ސަރުކާރުން ހުރިހާ ހަރަދު ކުރާ ގޮތަށް 18 ސްކޮލާޝިޕެއްގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ސްކޮލަޝިޕްގެ ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ ބެޗްލާސް އޮފް އޯޑިއޮލޮޖީ އެންޑް ސްޕީޗް ލޭންގުއޭޖް ޕެތޮލޮޖީއިން 11 ފުރުސަތާއި ބެޗްލާސް އޮފް އޮކިއުކޭޝަނަލް ތެރަޕީއިން ހަތް ފުރުސަތު ކަމަށެވެ.

ބެޗްލާސް އޮފް އޯޑިއޮލޮޖީ އެންޑް ސްޕީޗް ލޭންގުއޭޖް ޕެތޮލޮޖީ ކުރިއަށްދާނީ އިންޑިއާގެ ބެންގަލޫރްގައި ހުންނަ ނަސީމާ އިންސްޓިޓިއުޓް އޮޕް ސްޕީޗް އެންޑް ހިއަރިންގަ އެވެ. އަދި ބެޗްލާސް އޮފް އޮކިއުޕޭޝަނަލް ތެރަޕީ ކުރިއަށްދާނީ އިންޑިޔާގެ މަނިޕާލްގައި ހުންނަ މަނިޕާލް އެކަޑެމީ އޮފް ހަޔާ އެޑިޔުކޭޝަންގަ އެވެ.

މި ދެ ކޯހަށްވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ވަކި އަދަދުތަކަށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ސަރުކާރުން މިއަދު އިއުލާނު ކުރި ކޯސްތަކުގެ ޝަރުތުތަކަށް ބަލާއިރު، ޖީސީއީ އޯލެވެލް/ އައިޖީސީއެސްސީ/ އެސްއެސްސީ އިމްތިހާނުގެ ފިޒިކްސް، ކެމިސްޓްރީ އަދި ބަޔޮލޮޖީ ހިމެނޭ ގޮތަށް ފަސް މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލް ކޮށްފައިވުމާއި ޖީސީއީ އޭ ލެވެލް އިމްތިހާނުގެ ފިޒިކްސް، ކެމިސްޓްރީ އަދި ބަޔޮލޮޖީ މި ތިން މާއްދާއިން "ޑީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލް ކޮށްފައިވުން ނުވަތަ ޖީސީއީ އޭ ލެވެލް އިމްތިހާނުގެ ފިޒިކްސް، ކެމިސްޓްރީ އަދި ބަޔޮލޮޖީ ހިމެނޭ ގޮތަށް ދެ މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުް ކޮށްފައިވުން ހިމެނެއެވެ.

މި ޝަރުތުތަކުގެ ތެރޭއިން ފުރަތަމަ ޝަރުތުތަކުގައި ބުނާ ފަސް މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލް ކޮށްފައިވުން ހިމެނޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ސްކޮލާޝިޕްގެ ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، އެސްޓަބްލިޝްމަންޓް އެލަވަންސް، ބުކް އެލަވަންސް، ކޯސްފީ އަދި އިންޝުއަރެންސް ހިމެނޭ ގޮތަށް ހުރިހާ ހަރަދެއް ހަމަޖައްސާނީ، ތެރަޕިއުޓިކް ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށްޓަކައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ، ސަރުކާރު ހިއްސާވާ ކުންފުނިތައް އަދި ބައެއް އަމިއްލަ ފަރާތްތަކާ ގުޅިގެން މިކަމަށް ހާއްސަ ކޮށްފައިވާ ސްކީމުގެ ދަށުންނެވެ.

މި ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މިއަހަރުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 1:30 އަށެވެ. ކޯހާއި ބެހޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ.