ހއ، ދިއްދޫ ޤުރުއާން ކްލާހެއްގައި މަސައްކަތް ކުރަމުން އަންނަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ފައްސިވެފައިވަނީ ދިއްދޫގައި ހިންގަމުން އަންނަ ޗޭނު ޤުރުއާން ކްލާހުގައި މަސައްކަތް ކުރަމުން އަންނަ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

އެ ޖަމްއިއްޔާއިން ބުނީ، އޭނާ އަކި ޓޫ އެފް.އާރ.އެފް އިން ހިދުމަތް ހޯދި ފަރާތެއް ކަމަށެވެ. އޭނާ އާއި ގިނަ ބަޔަކު ބައްދަލުވެފައި ހުރެދާނެތީ އެޖަމްއިއްޔާއިން ވަނީ ގާތުން އެއްތާވި މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އަންގާފައެވެ.

"ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޗޭން ޤުރުއާން ކްލާހަށް ދިޔަ މީހުންނާއި ކުދިން ކޮންޓެކްޓް ޓްރޭސިންއަށް ގުޅައި މައުލޫމާތު ހިއްސާ ކުރުން އެދެން" އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.

ދިއްދޫއިން އަނެއްކާ ވެސް ކޮވިޑް-19ގެ ވޭދަނަތައް ފެނިފައިވާ މިދަނޑިވަޅުގައި އެންމެ ގިނައިން ފައްސިވަމުން އަންނަނީ ގިނަ މީހުން ދާ ތަންތަނުގައި މަސައްކަތް ކުރަމުން އަންނަ މީހުންކަން ފާހަގަ ކޮށްލެވެއެވެ.

އެފަރާތްތަކުން ފިޔަވައި ދެން އެރަށުން ފައްސިވަމުން އަންނަނީ ވަކި ތަރުތީބެއް ނެތި ނަގަމުން އަންނަ ސުންކުތަކެވެ. މިއާއެކީ ދިއްދޫން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ ހަތަކަށް އަރާފައެވެ.

އެރަށުން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ފައްސިވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ފުރަތަމަ ފައްސިވީ އެރަށު ސެލޫނެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ފައްސިވުމާއި ގުޅިގެން އެރަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.