ދުވަސްކޮޅަކު މާލޭގައި އުޅުމަށް ފަހު އދ. އޮމަދު އަށް އުފަން އައިމިނަތު ޝެނީފާ (ޝެނީ) 22، ރަށަށް އެނބުރި ބަދަލުވީ އެތައް ފޮނި ހުވަފެނަކާއި އުންމީދުތަކާ އެކުގައެވެ.
ހަގަށް ތިބި ހަތަރު ކުދިންނަށާއި އޭނާގެ މަންމަ އާއި ބައްޕައަށް ސިހުން ގެނުވީ ކައިވެނިކޮށްގެން އުޅޭތާ ތިން އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ޝެނީ ބަނޑު ބޮޑުކަމުގެ އުފާވެރި ހަބަރު ލިބުމުންނެވެ.
ޒަވާޖީ ހަޔާތަށް ފޮޅޭ ފުރަތަމަ މަލުގެ ހިނިތުންވުން ދެކެލުމަށްޓަކައި ޝެނީ ދުވަސްތައް ގުނަމުން ދިޔައެވެ. އާއިލާގެ ލޯތްބާއި އަޅާލުމުގެ ހިޔަލުގައި ހުރެ އުފާވެރި ދުވަސްތަކެއް ރަށުގައި ހޭދަކުރަމުން ދިޔައެވެ. ނަމަވެސް އެ އާއިލާއަށް ވެރިވެފައިވާ ބަހާރު މޫސުމުގެ ކުލަވަރު ފަނޑުވެގެން ދިޔައީ އޭނާގެ ކުއްލި މަރާ އެކުއެވެ. މި ކުއްލި ވަކިވުން ވެގެން ދިޔައީ މުޅި އޮމަދޫ ރައްޔިތުންގެ ލޯތަކަށް ކަރުނަ އިން ފޯވި ކަމަކަށެވެ.
އުމުރުން އެންމެ 18 އަހަރުގައި އާއިލާގެ ހުރިހާ ކަމެއްހެން ބަލަހައްޓަމުން އައި ޝެނީ ވަކިވެގެން ދިޔައީ ބަނޑަށް 20 ހަފްތާގައެވެ. އިއްޔެ ރަށުގައި ހުއްޓާ ހާލު ދެރަވުމުން އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
ޝެނީގެ ބޮޑުބޭބެ "ވަގުތަށް" ބުނީ ޝެނީގެ ހާލު ގޯސްވެ ފުރަތަމަ ވެއްޓުނީ ކޮޓަރި ތެރެއަށް ކަމަށެވެ. އަދި ފަހުން ފިރިމީހާއަށް ގުޅައިގެން އޮއްވާ އިތުރަށް ހާލު ގޯސްވި ކަމަށް އޭނާ ބުންޏެވެ.
"އެއްޗެއް ވެއްޓުނު އަޑު އިވިގެން ގޮސް ބެލިއިރު ޝެނީ ވެއްޓިފައި އޮތީ. އޭގެފަހުން އެކަމަކު ހޭއެރުމުން މާލޭގައި ހުރި އޭނާގެ މަންމައަށް ގުޅައިގެން ވާހަކަދެއްކި. އެ ކޯލަށްފަހު ފިރިމީހާއަށް ގުޅައިގެން އޮއްވާ ބާރު ގަނޑެއް އަރާފަ ކުއްލިއަކަށް ހުއްޓުނީ. ޑޮކްޓަރު ބުނާ ގޮތުން ފިޓެއް ޖެހުނީ" އޭނާ ކިޔައިދިނެވެ.
ޝެނީގެ ހާލު ގޮސްވެފައި މިވަނީ ކުޑަކޮށް ބަލިވެ އުޅޭތީ އޭނާ މާލެ ގެނެސް ޑޮކްޓަރަށް ދައްކާލަން ފިރިމީހާ ލޯންޗްއެއްވެސް ހަމަޖައްސާފައި ވަނިކޮށެވެ.
