އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ސާފުކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފޮނުވި ސިޓީގެ ޖަވާބު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފިއެވެ.

މަހްލޫފްގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާ އުފުލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ ނުވަ ވަނަ ދުވަހުގައެވެ. އޭގައި ސާފު ކުރަން ހުރި އިތުރު ކަންކަން ސާފުކޮށްދޭން އެދުނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

ޑިއުޓީ ޕްރޮސެކިއުޝަން ނަމުގައި އޮންނަ މި މަރުހަލާ ކުރިއަށް ގެންދިއުމުގެ ގޮތުން ޕީޖީ އޮފީހުން އޭސީސީގައި އެ ކަމަށް އެދުނުތާ މިއަދަށް 10 ދުވަސް ހަމަވެފައިވާއިރު، އަދިވެސް މަހްލޫފްގެ މައްޗަށް ދައުވާ އުފުލުމުގައި ވަކި ގޮތެއް ނުނިންމެއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، ޕީޖީ އޮފީހުން ފޮނުވި ސިޓީއާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށް ފަހު، ހުރިހާ ލިޔެކިއުންތައް ޕީޖީ އޮފީހަށް ފޮނުވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އެސެޓް ރެކެވަރީގެ ރިޔާސީ ކޮމިޝަނާއި ޕީޖީ އޮފީހާއި އޭސީސީއާއި ފުލުހުން ގުޅިގެން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގު ކުރިއަށް ގެންދާއިރު، އިދާރާތަކުން އެކުލަވާލާފައިވާ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން އެބަ އޮތެވެ.

އެކަމަކު ޚިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް މަހްލޫފް އިންކާރު ކުރައްވައެވެ. މިއީ ސިޔާސީ ގޮތުން އޭނާ "ކަތިލަން" ކުރާ ކަމެއްގެ ގޮތުގައި މަހްލޫފް ސިފަ ކުރައްވައެވެ.

ވަކި ގޮތަކަށް ވޯޓް ދޭން ރިޝްވަތު ނެގި ކަމުގެ ތުހުމަތު

ރިޝްވަތު ނެގި ކަމުގެ ދައުވާ ކުރަން ނިންމާފައިވަނީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، އެސްއީޒެޑް ބިލެއް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީ ކަމަށް ބަޔާނުގައިވެއެވެ.

މި ވޯޓަށް ފަހުގައި އެމްއެމްޕީއާރްސީގެ ހިޔާނަތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚަށް ހަވާލާދީ އޭސީސީން ފާހަގަކުރަނީ އެއީ ޚިޔާނާތުގެ ފައިސާ ކަމުގައެވެ.

ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުން، އެ ކުށުގެ އަދަބަކީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އެ މުއްދަތަށް އަރުވާލުން ނުވަތަ ހަމަ އެ މުއްދަތަށް ގޭގައި ބަންދުކުރުމެވެ.

އޮޅުވާލާފައިވާ ލިޔުންތަކެއް ހުށަހެޅި ކަމުގެ ތުހުމަތު

ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވަން ނިންމީ އޭނާއަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ލިޔެކިއުންތަކެއް ހުށަހެޅުމުންނެވެ.

އޭސީސީން ފާހަގަކުރާ ލިޔުންތަކަކީ އޭނާ ތަހުގީގީ އިދާރާތަކަށް ފޮނުވި "ޕޭމަންޓް ރިސީވްޑް" ލިޔުމަކާއި، އެ ޑޮލަރަށްވާ ފައިސާ ނަގުދު ފައިސާއިން އެސްއޯފްއާ ހަވާލުކޯށްފައިވާނެ ކަމަށް އަންގައި މަހްލޫފް ފޮނުވި ސިޓީއެކެވެ.

އޭސީސީން ފާހަގަކުރާ ގޮތުގައި މި ލިޔެކިއުންތަކުގައިވަނީ ހަގީގަތް އޮޅުވާލުމުގެ ގޮތުން މަހްލޫފް އެ ފައިސާ ނެންގެވީ ޑޮލަރު ގަންނަން ކަން ތަހުގީގަށް ދެއްކުމަށް ޓަކައި ކަން ތަހުގީގަށް އެނގިފައިވާ ކަމުގައެވެ.

މީގެ ކުރިން މަހްލޫފް ވެސް ދިފާއުވާން ދެއްކެވީ މި ވާހަކައެވެ.

އޭނާއަށް ލިބިވަޑައިގެންނެވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގައި ލިބިވަޑައިގެންނެވި ފައިސާ ކަމުގައެވެ. އެއީ ޚިޔާނާތުގެ ފައިސާ ކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމުގައި މަހްލޫފް ވިދާޅުވަމުން ގެންދެވިއެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން، މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަދަބަކީ ހަ މަސް ދުވަހާއި އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުމަދު

    ގިނަ މީހުން ބުނާގޮތުގަ އަދިވެސް ކޮންމެވެސް އެއްޗެއް މަދުވާނެ ނޫނީ އުންސުރު ހަމަނުވާނެޔޯ، މިޕީޖީ ހުރެގެން ތިކަހަލަ ދައުވާތަކެއް ނުކުރާނެޔޯ އެއީ ތެދެއްބާ؟

  2. Happ

    މާހުލޫފަކީ މިހާތަނަށް އައި އެންމެ ހިންގުންތެރި މުޜާލީ ޔޫތު މިނިސްޓަރު... ނުޥެ ހުރި އެތަކެއްކަމެއް އެބަކޮށްދޭ... ސުކުރިއްޔާ މަހުލޫފް ކުޅަިވަރުގެ އާޢިލާއިން ބަލައިގަންފިން ..

  3. ކާފަބޭ2020

    ރަނގަޅަށްބަލާތިމިފަހަރު އުންސުރާފަންސުރާދިމާވޭތޯ؟ ތިޔައީކުޅޭކުޅިވަރެއް!
    ކުޅިވަރުނަމްބަރު 1 މަރުތަކާބެހޭކުޅިވަރު
    " 2 ކޮރަޕްޝަނާބެހޭކުޅިވަރު
    " 3 ޖިންސީފުރައްސާރައިގެކުޅިވަރު
    " 4 އެމްއެމްޕީއާރުސީގެކުޅިވަރު
    " 5 ބަދަލުދިނުމުގެކުޅިވަރު
    " 6 ފުލެޓުތަކާބެހޭކުޅިވަރު
    މީގޭންއެއްވެސްކުޅިވަރެއްގެކަމެއް އުންސުރާފަންސުރުދިމާނުވާތީ މިސަރުކާރަކަށްނުބެލޭނެ! މިސަރުކާރަށްކުރެވޭނެކަމަކީ މަޖިލިސްތެރޭ ނާޗަރަންގީކުޅުން!

  4. އައްލާ ބެ

    ފޮނުވި ސިޓީ ގެ ޖަވާބު މި ވަގުތު ކޮވިޑާއި ދެވޭކަށް ނެތް