"ޖަޒުބާތުގައި" ޖެހިގެން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަ ނަމަ ގާނޫނުގެ ވެރިކަން ހިންގުމުގެ މާނައެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެންބަރު ޝަރީފް މިހެން ވިދާޅުވީ، ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން ގުނާ އަދަދު ނުވާ ވަރަށް އިތުރުވަމުންދާތީ ކުއްލިއަކަށް ގިނަ ބަޔަކު ހިފައި ހައްޔަރު ކުރެވޭނެ ގޮތަށް ގާނޫނު ބަދަލު ކުރަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފަނިކޮށެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދަށް ދިން ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް އެމްޑީޕީގެ ސަޕޯޓަރުންނާ "ކްލަބް ހައުސް" މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ރާއްޖޭގައި ނިރުބަރި ހަރަކާތްތައް އިތުރުވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ރައީސް ނަޝީދުގެ ނަން ނުގެންނަވައި، ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުގެ ސުލްހަ މަސަލަސްކަމާއި ރައްކާތެރިކަމާއި އަމާންކަން ދެމެހެއްޓޭނީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ދަމަހައްޓައިގެން ކަމަށެވެ.

"ޖަޒުބާތުގައި ޖެހި ރައްޔިތުންގެ ހައްގު ފުށްފުށަށް ޖެހެން ވެއްޖެނަމަ ގާނޫނުގެ ވެރިކަމުގެ މާނަ ގެއްލިދާނެ،" ޝަރީފް ލިޔުއްވާފައިވެއެވެ.

ޖަރުމަން ވިލާތުގައި ހުންނަވައިގެން "އެމްޑީޕީ ހަރުގެ ކްލަބް ހައުސް" ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ނަޝީދު ވަނީ ރާއްޖެ ސަލާމަތް ކުރުމުގެ މަސައްކަތް ފަށަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ފަނޑިޔާރުންނާއި ފުލުހުންނަށް ގޮވާލައްވައިފައެވެ.

ނަޝީދަށް ދިން ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދަވަން އޭޑީކޭގައި ގިނަ އޮޕަރޭޝަންތަކެއް ކުރިއެވެ. ފަހުން ޖަރުމަނަށް ވަޑައިގެން އެ ގައުމުގެ މިލިޓަރީ ހޮސްޕިޓަލަކުން ވެސް އޮޕަރޭޝަންތަކެއް ކުރިއިރު، އަންނަ ނޮވެމްބަރު މަހު ވެސް އޮޕަރޭޝަނެއް ކުރަން އެބަ އޮތް ކަމަށް ނަޝީދު ރޭ ވިދާޅުވެފައިވެއެވެ. އެމަނިކުފާނުގެ ފަޔާއި، ވާތު އިނގިލިތަކެއްގައި އައްސިއެއް ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮވިޑް

    ޝަރޯފް ކެރިގެން ބުނެބަލަ ހައްޤުބަސް ބުނެގެން ލިބޭނީ ރުހުން ޝައްކެއްނެތް. މި ޤައުމަށް ސުލްޙަ އަންނާނީ ކެރަފާ، ކެނެރީ، މިޤައުމުން ބޭރުވެގެން، މަޑު މަޑު ދިވެހިންގެ ކަށި ހަރު ދަނގަޑަށް ހެދީ މި ޤައުމުގާ އުފެދުން ލާދީނީ އިސްލާމްދީނަށް ފުރައްސާރަ ކުރަމުން އައި ދެތިން އާއިލާ އެއްގެ ސަބަބުން. ބޭނުންވީ މި ޤައުމު އެހެންބަޔެއްގެ އަތްދަށުލާން. ﷲގެ ކުޅަދުންވަންތަކަމުން އެކަން ކާމިޔާބު ނުވަނީ.

    13
  2. ސަމާ

    އެއިރު ހައްގުތައް ހޯދައިދިނުމުގެ ނަމުގައި މުޒާހަރާ ކުރީ އެއިރުގެ ވެރިންނަށް ދުއްތުރާވެ ކޮންޓްރޯލުން ނެއްޓޭވަރަށް ކުށުގެވެށި ހަލަބޮލިކުރަން. އެވެސް އޭނާ ބޭނުންވިގޮތެއް.
    މިހާރު އޭނާ ބޭނުންވަނީ އޭނާބުނާ މީހަކު ވަގުތުން ހައްޔަރުކޮށް އަދަބުދޭން.

    ދެންވެސް ހަމައޭނާ ބުނާގޮތަށް ހަދަން މިތިބެނީ. އެއީ މިހާރު އޮއްސިފައި ހުރި ތަރިއެއް. ޕާޓީ ތެރެއިން އައުނީހުން ކުރީސަފަށް ނެރޭ.

    13
  3. މާޔޫސުކަންމަތީ؟؟

    މިހާރު ދެން ނަސީދުގެ އާރާއިބާރު ނިމުނީ ދެން ހަރުކައްޓޭ މަޑު ކައްޓޭވިޔަސް ރައްޔަތުންބަލައެއް ނުގަންނާނެ މިހާރު މިގައުމުގެ ސިޔާސީވެރިންނަކީ ބާރުލިބުނީމާ ރައްޔަތުން މަތިން ހަދާނެތި ނުލަފާކަންދެއްކުން މިކަން ކަށަވަރުވާނެ ހިޔާފުލެޓުތަކުންވެސް އެއްވެސްކަމެންނުކޮއް ރައްޔަތުންހާލުގާތިއްބާ ސަރުކާރުން ރައްޔަތުން މޫނުގާޖެހީތަފާލުން މިވަރުން ފުދޭ މިހާރު އެގޭ ރައްޔަތުންވިސްނާނެމިހާރު ނުބައިނުލަފާކަން ދައްކާކަން ބާރެއްލިބުނިމާ؟؟

    15
  4. ވަޒީރެއާލާ

    ރާއްޖޭގައި ހަރުކަށި ފިކުރު އުފެއްދީ އެމްޑީޕީގެ ބާނީ ސީދާ އަންނި. އެއީ މައުމޫނުގެ ވެރިކަން ވައްޓާލަންވެގެން. މީފެންނަންއޮތް ހަގީގަތް.

    17
  5. މަބޭ

    އެމެރިކާއިން ރަސިޔާއާ ދެކޮޅައް އަފްގާނީސްތާންގަ ތާލިބާނުން ، އަދި އަލްގައިދާ އުފެއްދިހެން ހަރުކަށި ފިކުރަކީ ރާއްޖޭގަ މައުމޫނާދެކޮޅައް ނަސީދުގެ ސަޕޯޓާއެކު އުފެދުނުބަޔެއް.

  6. ޢބދ

    މާގިނަދުވަހު ހީލަތުގެ ތެރޭގަ އުޅެވިއްޖެއްޔާ ލޯހުރަސްވެ ސީދާކޮއްބެލުން ނިމުމަކައް އައިސްހުއްޓާ މިފެންނަނީ . ބުއްދިއާއި ވިސްނުން ކިހާވަރަކަށް ކަތިވެ ހުރަސްވެފައިވާ ކަމެއްނޭގެ އެއީ ނުފެންނަ އެްޗަކަށްވާތީ....