އަންހެންކުދިން ހިތާނުކުރަން ހިތްވަރު ލިބޭ ގޮތަށް ވާހަކަތައް ދެއްކުމުން ހޫނު ފެނަށް ވެއްޓުނު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު މުހައްމަދު ލަތީފް މާފަށް އެދިވަޑައިގެންފިއެވެ.

ޓްވީޓާގައި ކަންތައްތަކުގައި އޭނާ ދެކޭގޮތް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރައްވަމުންދާ އިޔާޒުގެ މައްސަލަ ބޮޑުވީ އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރުދޭ ފަދަ މޭރުމަކުން ކުރެއްވީ ރީޓްވީޓްއަކާއި ގުޅިގެންނެވެ. އިޔާޒުގެ ޓްވީޓްގެ މައްސަަލަ ހޫނުވެ އެތައް ބައެއްގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.

އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ދަނީ މިހާރު ބަލަމުންނެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު "ވަގުތު" އަށް މިއަދު ވިދާޅުވީ، އިޔާޒު ދެއްކެވި ވާހަކަތަކާއި ގުޅިގެން މިނިސްޓްރީއަށް ޝަކުވާ ހުށައެޅިފައިވާ ކަމަށެވެ. މެސެޖުންނާއި ފޯންކޯލް މެދުވެރިކޮށް ޝަކުވާ ހުށައެޅިފައިވާ ކަމަށް އިޔާޒު ނިސްބަތްވާ އަދާލަތު ޕާޓީގެ ޑރ. ޒާހިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މައްސަލަ ބެލުމަށް ފަހު ފިޔަވަޅަން އަޅަން ޖެހޭނަމަ އެކަން ކުރާނެ ކަމަށެވެ.

ޓްވީޓްގެ މައްސަލާގައި ހޫނު ފެނަށް ވެއްޓުމުން މިއަދު އިޔާޒު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އަންހެނުން ހިތާނުކުރުމަށް އެއްވެސް އިރެއްގައި ވަކާލާތު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ދެއްކި ވާހަކައެއްގެ ސަބަބުން އިސްލާމްދީނަކީ އަންހެނުންގެ ހައްގުތަކަށް އަރައިގަންނަ ނުވަތަ އަނިޔާވެރިވުމަށް ގޮވާލާ ދީނެއްކަމުގެ ރަނގަޅު ނޫން ތަސައްވުރެއް ބަޔަކަށް ލިބިފައިވާނަމަ މާފަށް އެދެން" އިޔާޒު ވިދާޅުވިއެވެ.

އެކަމުގައި ޓްވީޓް ކުރެއްވި ސަބަބަކީ އެކަމަކީ އިސްލާމީ ޝަރީއަތުގައި އެއްވެސް މިންވަރަކަށް ނެތް މައްސަލައެއްގެ ގޮތުގައި އާންމުންނަށް ވިސްނޭ ގޮތަށް ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތިވެ އިސްލާމީ އިލްމަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން އިލްމީ އަމާނާތަށް ރައްކާތެރިވުމުގެ ގޮތުން ދީނުގައި އެކަމުގެ އަސްލެއް އޮތް ކަމަކީ ދެކޮޅު ނުޖެހޭ ވަރަށް ހުއްޖަތު ހުރި މައްސަލައަކަށްވާތީވެ އެކަން ބަޔާންކޮށް ދިނުމަށް ކަމަށް ގައުމީ ޔުނިވާސިޓީގައި ކިޔަވައިދެއްވާ އިޔާޒު ވިދާޅުވިއެވެ.

އަންހެނުން ހިތާނު ކުރުމަކީ އިސްލާމްދީނުގައި އެއްވެސް ގޮތަކަށް އޮންނަ ކަމެއް ނޫން ކަމަށް އިލްމުވެރިން ވިދާޅުވާތީވެ އެކަމަށް ރައްދު ދެއްވައި އިޔާޒު ވިދާޅުވީ، ހިލާފުއޮތް މައްސަލައެއްގައި އޮތީ އެންމެ ރައުޔެއްކަމުގައި ބަލައި، ދެންހުރި ހުރިހައި ރައުޔަކީ ނެތް ރައުޔުތަކެއްކަމުގައި ހެދުމަކީ އިލްމީ އަމާނާތްތެރިގޮތެއް ނޫން ކަމަށެވެ.

