އެމްޕީއެލްގެ މެންޑޭޓްގައި ނުހިމެނޭ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް 2018 ވަނަ އަހަރު އެ ކުންފުންޏާ ހަވާލުކުރުމާއެކު ގެންގުޅުނު ވިސްނުމަކީ ރައްޔިތުން ހިތްހަމަ ޖެހޭ ހިދުމަތެއް ދިނުމެވެ. އެ އަޒުމާއެކު ފަހަތަށް ނުޖެހި ކުންފުނިން ކުރި މަސައްކަތުގެ ނަތިއްޖާ ނިމިގެން ދިޔަ ތިން އަހަރު ވަނީ ދައްކާފައެވެ.

"ފުރިހަމަ ހިދުމަތެއް ދޭން ގިނަ މަސައްކަތެއް ކުރެވިއްޖެ" ފާއިތުވި ތިން އަހަރު ދުވަހުގެ މަސައްކަތް މީޑިއާތަކާ ހިއްސާކުރައްވަމުން އެމްޕީއެލްގެ ޓްރާންސްޕޯޓް ޑިޕާޓްމެންޓުގެ މެނޭޖަރު އިބްރާހިމް މައުމޫން ވިދާޅުވިއެވެ.

ހިދުމަތް ދޭން ފެށީ ހަތަރު "ބަހުން"

ބަހުގެ ހިދުމަތާއި އެމްޕީއެލުން ހަވާލުވިއިރު ގްރޭޓާ މާލޭ ސަރަހައްދުގައި އޮތީ ހަތަރު ބަހެވެ. މާލޭގެ އާބާދީ ބޮޑުވަމުންދާ ވަރަކަށް ބަހުގެ ޑިމާންޑުވެސް ބޮޑުވަމުންދާތީވެ ކުންފުނިން ނިންމީ 22 ބަސް ގެންނާށެވެ. ގްރޭޓާ މާލޭ ސަރަހައްދަށް ހިދުމަތް ދިނުމަށް އަށްޑަބަލް ބަހާއި ފަސް ސިޓީ ބަހުގެ އިތުރުން ފަސް ކޯޗު ބަސް މިހާރު ދަނީ ބޭނުން ކުރަމުންނެވެ.

އެމްޕިލްގެ ދަށުން ހިންގާ ގްރޭޓާ މާލޭ ބަސް ޓާމިނަލް. ފޮޓޯ: އަހްމަދް އަލީ

ހުރިހާ ބަސްތަކަކީވެސް ފެންވަރު ރަނގަޅު ބަސްތަކެކެވެ. އެމްޕީއެލަށް ގޮންޖެހުންތައް ދިމާވީ ބަސް ޑްރައިވަރުން ހޯދާށެވެ. ވަކިން ހާއްސަކޮށް ދިވެހި ޑްރައިވަރުންނެވެ. އެ ގޮންޖެހުންތަކުން އަރައިގަންނަ ކުރި މަސައްކަތުގެ ނަތީއްޖާއެއްގެ ގޮތުން މިއަދު ބަސް ޑްރައިވަރުންގެ ގޮތުގައި ތިބޭނީ ތަމްރީނުވެފައި ތިބި ދިވެހިންނެވެ.

އެކެއް ޖުލައިގައި ހިދުމަތް އެމްޓީސީސީގެ ދަށަށް

އެމްޕީއެލުން މިހާރު ތައްޔާރުވެފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރުމަށެވެ. ދެ ކުންފުނި ދެމެދުގައި ހެދޭ އެއްބަސްވުމުގެ ދަށުން ޖުލައި އެކަަކުން ބަހުގެ ހުރިހާ ހިދުމަތެއްވެސް ދެމުން ދެން ގެންދާނީ އެމްޓީސީސީންނެވެ. އެމްޕީއެލް އޮތީ އެކަމަށް ތައްޔާރަށެވެ.

އެމްޕިލްއެލް ޓްރާންސްޕޯޓް މެނޭޖަރު އިބްރާހިމް މައުމޫން މީޑިއާއަށް މައުލޫމާތު ދެނީ

ނަމަވެސް މިހެން ބަދަލުވާ ގޮތަށް އޮތުން އެއީ ކުންފުންޏަށް އޮތް ގޮންޖެހުމެއްވެސްމެއެވެ. އެމްޕީއެލްގެ އުއްމީދަކީ ކުރިއަަށް އޮތްތާ އެހެން ބަޔަކު ހިދުމަތާ ހަވާލުވިޔަސް އެކަން މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިޔުމެވެ.

