ހުޅުމާލެ އިން ޓެކްސީއެއް ފާސްކޮށް ބަނގުރަލާއިއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ މަސްތުވާތަކެއްޗާ އަދި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެއިން ޓެކްސީއެއް ބަލައި ފާސްކޮށް ބަނގުރާ ދަޅުތަކަކާއެކު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހުން ހައްޔަރު ކޮށްފައި ވަނީ ހުޅުމާލެ ޕެޓްރޯލް ޖެޓީއާ ދިމާ ފަޅުތެރޭގައި އޮތް ޑިންގީއަކުން ޓެކްސީއަކަށް ބަނގުރާ އަރުވާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

ރޭ 12:10 އެހައިކަންހާއިރު ހިންގި އެ އޮޕަރޭޝަނުގައި، އެ ޓެކްސީ ބަލައި ފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވެއެވެ.

ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މި މައްސަލަދަނީ ތަހުގީގުކުރަމުންނެވެ.

ހުޅުމާލެ ފަޅުތެރޭގައި ހުންނަ ސަފާރީތަކުން ހުޅުމާލެ އަށް ބަނގުރާ ބޭލުމަކީ ވަރަށް އާއްމު ކަމެކެވެ.