އެގޮތުން އޮމަދޫ ހެލްތު ހެލްތު ސެންޓަރަށް ޝެނީ ގެނެސް ބެލި ބެލުމުން އެނގިގެން ދިޔައީ ލޭގެ ޕްރެޝަރު ވަރަށް މަތީގައި ހުރިކަމެވެ. އެ ރަށު ހެލްތު ސެންޓަރުގައި ދެވެން ހުރިފަރުވާއެއް ދިނުމަށްފަހު އިތުރު ފަރުވާއަށް ލަސްނުކޮށް އދ. މަހިބަދޫއަށް ފޮނުވިއެވެ. އަދި ޝެނީގެ ހާލު އިތުރަށް ގޯސްވާތީ މާލެ ގެނެވުނެވެ.
އާއިލާގެ އެހެން މެމްބަރަކު ބުނީ އައިޖީއެމްއެޗްއަށް ގެންދިޔައިރުވެސް އޮކްސިޖަން ދަށްވެ، ހާލު ދަށްވަމުން ދިޔަ ކަމަށެވެ. އަދި ދަރިފުޅު އުފަންކޮށް އެކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އޮޕަރޭޝަން ކޮށްގެންވެސް އެ ކުއްޖާ ނަގަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ބުނި ކަމުގައި ވެއެވެ.
އެހެން ބުނިތާ އިރުކޮޅެއް ތެރޭ ޝެނީގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާ ދޭން ފެށި ކަމަށް އޭނާ ބުނިއެވެ.
"ޝެނީގެ ހާލު މާ ގޯސްވެއްޖެ ކަމަށް ބުނެ އައިސީޔޫއަށް ލާންށޭ ކިޔާފަ އެކި މީހުން އެކި ކޮޅު ކޮޅަށް ދުވަންފެށި. ބޭބީ ގޯސް ވީހޭ އެހީމަ ބުނި ނޫނެކޭ. އެކަމަކު 11:30 ހާއިރު ނިކުމެފައި ބުނީ ޝެނީއާ ދަރިފުޅުވެސް ނިޔާވެއްޖެއޭ" ރޮވިފައިވާ ހާލު އޭނާ އަސަރާއި އެކު ކިޔައިދިނެވެ.
ޝެނީގެ މަރާއި އެކު މުޅި އޮމަދޫ އޮތީ ފުން ހިތާމައެއްގައެވެ.
"ވަގުތު" އާއި ވާހަކަދެއްކި އެރަށު ކޮންމެ މީހަކުވެސް ބުނަނީ ގެއްލިގެން އެދިޔައީ ނަމޫނާ ދަރިއެއް ކަމަށެވެ. ހިތްވަރާއި އެކު ކަންކަމާއި ކުރިމަތިލާން ކެރޭ ކުއްޖެއް ކަމަށް އޭނާ ބުންޏެވެ. އެއީ ކޮންމެ މީހަކާއި ވެސް އުޅޭ، ހިތްހެޔޮ މަޑުމައިތި މިޖާޒެއްގެ ޒުވާނެއް ކަމުގައި ކޮންމެ މީހަކުވެސް ބުންޏެވެ.
ޝެނީ ރަށަށް އައުމަށްފަހު މަސައްކަތް ކުރަމުން ދިޔައީ އެރަށު ޕްރީސްކޫލްގެ އެޑްމިނިސްޓްރޭޓަރަކަށެވެ. އެއީ ސްކޫލްގައި އުނގެނެމުންދާ ކުދިންގެ ލޯބިވާ "ޝެނީ އާންޓީ"އެވެ.
ނިމި ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޝެނީ ވަނީ ވާދަކޮށްފައެވެ. އޮމަދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ދެ ގޮނޑިއަށް ޖޭޕީގެ ފަރާތުން ވާދަކުރިއެވެ. ނަމަވެސް އެ އިންތިހާބު އޭނާއަށް ނާކާމިޔާބުވެފައި ވަނީ 168 ވޯޓާ އެކުއެވެ.
