މ.މުލީގައި ޕިކަޕަކާއި ދޮރެއް ދޭތެރޭގައި ތާށިވި ޒުވާނާ އަށް ސީރިއަސް އަނިޔާތަކެއް ލިބިގެން މާލެ ގެނެސް ފަރުވާ ދެމުން އެބަގެންދެއެވެ.

އަނިޔާތަކަށް އެހީވުމަށް މުލީ ކައުންސިލުން މިހާރު ވަނީ ފަންޑް ފޮއްޓެއް ވެސް ހުޅުވާފައެވެ.

މުލީ ކައުންސިލްގެ މެމްބަރު އަހުމަދު ސާކިފް "ވަގުތު" އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އެ ހާދިސާ ހިނގީ ޕިކަޕެއް ގުދަނަށް ވައްދަން އުޅުމުގެ ތެރޭގައެވެ.

އަނިޔާވި ޒުވާނާ އަކީ އެ ރަށު ސިމްލާވިލާ އުމުރުން 28 އަހަރުގެ އަހުމަދު ރައިހާން އެވެ. އޭނާ އަށް އަނިޔާވީ ޕިކަޕް ގުދަނަށް ވެއްދުމަށް ފަހަތަށް ޖެއްސުމުގެ ތެރޭގައި ކަމަށް ކައުންސިލުން ފާހަގަކުރައްވައެވެ.

"ހިލަވެލިވައްދާފައި ހުރި ގުދަނެއް އެއީ. މައުލޫމާތު ލިބޭ ގޮތުން ޕިކަޕް ވެއްދި އިރު ކޮޅަށް އޭނާ ހުރީ. ފަހަތަށް ޖައްސާލި ވަގުތު ތޮރާއި ޕިކަޕާއި ދޭތެރޭ ތާށިވީ." އޭނާ ވިދާޅުވިއެވެ.

އެ ހާދިސާ ހިނގީ 26 ވަނަ ދުވަހުގެ މެންދުރު 11 ޖަހާކަށް ހާއިރުއެވެ. އޭނާ އިތުރު ފަރުވާ އަށް މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދޭން ފެށީ އެ ދުވަހުގެ ހަވީރުގެ ވަގުއްގައި ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

މި ހާދިސާގައި ރައިހާންގެ ބޮލުގެ ތިން ތަނަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި ސިކުނޑި އަށް ވައި އެޅި ލޮލުގެ ފެނުން ފުސްވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އޭނާގެ ހާލު ސީރިއަސްވުމުން ފަރުވާދެމުންދަނީ އައިސީޔޫގައެވެ.

އެހެންނަމަވެސް މިހާރު އޭނާގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. ރައިހާން އަށް އެހީވުމަށް ކައުންސިލުން ވަނީ ފަންޑުފޮށިތަކެއް ބަހައްޓަން ނިންމާފައެވެ. އެ ފަންޑުފޮށިތައް ބަހައްޓާ ތަންތަނަކީ އައިއެމް ކޯނާ 2، ޓައިކޫން ޕްލަސް، އަދި މުލީ ފުޓްސަލް ދަނޑުގައި ހަވީރު ހަތަރެކުން އިރުއޮށްސި ހައެކަށެވެ

ފައިސާ ޓްރާންސްފަރ ކުރަން ބޭނުންވާ ފަރާތްތަކަށް 7709469908101 އަށް ފައިސާ ޖަމާކުރެއްވުމުގެ ފުރުސަތު އެބައޮތެވެ. ޓްރާންސްފަރ ސްލިޕް ޖަމާކުރާނީ 9774475 އަށެވެ.

އޭނާގެ ހާލަތާއި ގުޅޭ ގޮތުން އަދި މިހާތަނަށް އޭޑީކޭ ހޮސްޕިޓަލްގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޫސަ

    މާތްﷲގެ ރަޙްމަތްފުޅުން އަވަސް ޝިފާއެއް މިންވަރު ކުރައްވާށި އާމީން

    63
    2
  2. ހެޔޮދުޢާ

    ރައިޙާނަށް ﷲ އަވަސް ފުރިހަމަ ޝިފާއެއް މިންވަރު ކުރައްވާށި! އާމީން

    53
  3. ރަދީފް

    އަވަސް ޝިފާއަކަށް އެދެން.ހާޓް ބްރޭކިން ނިއުސް.

    39
  4. މިތުރާ

    4ފުރޮޅުލީ ދުއްވާ އެއްޗަކީ ފިސްތޯލެއް ފަދަ އެއްޗެއް، އެވެސް ތިވެސް ބޭނުންކުރަން ލައިސަންނަގަނީ ،އެދުއްވާ މީހާޔާ އެހެން މީހުންގެ ރައްކަލަކައް، ޕިކަޕު މޫވު ކުރާއިރު ލޯގަޑުންނާ ކޮނޑުމަތިން ފަހަތާ 2ފަރާތްބަލަން ޖެހޭ،🙄🤔

    10
  5. ރަނާ

    ރައިހާނަށް އަވަސް ޝިފާއެއް ދެއްވާށި!

    15