ބަސް ޑްރައިވަރުންނަށް ވާނީ ކިހިނެއް؟

ބަހުގައި މަސައްކަތްކުރާ މުވައްޒަފުންގެ ދަންފަޅި ބަހާލާފައި ވަނީ ތިން ދަންފަޅިއަކަށެވެ. ކޮންމެ ދަންފަޅިއެއްވެސް ފެށޭނީ ހާއްސަ ބްރީފިންއަކާއެކުއެވެ.

"ކޮންމެ ދަންފަޅިއެއްގައި 37 ބަސް ޑްރައިވަރުންނާ އެ މީހުންގެ އެޓެންޑުން ހިމެނޭނެ" މައުމޫން ވިދާޅުވިއެވެ.

މީގެ ތެެރެއިން ބައެއް މުވައްޒަފުން އެމްޕީއޭލް ފުރަބަންދުގައިވެސް މަސައްކަތްކުރިއެވެ. އެމްޓީސީސީގެ ދަށަށް ބަދަލުވުމަށް ފަހުވެސް ބަސް އެޓެންޑެންޓުންނާއި ޑްރައިވަރުންގެ ވަޒީފާއަށް ބަދަލުތަކެއް ނާންނާނެ ކަމުގެ ޔަގީންކަން އެމްޕީއެލުން ދިނެވެ.

"އެމްޓީސީސީއަށް ހިދުމަތްތައް ބަދަލުކުރެވޭއިރު ވަޒީފާއެއް ނުގެއްލޭނެ. މިހާރު ލިބޭ އިނާޔަތްތައްވެސް ލިބޭނެ" ބުރަކޮށް ބަހުގެ ހިދުމަތް ދިނުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން ދެމުން މައުމޫން ވިދާޅުވިއެވެ.

ރައްޔިތުން ހިތްހަމަ ޖެހޭވަރުގެ މަސައްކަތެއް ކޮށްދެވުނު!

މައުމޫން ވިދާޅުވި ގޮތުގައި މި ތިން އަހަރު ތެރޭގައި އެއްވެސް މައްސަލަތަކެއް ދިމާނުވެ ރައްޔިތުން އުއްމީދުކުރާ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ރައްޔިތުންނަށް ދެވިއްޖެއެވެ. ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިން އިސްކުރީ ރައްޔިތުންގެ މަަސްލަހަތެވެ.

"އާއްމުން ވަރަށް ބޮޑަށް ހިދުމަތް ބަލައިގަނެ މަރުހަބާ ކިޔާ" މައުމޫން ވިދާޅުވިއެވެ. މާލެއާއި ހުޅުމާލޭގައި ބަސް ދަތުރުކުރާ ރޫޓްތައް ގިނަކޮށް އެޖެންޓުން ތައާރަފްކުރުމުން ފެށިގެން ގޮސް ޓޮޕްއަޕްގެ ހިދުމަތް ތައާރަފްކޮށްގެން ވެސް ކުންފުނީގެ އަމާޒަކަށްވީ ކަސްޓަމަރުންނަށް ވީހާވެސް ފަސޭހައިން ގާތުން ހިދުމަތް ދިނުމަށެވެ.

"ރައްޔިތުން ބޭނުންވާ ފެންވަރުގެ ހިދުމަތެއް އަޅުގަނޑުމެން ފޯރުކޮށް ދިނިން. ކަސްޓަމަރުންނާ އަޅުގަނޑުމެންނާ އޮންނަ ގުޅުން ވަނީ ބަދަހިވެފައި" މައުމޫން ވިދާޅުވިއެވެ.

އެމްޓީސީސީގެ ދަށަށް ބަހުގެ ހިދުމަތް ބަދަލުކުރެވިގެން ދިޔަޔަސް ކުންފުނިން ބޭނުންވާ އެހީ ފޯރުކޮށް ދިނުމުގައި އެމްޕީއެލް އޮންނާނެއެވެ. އެއީ ކުންފުނިންދޭ ޔަގީންކަމެކެވެ. މިއަދާ ހަމަޔަށް ފަސް ލައްކަ ދަތުރު ކުރެވިފައިވާއިރު އެއިން ކޮންމެ ދަތުރަކީވެސް އެމްޕީއެލަށް ލިބޭ ބޮޑު ހިތްހަމަ ޖެހުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ދެރަދުވަހެއް. އެކަމަކު މޓސސ އަށް ބަހުގެ ހިދުމައިދޭން ދިނުން ރަގަޅީ.

  2. ޒާ

    ޝުކުރިއްޔާ ރައީސް ޔާމީން. ތިވަރުގެ ޚިދުމަތްތެރި ރައީސެއް އަދި ވެރިކަން ނުކުރޭ.