ސިވިލް ސާވިސް އިން ފޮރިން ސާވިސް ވަކިކޮށް ފޮރިން މިނިސްޓްރީގެ ބެލުމުގެ ދަށުން ފޮރިން ސާވިސްގ މުވައްޒަފުން ކަނޑައަޅާ ގޮތަށް ހުށަހަޅާފައިވާ ފޮރިން ސާވިސް ބިލަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވަނީ ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހަޅުއްވައިދެއްވައިފައެވެ. އަދި ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ މިއަދު ވަނީ ފަށައިފައެވެ.

މި ބަހުސްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާލުވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ކެރިއަރު ފެއްޓެވީ ފޮރިން ސާވިސްގެ އޮފިސަރެއްގެ ގޮތުގައި ކަމުން އޭނާގެ ވިސްނުން އަބަދުވެސް ހުންނެވީ ފޮރިން ސާވިސް ތަރައްގީ ކުރުމަށް ކަމަށެވެ.

މިހާރު ހުށަހެޅިފައިވާ ބިލުގައި ވެސް އޮތީ ފޮރިން ސާވިސް ތަރައްގީ ކުރާނެ ކަންކަން ކަމުގައި އާޒިމް ފާހަގަކުރެއްވިއެވެ. މި ގޮތުން ސަރުކާރު ބަދަލުވިޔަސް، ފޮރިން ސާވިސް ޚިދުމަތް ދިނުމަށް ތަމްރީން ކުރެވޭ މުވައްޒަފުން ވަޒީފާތަކުގައި ތިބެވޭނެ ގޮތް މެދުވެރިވާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބިލުން ކުރާ ކަމަކީ ކެރިއާ ފޮރިން ސާވިސް އޮފިސަރެއް ތަމްރީންކޮށް އުފައްދާ އެ ސާވިސް ހިންގުމުގެ ބާރު ދިނުން. ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ފޮރިން ސާވިސްގެ ހުރިހާ މުވައްޒަފުން ބަދަލު ކުރަން ޖެހޭ ހާލަތު ބަދަލު ކޮށްދިނުން،" އާޒިމް ވިދާޅުވިއެވެ.

ބިލުގައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަމެއް އޮތް ނަމަ ކޮމިޓީ މަރުހަލާގައި އެ ކަމެއް ކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންވެ ބިލް ބަލައިގަންނަން އޭނާ ގޮވާލެއްވިއެވެ. އަދި ބިލު އިތުރަށް ފުރިހަމަކޮށް ފާސްކުރުމަށް ތާއީދު ކުރައްވައި އާޒިމް ވާހަކަ ދެއްކެވިއެވެ.

އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވެސް ވަނީ ބިލަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފައެވެ. އަދި ސިވިލް ސާވިސް އިން ފޮރިން ސާވިސް ވަކި ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު ޝަރީފް ވަނީ ބިލަށް އިތުރު އިސްލާހުތަކެެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މި ގޮތުން ބޭރު ގައުމުތަކުގައި ހުންނަވަން ރާއްޖޭން ކަނޑައަޅާ ޑިޕްލޮމެޓިކް ބޭފުޅުންނަކީ ހަމައެކަނި ދިވެހިން ކަމުގައި ބިލުގައި ބަޔާން ކުރަން ޖެހޭ ކަން ޝަރީފް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޚާރިޖީ ސިޔާސަތުތައް ރައީސްގެ ކޮންޓްރޯލްގައި އޮންނަ ގޮތަށް ބިލު އޮންނަން ވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގެ ބާރު ސީދާ ރައީސަށް ގާނޫނު އަސާސީން ދީފައި އޮތުން ކަމަށެވެ.

"ދުނިޔޭގެ ބައެއް ގައުމުތަކުގައި، ރައީސްއާއި ފޮރިން މިނިސްޓަރަށް ލަފާ ދޭނެ ފޮރިން ސާވިސް ސެކްރެޓަރީއެއް ހުރޭ، މިހާރު އެ ހުންނަނީ ސިވިލް ސާވިސްއިން ކަނޑައަޅާ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، މި ބަދަލު ވާން ޖެހޭ، މި ބިލަށް އުސޫލެއްގެ ގޮތުން ތާއީދު ކުރެވޭ،" ޝަރީފް ވިދާޅުވިއެވެ.

ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ، ސިވިލް ސާވިސްގެ ގާނޫނު އެކުލަވާލެވިފައި އޮތީ ޚާރިޖީ ގުޅުންތަކާއި ސިޔާސަތުތަކަށް މާ ބޮޑަށް އަލިއަޅުވާލެވިގެން ނޫން ކަމަށާއި އެހެންވެގެން ވަކިން އޮންނަ ފޮރިން ސާވިސްއެއްގެ ގާނޫނަކަށް އޭނާ ތާއީދު ކުރައްވާ ކަމަށެވެ.

"ފޮރިން ސާވިސް އެބަ ވާން ޖެހޭ ތަމްރީން ކުރެވިފައިވާ ޕްރޮފެޝަނަލް ޑިޕްލޮމެޓުން ތިބޭނެ ސާވިސްއަކަށް، އެ ކަމަށް ޚާއްސަކުރެވިފައިވާ ގާނޫނެއްގެ ދަށުން، ވަކިން އޮންނަ ސާވިސްއެއްގެ ގޮތުގައި އެ އޮންނަން ވާނީ،" ނާޒިމް ވިދާޅުވިއެވެ.

މަޖިލީހުގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރުން ބިލަށް ތާއީދު ކުރައްވާ ކަން ވަނީ ހާމަކުރައްވައިފައެވެ. އެމްޑީޕީގެ 65 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު ޖުމްހޫރީ ޕާޓީގެ ފަސް މެންބަރުން މަޖިލީހުގައި ތިއްބަވައެވެ. މި ދެ ޕާޓީގެ މެންބަރުން ވެސް ވަނީ މިއަދު ފޮރިން މިނިސްޓަރު ޝާހިދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވެސް ވާހަކަ ދައްކަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބްދޫ

    ތިޔަހަދަނީ ވަރަށް ބޮޑު ގޯހެއް. މިހާރު ސިވިލްސާވިސް އުވާލަނީތަ؟ ކޮންމެ އޮފީހަކީ ވަކި ސިޔާސީ އޮފީހަކަށް ހަދައިފިނަމަ ގައުމުގެ ދުވަސް ދިޔައީ ގާނޫނުއަސާސީ ގެ ބޭނުންވެސް ދިޔައީ.ފޮރިން އޮފީހުގަ މާލޭގެ އޮފީހުގަ ތިބެނިކީ ފޮރިން އައި ބެހޭ މީހުނެއްނޫން ފޮރިން ހިންގުމުގެ އެއްބައިރައީސް އޮފީހުގާ ވެސް އޮވޭ. ރައީސުލް ޖުމްހޫރިއްޔައަކީ ވެސް ފޮރިންއާ ގުޅިފަ ހުންނެވުި އެންމެ ބޮޑުވެރިޔާ. ފޮރިންއޮފިހުގެ ހުރިހާމީހުންފަޮރިނަރުންނަށް ހަދަނީތަ؟

  2. ޝޭން

    ބޭނުންވަނީ ބޮޑު މުސާރަ ޖަހަން. ދުވަސްކޮޅަކުން ސިވިލް ސާވިސްގައި ތިބޭނީ އެންމެ ނިކަމެތި މުވަޒަފުން އެކަނި. ހަމައެކަނި ލޭބަރުން އުޅޭތަނަކަށް ސިވިލް ސާވިސް ވާނީ. ސިވިލް ސާވިސް އިން ވަކި ކުރީމަ އެ އޮފީހަކުން ބޭނުން މުސާރަ އެއް ޖަހައިގެން ދައުލަތުން މުސާރަ ނެގޭނެ، ބޭނުން އުސޫލަކުން ބޭނުން ވައްތަރެއްގެ ބަޔަކަށް ވަޒީފާ ދެވޭނެ.

  3. ާައަހުމަދު

    ހީވާގޮތުގަ ބޮޑު ޖަރީމާއެއް ހިންގަން އުޅެނީ، ވަކިސަރުކާރެއް ގޮތަށް ފޮރިން މިނިސްޓްރީ ހިންގަން.