މުޖުތަމައުގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާ ހެދި ކިޔެވުން މެދުކަނޑަލާން ޖެހިގެން ވަކިވާ އަންހެނުންގެ ނިސްބަތް އިތުރުވަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހާމަކޮށްފިއެވެ.

ޕީއެސްއެމް އިން ގެނެސް ދިން ޕްރޮގްރާމެއްގައި އެޗްއާރުސީއެމްގެ މެމްބަރު އައިމިނަތު ޝިފާތު އަބްދުލްރައްޒާގް ވިދާޅުވީ ކޮލެޖް/ޔުނިވާސިޓީގައި އެންރޯލްވާ އަންހެނުންގެ ނިސްބަތް އުޅެނީ ފިރިހެނުންނާ އެއްވަރެއްގައި ކަމަށެވެ. ނަމަވެސް ކޯސްތައް ފުރިހަމަކުރާ އަންހެނުންގެ އަދަދު މަދުވަމުން އަންނަ ކަމަށާއި އެހެން ދިމާވާން ޖެހޭ ސަބަބުތަކެއްވެސް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ގްރެޖުއޭޝަން ރޭޓަށް ބަލާއިރުގައި އެންރޯލްވި އަންހެން ކުދިންގެ ޑްރޮޕް ރޭޓް މަދު އެ ހިސާބުން އެބައުޅޭ މައްސަލައެއް" ޝިފާތު ވިދާޅުވިއެވެ.

އެއީ މައްސަލައެއްގެ ގޮތުގައި ނަންގަވަައި ޝިފާތު ވިދާޅުވީ، އެހެން ދިމާވާ މައިގަނޑު ސަބަބަކީ ރާއްޖޭގައި ތިބެގެން މަތީ ތައުލީމް ހާސިލްކުރާ ގިނަ ދަރިވަރުންނަކީ ވަޒީފާ އަދާކުރަމުން ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުން ކަމަށްވާތީއެވެ.

އަދި ވަކިން ހާއްސަކޮށް ގިނަ ބަޔަކު ދެކޭ ގޮތުގައި އަންހެނުންނަކީ ގޭތެރޭގެ މަސައްކަތްކުރަން ޖެހޭ ބަޔަކަށްވާތީވެ ކިޔަަވަން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށެވެ.

ކިޔެވުން ނިންމުމަށްފަހު އަންހެނުންނަށް ދެން ކުރިމަތިވަނީ ވަޒީފާގެ މައިދާނުގައި ދިމާވާ ގޮންޖެހުންތަކެވެ. ވަޒީފާގެ މައިދާނަށް ބަލާލިޔަސް އަންހެނުންނަށް އެކަށީގެންވާ ފުރުސަތު ހޯދައިދޭން މަސައްކަތްތަކެއް ކުރެވެން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"ޗައިލްޑްކެއާ ފެސިލިޓީސްތައް ދައުލަތުން ގާއިމްކުރުމާއި، ވަޒީފާގެ މައިދާނުގައި އަންހެނުން ބާރުވެރި ކުރުމާއި، މުުޖުތަމައު ތެރޭގައި އޮތް ވިސްނުން ބަދަލުކުރަންވެސް މަސައްކަތް ކުރަންޖެހޭ" ޝިފާތު ވިދާޅުވިއެވެ.

ޝިފާތު ވިދާޅުވި ގޮތުގައި ސިޔާސީ ހަރަކާތަތްތަކުގައި ފިރިހެނުންނާ އެއްވަރަކަށް އަންހެނުންވެސް ހަރަކާތްތެރިވެއެވެ. ނަމަވެސް މަގާމުތަކަށް ކުރިމަތިލާން އަންހެނުން ފަސްޖެހެނީ އެ އަންހެނަކަށްވީތީ އެ ފުރުސަތު ނުލިބިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ވިދާޅުވިއެވެ.

ސިޔާސީ ކަންތައްތަކުގައި އަންހެނުން ބާރުވެރި ކުރުވުމަށް ސަރުކާރުންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ތެރޭގައި ކައުންސިލްތަކުގެ 33 އިންސައްތަ ވަނީ އަންހެނުންނަށް ހާއްސަކޮށްފައެވެ.

ރާއްޖޭގައި ޖެންޑަ އީކުއަލިޓީ ޕްލޭން އެއް އޮތީ މިހާރު ނިމުމުގެ ހާލަތުގައި ކަމަށެވެ. ޕްލޭންގެ ދަށުން 2025 ވަނަ އަހަރާ ހަމަޔަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ އަންހެނުންގެ ނިސްބަތް 40 އިންސައްތަ އިތުރުކުރުމަށާއި، ޖުޑިޝަރީގައި 25 އިންސައްތަ އިތުރުކުރުން، ޑޭކެއާ ސާވިސްތައް އިތުރުކުރުން، ޖެންޑާ ރެސްޕޮންސިވް ބަޖެޓެއް ފެށުން، ގައުމުގެ ޑާޓާ ސިސްޓަމުގައި ހުރި ޖިންސީ އަދި އުމުރުގެ ތަފާތު ކުރުންތައް ހުރި ކަންކަން ރިވައިސްކުރުން ހިމެނެއެވެ.