ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު މަރާލާފައި ފޮއްޓަކަށް ލާފައި އޮއްވައި ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން މި ހަފްތާ ތެރޭގައި ފޮނުވާލެވޭނެ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމި އިރު ޕޯސްޓްމޯޓަމް ހެދޭކަށް ރާއްޖެއަކު ނެތެވެ.

އާއްމު ގޮތެއްގައި ޕޯސްޓްމޯޓަމް ހަދަން ރާއްޖެ އިން މީހުން ފޮނުވަނީ އިންޑިއާ އަށެވެ. ކޮވިޑް-19 އާ ގުޅިގެން އިންޑިއާ އާއި ރާއްޖޭގެ ވައިގެ ދަތުރުތައް ވަނީ ގާތްގަނޑަކަށް އެއްކޮށް ހުއްޓާލާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް މިއަދު ވިދާޅުވީ، ޕޯސްޓުމޯޓަމް ހަދަން ކުއްޖާގެ ހަށިގަނޑު މި ހަފްތާ ތެރޭގައި އިންޑިއާ އަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

އެއީ ރާއްޖެއިން ބޭރުން ކުރަން ޖެހޭ ކަމަކަށްވެފައި އެކަމުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ވަގުތު ނަގާނެކަން އޮފިޝަލް ވަނީ ފާހަގަކުރައްވައިފައެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭގައެވެ. ކުއްޖާގެ ހަށިގަނޑު އަދިވެސް ބާއްވާފައި އޮތީ މޯޗަރީގައެވެ.

ރާއްޖޭގައި ހިނގާ މަރަކާއި ގުޅިގެން ފުލުހުން ޕޯސްޓްމޯޓަމް ހަދަން ބޭނުން ވެއްޖެނަމަ އާއިލާގެ ރުހުން ނެތި ވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު މިހާރު ގާނޫނުން ފުލުހުންނަށް ލިބެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އޭގެ ތެރެއިން 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.

އެ މީހުންގެ މައްޗަށް ފުލުހުން ވަނީ ގަސްދުގައި މީހަކު މެރުމުގެ ތުހުމަތާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކޮށްފައެވެ.

ފުލުހުން ވަނީ މިމައްސަލައިގެ ތަހްގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

ހައްޔަރު ކުރި ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮތް ދެ މީހުނެވެ. މަސްތުވާތަކެތީގެ ކުށުގެ ރެކޯޑާއި މާރާމާރީގެ ކުށުގެ ރެކޯޑް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮމެންޓު

    ކުއްޖާގެ އާއިލާ އަށް އިތުރު ހިތަމަ ތަކެއް ނުދީ އެކުއްޖާ ވަޅުލަބަލަ އަވަހަށް ތިކަން ނުވަންޔާ. ނިކަމެއްޗެއް ވީމަ ދިއުޅި ދިގުވެގެން ތިއުޅެނީ.

    11
    3
  2. ވަހީދުބެ

    ވޭތުވެދިޔަތާނގައި ތިޔަބުނާ ޕޯސްޓްމޯޓަމް ހަދައިގެން ހޯދުނު ކަމެއްނެތް. ތިޔައީ މައްޔިތާގެ ހަށިގަނޑަށް ކީއްކުރަން ދޭއަނިތާއެއް.

    7
    1
  3. ހައްމާދު

    ނޫސް ތަކަށް ފިޔަވަޅު އަޅާ ހަގީގަތް ފޮރުވަން އުޅޭ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އިސްތިއުފާ! ތީ ބޮޑު ފެއިލިއާއެއް.

    6
    1