ކޮވިޑް-19 އާ ގުޅިގެން ގައުމުގެ އިގްތިސާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި ސިޔާސީ މަގާމުތައް އިތުރުކުރާތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ ފާޑު ވިދާޅުވެއްޖެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އިއްޔެ ވަނީ ދެ ބޭފުޅަކު އައްޔަން ކުރައްވައިފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަންކުރެއްވުމަށް، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އައްޔަން ކުރެއްވި ބޭފުޅުންނެވެ.

އެގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއަށް އައްޔަންކުރައްވާފައި ވަނީ ހ.ސުނާރު ހަދީޖާ ނަސީމެވެ. ޓްރާންސްޕޯޓް މިނިސްޓްރީއަށް އައްޔަންކުރެއްވީ އަޙްމަދު އަފްޒަލް އިބްރާހީމެވެ.

މިކަމާއި ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ފުއްދައި ނުދެވުނަސް ރައީސްް ސޯލިހަށް މުހިންމީ އަރިހުގައި ތިބި ނާގާބިލް މީހުންނާއި އެމީހުންގެ އާއިލާތަކަށް ޓެކްސް ފައިސާއިން ބޮޑު މުސާރަދިނުން. އިތުރަށް ގެނެވުނު ހިދުމަތެއް، އާމްދަނީއެއް ނެތް. ހާލަތުގެ ނާޒުކުކަން ވަޒަންނުކުރެއްވޭތީ ހައިރާންވޭ." ޖަމީލް ވިދާޅުވިއެވެ.

 

ރައީސް ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުގައި އެމަނިކުފާނުގެ ސަރުކާރުގައި ސިޔާސީ މަގާމުތައް މަދު ކުރާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް އޮފީހުން ހާމަކުރާ ގޮތުގައި 600 އަށް ވުރެ ގިނަ މީހުން އެކި ގޮތްގޮތަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިހާރު އެބަ ތިބިއެވެ.

ކުރީގެ ސަރުކާރުގެ ސިޔާސީ މަގާމްތައް އިތުރުވެ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވި މައްސަލައިގައި އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ވަރަށް ބޮޑަށް ފާޑުކިއެވެ.