ނ. އިރުފުށި ރިސޯޓް ހިންގުން ހިލްޓަން އިންޓަނޭޝަނަލް އަތުން އަތުލި މައްސަލާގައި ހިލްޓަން އަށް ބޮޑު ބަދަލެއް ދިނުމަށް ސަން ޓްރެވަލްސްގެ އެންޑް ޓުއާސްގެ މައްޗަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން އަންގާފައިވަނިކޮށް ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ސަން ޓްރެވެލްސްއަކީ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ވިޔަފާރި ކުންފުންޏެވެ.

ޝަރުއީ ދާއިރާގެ އެންމެ ފަހު މަރުހަލާގެ އޮތް މި މައްސަލައަކީ ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން 2013 ގައި ބާތިލުކުރުމާއި ގުޅިގެން ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ސަން ޓްރެވަލްސްގެ މައްޗަށް ނެރުނު ހުކުމް ތަންފީޒު ކުރުމަށް ހިލްޓަން އިން ހުށައަޅާފައިވާ މައްސަލައެކެވެ.

ސިވިލް ކޯޓުން ސަން ކުންފުނީގެ އެކައުންޓްތައް ފްރީޒްކުރަން އަމުރު ނެރުނީ ހިލްޓަން އިންޓަނޭޝަނަލް އިން އެ ކޯޓަށް ހުށައަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ ސަން ޓްރެވަލްސްގެ ހުރިހާ އެކައުންޓްތަކެއް ފްރީޒް ކުރުމަށާއި ކުންފުނީގެ އެކައުންޓްތަކުގެ ތަފްސީލު އެ ކޯޓާ ހިއްސާކުރުމަށް ވަނީ އަންގާފައެވެ.

ސިވިލް ކޯޓުން މީގެ ކުރިން ވަނީ އިރުފުށި މައްސަލައިގައި ބަދަލުގެ ގޮތުގައި ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރު ދެއްކުމަށް ހިލްޓަންގެ މައްޗަށް މައްސަލައެއް ނިންމާފައެވެ. ނަމަވެސް، ހިލްޓަންގެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށްފައެވެ.

ހައިކޯޓުގެ އެ ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި ވާއިރު މިއަދު ކުރިއަށް ދިޔައީ މި މައްސަލައިގެ އެންމެ ފަހު އަޑުއެހުމެވެ. މި މައްސަލަ ބައްލަވަމުން ދިޔައީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީީ އުއްތަމަ ފަނޑިޔާރު އަހްމަދު މުމްތަސިމް އަދްނާނާއި، ފަނޑިޔާރު އައިޝާ ސުޖޫންގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

މިއަދުގެ އަޑުއެހުމުގައި ސަން ޓްރެވެލްގެ ގާނޫނީ ވަކީލް އަހްމަދު މުއިއްޒު ވިދާޅުވީ ހިލްޓަންއާއި އެކު އެގްރިމެންޓްއެއްގައި ސޮއި ކުރެވުނީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ކަމަށެވެ. އެއީ ހަތަރު މަހެއްހާ ދުވަހުގެ މަޝްވަރާއަކަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ އެއްބަސްވުމުގައި ސޮއި ކުރުވީ ހަގީގަތާއި ހިލާފު ހުށަހެޅުންތަކެއް ހުށަހަޅައިގެން މަކަރާއި ހީލަތުން ކަމަށް އޭނާ ވިދާޅުވެއެވެ.

އެހެންނަމަވެސް ހިލްޓަންގެ ދިފާއީ ވަކީލް މުހައްމަދު ޝާހްދީ އަންވަރު ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި ދެފަރާތުގެ މެދުގައި އެއްބަސްވުމެއް އެކުލަވާލާފައި ވަނީ ވަރަށް ސަރީހަ އިބާރާތުންކަން އޭނާ ވަނީ ވަރަށް ތަފްސީލުކޮށް ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުން އެކުލަވާލާފައި ވަނީ ވަލުއީ ގާނޫނުތަކުގެ މައްޗަށް ކަން ދިފާއީ ވަކީލް ފާހަގަކުރެއްވިއެވެ. އަދި އެހެންވެ، މި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަންއާ ހަމައިން ނިމޭނެ ކަމަށް އެ އެއްބަސްވުމުގައިވާ ކަން ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

މި މައްސަލަ ސިންގަރޫޕް އާބިޓްރޭޝަން އިން ނިމިފައި ވަނީ ސަން ޓްރެވެލްސްއާއި ދެކޮޅަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދެން އޮންނާނީ ހުކުމް ކުރުމުގެ މަރުހަލާ ކަމަށެވެ. އަދި މައްސަލަ ދިރާސާ ކުރައްވަމުން ދާއިރު އިތުރު ކަމެއް ފަނޑިޔާރުންނަށް ފާހަގަކުރެވިއްޖެނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މި މައްސަލާގައި، ހައި ކޯޓުން ހުކުމް ކޮށްފައިވަނީ ސިވިލް ކޯޓަށް އާބިޓްރޭޝަން އަމުރު ތަންފީޒު ކުރެވޭނެ ކަމަށެވެ. އާބިޓްރޭޝަން ގާނޫނާ ހަވާލާދީ ހައި ކޯޓުން ކުރި ހުކުމުގައި ވަނީ، އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރާނީ "ކަމާބެހޭ ކޯޓުން" ކަމަށާއި، މިފަދަ މައްސަލަތަކުގައި އަމަލުކުރާ ގޮތަށް ބަލާއިރު އެ ކޯޓަކީ ސިވިލް ކޯޓު ކަމަށެވެ. މިއާއެކު ސަން ޓްރެވެލްގެ އެކައުންޓްތައް ވެސް ވަނީ ސިވިލް ކޯޓުން ފްރީޒްކޮށްފައެވެ.