ދަރިމައިވުމުގެ ސިއްޙަތު ހިމެނޭ ޕްރައިމަރީ ހެލްތުކެއަރގެ ނިޒާމް ފުނޑިފައޮތް މިންވަރު މިފެންނަނީ. ދުރާލާ ދެނެގަނެވިގެން ހައްލުހޯދިދާނެ ޕްރިއެކްލެމްޕްޝިއާ ފަދަ ހާލަތްތައް ބަލާނުލެވޭ. ހެލްތު ސިސްޓަމްގެ ފެއިލިއަރއެއް
ޢައިޖީ އެމް އެޗު ގެވާހަކަ ދޯ؟! މާބަނޑު މީހުން ނާހަމަޔަށް ޑރ ނަށް އާ ދެވޭއިރު މާބަޑު މީހާ އޮންނަނީ ވާނެ އެއްޗެއްވެ ނިމިފަ! ވިހާ ކުޑަދަރިފުޅުވެސް ނާސަރީ ގަ 3ހަފުތާ ނަގަންޖެހޭ،!3ލައްކަ މީހުންނާ ބި ދޭސިންނަށް 4 ޑރ ތިބެނީ! ޑރވެސްވަރުބަލިވެފަ ތިބެނީ! އާއިލާ އަށް ކެތްތެރިކަން ދެއްވާ ދޭވެ އާމީން، މަރުހޫމާ ގެ ފުރާނަޔަށް ސުވަރުގެ މިންވަރު ކުރައްވާ ދޭވެ.އާމީން
ކޮޓަރިތެރެއަށް ވެއްޓުމާ ސިއްހީމަރުކަޒާށް ގެންދިއުމާ ދެމެދު ވީކިހާ ވަގުތެއްތޯ؟
އަންހެނުން މާބަނޑު ދުަވަސްވަރާއި ވިހެއުމާއި އަދި އެއަށް ފަހުވެސް އުފުލާވޭނާ ކެކުޅުން އެއީ ދުލަކުން ގަލަމަކުން ބަޔާންކުރެވޭނެ ކަމެއް ނޫން. އެކަމު މިހާރު އުޅޭ އަންހެން ވެރިން ވާންޖެހެނީ ފިރިހެނުން އުޅޭ ގޮތަށް އުޅެއް. ޝެނީފާގެ ފާފަ ފުއްސަވާ އާއިލާއަށް ކެއްތެރިކަން މިންވަރު ކުރައްވާށިއެ.
ސިއްހީ ނިޒާމް ވަނީ ފެއިލްވެފަ މިގައުމުގަހުރިވެރިމީހާއަކީ ނާގާބިލް މީހެއް ގައުމު ވަނީ މަރުވެފަ އާރޯކަންގެންނާނެ ވެރިއެށް މި ވަނީ އިންތިހާއަށް ބޭނުންވެފަ މިފަދަ އަގުހުރި ފުރާނަތަށް ގެއްލެމުންދަނީ ދޯހަޅި ސިއްހީ ނިޒާމެއްގެ ސަބަބުން މާތްﷲ މަރުހޫމާގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މެދުވެރި ކުރަށްވާ އާއިލާއަށް ކެތްތެރިކަން މެދުވެރިކުރަށްވާންދޭވެ އާމީން..
ކޮންމެ މީހަކުވެސް ބޮޑެތި ޕެރެގްރާފް ލިޔެލާއިރު ތަނެއް ދޮރެއް ބަލާނުލާ އިގޭ އެއްޗެއް، ހިތައް އެރި އެއްޗެއް ލިޔެލަނީ... ބަލިވާ ކޮންމެ މީހަކު ރަގަޅުވުން އެއީ ވަރަށް ދުރުކަމެއް، ހަމަ މިގޮތް ހުރިހާކަމެއްގައިވެސް ދުނިޔޭގައި ހިގަމުންދަނީ....