ޖިނާއި މައްސަލަތަކުގައި ފަނޑިޔާރުން ބަދަލުކުރުމަކީ އެންމެ އެދޭގޮތް ނޫން ކަމަށް ޕްރެސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމް އެހެން ވިދާޅުވެފައި ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައަށް އިޝާރާތްކުރައްވައެވެ. އަލީ ވަހީދުގެ މައްސަލަ ބައްލަވަމުންގެންދަވާ ފަނޑިޔާރު ގާޒީ ހަސަން ސައީދު މައްސަލަ އޮއްބާލަން މަސައްކަތްކުރައްވާ ކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.
ފެމެލީ ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވީ ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލުކުރީ ޖޭއެސްސީން ބެލި މައްސަލައެއްގައި އެޅި ފިޔަވަޅެއްގެ ގޮތުންނެވެ. ޖޭއެސްސީން ވަނީ 2019 ވަނަ އަހަރު ގާޒީ ހަސަން ސައީދުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގެ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައެވެ. އެ ތުހުމަތުތަކަށް ގާޒީ ވަނީ އިންކާރު ކުރައްވާފައެވެ. ޖޭއެސްސީން ދަނީ މިހާރުވެސް ގާޒީ ހަސަން ސައީދުގެ މައްސަލަތަކެއް ބަލަމުންނެވެ.
ޝަމީމްގެ ބްލޮގްގައި މިއަދު އާއްމުކުރައްވާފައިވާ އޯޑިއޯއެއްގައި ވިދާޅުވީ، ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ހައިކޯޓުގައި އެދުނު އެދުމަކަށް އަދި މިހާތަނަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. މިހާރު ބަލަމުން ދާން ޖެހޭނީ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް އޭނާ ވިދާޅުވިއެވެ.
"އުނދަގޫ މައްސަލައެއް ލިބޭއިރަށް، ޚަޞްމުންނަށް ތުރާކޮށްގެން ފަނޑިޔާރު ބަދަލު ކުރަން އެދުވާނީ، ފަނޑިޔާރު ބަދަލު ކުރުމަކީ އަޅުގަނޑުމެން އެދޭ ކަމެއް ނޫން" ޝަމީމް ލިޔުއްވެވިއެވެ.
އަލީ ވަހީދުގެ މައްސަލަ އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުންވެސް ޕީޖީން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ޝަމީމް ވިދާޅުވާ ގޮތުގައި ދިވެހި ދައުލަތުގެ އިހްތިސްސް ނުހިނގާ ތަނެއްގައި އަލީ ވަހީދު ހުއްޓާ ޝަރީއަތް ކުރިއަކަށް ނުގެންދެވޭނެއެވެ. މި ވަގުތު ޔޫކޭގައި ހުންނެވި އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުން ވަނީ އޮންލައިން މެދުވެރިކޮށް ކުރިއަށް ގެންގޮސްފައެވެ. އެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ އެމްބަސީގައި އަލީ ވަހީދު ހުރެގެންތޯ ބަލައި ދިނުމަށްވެސް ޕީޖީން ވަނީ ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ.
އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ތެރޭގައި ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެވެ.
އަލީ ވަހީދު ފުރައިގެން ދާން ފުރުސަތު ލިބޭނެ ގޮތް ވުމުން ޕީިޖީ އޮފީހަށާއި ކްރިމިނަލް ކޯޓަށާއި ސަރުކާރަށް ވެސް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. އެކަމަކު ޕީޖީ ވިދާޅުވަނީ އެ ކަމާ ދައުލަތުން ދެކޮޅު ހަދާފައިވަނިކޮށް ކޯޓުން އެ ހުއްދަ ދިނުމުން، އޭގައި ޕީޖީ އޮފީހުގެ ފެއިލް ވުމެއް ނެތް ކަމަށެވެ.
ބަދަލު ކުރަން ވީ ގާޒީ އެއް ނޫން މިހާރު މިއޮތް ނާގާބިލް ލާދީނީ އެމްޑީޕީ ސަރުކާރު.
ޑްރާމާގެ އެއް ތަރި ބަދަލުވީމަ ޑްރާމާ ކުރިއަށް ގެންދަން އުނދަގޫވާނެ. އެހެންވީމަ އެއްވެސް ތަރިއެއް ބަދަލުކުރާކަށް ބޭނުމެއްނުވާނެ. ތިއީ އެންމެން ގުޅިގެން ކުޅޭ ޑްރާމާއެއް.