އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ އިއްޔެ ދޫނިދޫގައެވެ.

ނައްތާލި ބަނގުރަލުގެ ތަފްސީލް ހާމަކުރަމުން ފުލުހުން ވިދާޅުވީ އިއްޔެ ނައްތާލާފައިވަނީ 12 އިންސިޑެންޓެއްގައި ހިމެނޭ އެވިޑެންސްތަކާއި 2021 ވަނަ އަހަރު ފައިލްކުރެވިފައިވާ 23 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ 36 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއެކު ޖުމްލަ 71 މައްސަލައެއްގައި ހިމެނޭ ތަކެއްޗެވެ.

މިމައްސަލަތަކުގެ ތެރެއިން ނައްތާލާފައިވަނީ ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރަން އަންނަ ފަތުރުވެރިންގެ އަތުން ނެގިފައިވާ ބަނގުރަލާއި ވަކިފަރާތަކަށް ތުހުމަތު ނުކުރެވޭގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލެވެ.

މި ތަކެތީގެ ތެރޭގައި ހިމެނެނީ ޖުމްލަ 71 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 747 ފުޅިއާއި 43 ޕެޓްފުޅިއާއި 1،110 ބިޔަރު ދަޅުގެ އިތުރުން 13 ޕެކެޓާއި ދެ ހަމާއި ފަސް ލީޓަރުގެ 11 ފުޅިއާއި 18 ބިޔަރު ފުޅި އަދި 45 އެހެނިހެން ތަކެއްޗެވެ. ނައްތާލާފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ސާމްޕަލް ކަޕާއި ކޮތަޅާއި ނޫސް ކަރުދާހާއި ކަރުދާސް ފޮށިގަނޑާއި ދަބަހާއި ލަގެޖް ފޮއްޓާއި ތަށި ފަދަ ތަކެއްޗެވެ.

އިއްޔެ ދޫނިދޫގައި ނައްތާލި ތަކެއްޗާއެކު ފުލުހުން 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ހައިކޯޓުގައި އިސްތިއުނާފް ކުރެވިފައިވާ އެއް މައްސަލައިގެ ތަކެތި ފިޔަވައި އެހެންހުރިހާ ބަނގުރާ ވަނީ ނައްތާލާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.