ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އއ.އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ތިން މަސް ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

އެލްޖީއޭއިން ޝައުކަތަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ ސަސްޕެންޑް ކުރީ މެއި 30 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކުރިއަށް ނުގެންދިއުމަށް ސިވިލް ކޯޓުން އަންގާފައިވަނިކޮށް އެ ޕްރައިމަރީ އަށް އެއްބާރުލުން ދީފައިވާކަން ސާބިތުވާތީކަމަށެވެ.

ޝައުކަތު ސަސްޕެންޑް ކޮށްފައި ވަނީ މާދަމާ އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.

ޝައުކަތު ސަސްޕެންޑް ކޮށްފައި ހުންނަ މުއްދަތުގައި އުކުޅަހު ކައުންސިލް ހިންގުން އެ ކައުންސިލްގެ ނައިބް ރައީސް އަބުދުﷲ ފިރާގާއި ހަވާލު ކުރުމަށް އއ.އަތޮޅު ކައުންސިލާއި އއ.އުކުޅަކު ކައުންސިލަށް ލަފާދޭ ކޮމިޓީގެ މަތީން ނިންމާފައިވާ ކަމަށްވެސް އެލްޖީއޭގެ ސިޓީގައި ވެއެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ސަސްޕެންޑް ކުރިއިރު އެރަށުގައި އެމްޑީޕީގެ ކޮންގްރެސް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.

އެލްޖީއޭއިން ވަނީ ހއ. އިހަވަންދޫ ކައުސިލްގެ ފަސް މެންބަރުންވެސް މިމަހު ސަސްޕެންޑްކޮށްފަ އެވެ. އެބޭފުޅުންވެސް ސަސްޕެންޑް ކޮށްފައިވަނީ ތިން މަސް ދުވަހަށެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް އެއްބާރުލުން ދިން ކައުންސިލަރުންގެ މައްސަލަތައް ބަލަމުން އަންނަ ކަމަށް އެލްޖީއޭ އިން ކުރިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އިތުރު ކައުންސިލަރުން ސަސްޕެންޑް ކުރުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ސިޙުރު ބޮޑިބަތް ކައިފިމީހަކު ޙަޔާތެއް ނުހުންނާނެއެވެ.

  2. Anonymous

    ޢެހެންވިއްޔާ ވެމްކޯގަ މެނޭޖަރެއްގެ ގޮތުގަ އުޅޭ ބ. ކުޑަރިކިލު ނަސްރުﷲ އަހުމަދުވެސް ސަސްޕެންޑް ކޮއްބަލަ. ޢެމްޑީޕީ ޕްރައިމަރީގަ މާލޭގަ ތިބި އެރަށުމީހުންނައް ހުރިހާ ހަރަދެއްކޮއްދީ ހުރިހާ ކަމެއް.ބެލެހެއްޓީ އެސޮރު. ވެމްކޯގަ ތިބީ ޕީޕީއެމް ކަމައް ހެދިގެން ތިބި އެމްޑީޕީ.ގުންޑާއިން