ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ގައުމުގެ އިގްތިސާދަށް ވެރިވެފައިވާ ހީނަރުކަމުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވާ ހިސާބުން ވައްކަމާއި ފޭރުމުގެ ކުށް ރާއްޖޭގައި އިތުރުވެގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ނައިބު މުގައްރިރުކަން ކުރައްވަމުން ގެންދަވާ ބޮޮންޑޭ މިފަދައިން ވިދާޅުވީ "ކާންދޭ އަތުގައި ދަތް ނާޅާ!" ގެ ނަމުގައި އިއްޔެ ހަވީރު މާލޭގެ ކާނިވާ ސަރަހައްދުގައި ރެސްޓޯރެންޓް ހިންގާ ފަރާތްތަކުން ކުރިއަށް ގެންދިޔަ އިހްތިޖާޖާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ބޮންޑޭ ވިދާޅުވީ މިހާލަތުގައި އެންމެ އިސްކަމެއް ދޭން ޖެހޭނީ މިސްކީނުންނާއި ޔަތީމުން ދެނެގަނެ އެމީހުންގެ ދަފްތަރު އެކުލުވާލުމަށް ކަމަށެވެ. ނަމަވެސް އެ މަސައްކަތް މަތިކުރެވިފައިވާ އިސްލާމިކް މިނިސްޓްރީއިން އުޅުއްވަނީ " ކުރަފަތް ޖެހުމަށް" ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުދިއަދި މެދުފަންތީގެ ވިޔަފާރިތައް ބިކަވާ ހިސާބުން ފަގީރުން އިތުރަށް ފަގީރުވެ ވައްކަމާއި ފޭރުން އިތުރުވާނެ. މިހާލަތުގައި މިސްކީނުންނާ ޔަތީމުން ދެނެގަނެ ލިސްޓު އެކުލަވާލަން މަތިކޮށްފައިވާ ވުޒާރާ އިން މިވަގުތު އެންމެ އިސްކަންދޭ ކަމަށް ބެލެވެނީ ކުރަފަތް ޖެހުމަށް" ބޮންޑެ ކުރެއްވި ޓްވީޓްގައި ވެއެވެ.

ބޮންޑެގެ އެ ވާހަކަ އިސްލާމިކް މިނިސްޓްރީއަށް ނިސްބަތް ކުރެއްވީ އަންހެނުން ހިތާނު ކުރުމާއި ގުޅޭ ގޮތުން ފަތުވާ މަޖިލީހުގެ ރައުޔު އަކަށް އެދިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އިއްޔެ ވިދާޅުވެފައިވާތީއެވެ.

އިއްޔަ ކުރިއަށް ދިޔަ މުޒާހަރާގައި ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އާރްއޭއެމް) އިން ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ގެންގުޅޭ އުސޫލުތަކުގެ ސަބަބުން ވިޔަފާރިތައް ފުނޑެމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތަކުގެ އަދަދުތައް ދަށަށް ދިޔުމާއި، އެހެން ހިދުމަތްދޭ ވިޔަފާރިތަކަށް ހުއްދަ ދިން އިރު ވެސް، ހޮޓާ، ރެސްޓޯރަންޓް އަދި ކެފޭތަކަށް އެ ފުރުސަތު ނުދެނީ ކީއްވެގެންތޯ މުޒާހަރާގެ ބައިވެރިން ވަނީ ސުވާލު އުފައްދައިފައެވެ. އަދި ރެސްޓޯރަންޓް ވިޔަފާރިވެރިންގެ އާދޭހަށް ސަރުކާރުން އިޖާބަ ނުދޭ ކަމަށާއި، ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން ހުށައެޅި ކަންކަން ފަހިކޮށްދޭން ސަރުކާރުން އެކަށީގެންވާ ވަރުގެ މަސައްކަތްތަކެއް ނުކުރާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ރެސްޓޯރަންޓް، ހޮޓާ އަދި ކެފޭތަކަށް ލުޔެއް ދިނުމާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ތަންތަނުން ހިދުމަތް ހޯދުން އޮތީ މަޝްވަރާގެ މޭޒުގައި ކަމަށެވެ. އަދި ސަރުކާރުން އެކަމުގައި ގޮތެއް ނުނިންމި އޮތީ ސިއްހީ މާހިރުންގެ އިޝާރާތެއް ނުލިބިގެން ކަމަށް ވިދާޅުވިއެވެ.