ތެރެއިން 27 އަހަރުގެ އިބްރާހީމް ޒިހާންއަކީ ދާދި ފަހުން ތިން އަހަރުގެ ޖަލު ހުކުމެއް ވެސް ތަންފީޒުކޮށްފައިވާ މީހެކެވެ. އެއީ މާރާމާރީގެ މައްސަލައެއްގައެވެ. މިދިޔަ ނުވަ އަހަރު ތެރޭ އޭނާ 19 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޥވ

    ކީއްކުރާ ސިއްރު ބައްދަލުވުމެއް. ޢިސްލާމީ އުސޫލުން އެމީހުނަށް ހައްގު އަދަބު ދިނީމަ ނިމުނީ އޭރުން އެއީ އއހެންމީހުނަށް އިބްރަތަކަށް ވެގެނަދާނެ. ޢަދި އެފަދަ ބޮޑެތި ޖަރީމާތައް ހުއްޓޭނެ

  2. މުގައްރިރު އަލީ

    ތިފަދަ ތަހުގީގަށް ކުރިއެރުންލިބުނަސް، ދެރައީ ތަންފީޒުތަކަށް ކުރިއެރުން ނުލިބޭތީ އެވެ.