އަންހެނުން ހިތާނުކުރުމުގެ މައްސަލަ އަކީ އިސްލާމްދީނުގައި އޮތް ކަމެއްޖަން ހަތަރު މަޒްހަބުގެ އިމާމުން އިއްތުފާގެވެ ވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

"އަދި ވަކިން ހާއްސަކޮށް ޝާފިއީ މަޒްހަބާއި ހަންބަލީ މަޒްހަބުގައި މިއީ ވާޖިބު ދަރަޖައަށް ދާ މައްސަލައެކެވެ. އަދި މާލިކީ މަޒްހަބުގައި މިއީ ސުންނަތެއް" އިޔާޒުގެ ބަޔާނުގައި ވިދާޅުވިއެވެ.

"އަޅުގަނޑު ބަޔާންކޮށްދޭން ބޭނުންވި ނުކުތާއަކީ، މި ދަރަޖައަށް އިސްލާމީ ބޮޑެތި އިލްމުވެރިން ވާހަކަދައްކަވާފައިވާ މައްސަލައަކީ ދީނުގައި އަސްލެއް ނެތްކަމެއް ކަމަށް ބުނުމަކީ އިލްމީ ގޮތުން ސައްހަ ބުނުމަކަށް ނުވާނެ" އިޔާޒް ވިދާޅުވިއެވެ.

އިޔާޒުގެ މައްސަލަ މިނިސްޓްރީން ބަލަން ފަށާފައިވާއިރު އަންހެނުން ހިތާނުކުރުމާއި ގުޅޭ ގޮތުން ރައުޔު ނެރެދިނުމަށް މިނިސްޓްރީން ވަނީ ފަތުވާ މަޖިލީހުގައި އެދިފައެވެ.

އަންހެނުން ހިތާނު ކުރުމުގެ ވާހަކަ ދެކެވެން ފަށާފައިވަނީ އަންހެނުން ހިތާނު ކުރުމުގެ ސަގާފަތެއް ރާއްޖޭގައި އާލާވަމުން އަންނަ ކަމަށް އެޗްއާރްސީއެމުން ވިދާޅުވުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހުމަދު

    ޝޭހުންނަކީވެސް އިންސާނުން. ފާޅުގަ ލާދީނިއްޔަތު ފެތުރުން މަސައްކަތް ކުރާ ސިޔާސީ މީހުން ނަގައި ބޮލަށް ލައިގެން އުޅޭ އިރު ޝޭހުންނައް ކުށެއް ކުރެވޭއިރައް އެހާ ބޮޑުކަމަކަށް ވާކަށް ނުޖެހޭ

    7
    3
  2. އެމް ޑީ ޕީ

    ބަލަ ކޮބާތަ ހޫނު ފެނަށް ވެއްޓުމަކީ؟ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަކީ މޯދީ ޕާޓީއަށް ވީމަ، އެންމެން ނުޖެހޭ ލާދީނީ ވާކަށް.

    8
    6
  3. ބަކުރުބެ

    މިހުރިހާ ފިތުނަ އެއްގެ އަސްލަކީ ތިޔަބުނާ އެޗްއާރްސީއެމެވެ އެތަނަކީ އާއްމު ރައްޔިތުން ނަށް. ކަމެއްކޮށްދޭތަނެއްނޫނެވެ ހަމައެކަނި ކުރާކަމަކާ ގާތިލުންނާ ކުއްވެރިން ހިމާޔަތްކުރުމެވެ

    10
    1
  4. ފެމިނިސްޓް

    ލޮލް

    2
    2
  5. ރައްޔިތުމީހާ

    ޑރ. ޢިޔާޒް ދެންނެވި ބަޔާން ވަރަށް ފުރިހަމަ. ރައްޔިތުންނަށް ހަގީގަތް އެބަ އިނގެންޖެހޭ. ނޫނީ އުފެދޭނީ ފިތުނަ ވެރިކަން.

    8
    1
  6. ދޮންބެ

    ޑރ. އިޔާޒު ދެންވެސް ހަނދާނުގައި ބަހައްޓަންވީކަމަކީ އަޚުންތަކެއް ކަމަށް ހީވިޔަސް ފާސިގުންނާއި، މުންކަރާތްތަކަށް ހިތްވަރުދޭ މީހުންނާ ބައިއަތު ނުހިފަންވީ. އަދި އެފަދަ ބައެއްގެ ދިފާއުގައި ނުނިކުންނަންވީ. ޑރ. އިޔާޒަށާއި އަޅަމެން މުސްލިމުންނަށް ޘާބިތުކަން ދެއްވާށި. އާމީން.

    9
    1