އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ މަދުވާ ލިޔެކިޔުންތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހުށަހެޅުމުން އެ ލިޔެކިޔުންތައް ދިރާސާކުރަން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހު (ޕީޖީ)ން ފަށައިފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އޭސީސީއިން ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ ނުވަ ވަނަ ދުވަހުގައެވެ. އޭގައި ސާފު ކުރަން ހުރި އިތުރު ކަންކަން ސާފުކޮށްދޭން އެދުނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

މި މައްސަލާގައި ފުރިހަމަ ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށް ފަހު، ހުރިހާ ލިޔެކިއުންތައް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށްވެއެވެ.

އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "ވަގުތު" އަށް ވިދާޅުވީ އޭސީސީގެ ލިޔުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް މަހުލޫފަށް ދައުވާ ކުރާނީ އެ ލިޔެކިޔުންތައް ދިރާސާކުރުމަސް ފަހުގައި ކަމަށް ވިދާޅުވިއެވެ.

ޑިއުޓީ ޕްރޮސެކިއުޝަން ނަމުގައި އޮންނަ މި މަރުހަލާ ކުރިއަށް ގެންދިއުމުގެ ގޮތުން ޕީޖީ އޮފީހުން އޭސީސީގައި އެ ކަމަށް އެދުނުތާ މިއަދަށް 10 ދުވަސް ހަމަވެފައިވާއިރު، އަދިވެސް މަހްލޫފްގެ މައްޗަށް ދައުވާ އުފުލުމުގައި ވަކި ގޮތެއް ނުނިންމެއެވެ.

އެސެޓް ރެކެވަރީގެ ރިޔާސީ ކޮމިޝަނާއި ޕީޖީ އޮފީހާއި އޭސީސީއާއި ފުލުހުން ގުޅިގެން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގު ކުރިއަށް ގެންދާއިރު، އިދާރާތަކުން އެކުލަވާލާފައިވާ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން އެބަ އޮތެވެ.

އެކަމަކު ޚިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް މަހްލޫފް އިންކާރު ކުރައްވައެވެ. މިއީ ސިޔާސީ ގޮތުން އޭނާ "ކަތިލަން" ކުރާ ކަމެއްގެ ގޮތުގައި މަހްލޫފް ސިފަ ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަޑިޔާ

    ސާބަސް ދިރާސާކޮށް އަވަހަށް ނިންމަވާ

    2
    1
  2. ކޮވިޑް

    އުންސުރު ހަމަވާއިރު މި ފަސް އަހަރު ނިއްމާތި މިފަސް އަހަރު ތެރޭ ތިކަމެއް ނުވާނެ ކޯސް އޮފް އުންސުރު