އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އެ ކޮމިޝަނުން އަންގައިފިއެވެ.

ނިމާލް އެ ކޮމިޝަނަށް ހާޒިރުވާން އަންގައި ފޮނުވި ޗިޓުގައިވަނީ މާދަމާ ހެނދުނު 11:30 އަށް އެ ކޮމިޝަނަށް ހާޒިރުވުމަށެވެ. އެއީ ކޮން މައްސަލައެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު މި ކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، އެ ކޯލިޝަނުން ދެކޭ ގޮތުގައި އެއީ ވާދަވެރި ސިޔާސީ ޕާޓީތަކުގެ ގޮތުގައި އެ ކޯލިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމަށް ސަރުކާރުން ހިންގާ އަމަލެއް ކަމަށެވެ.

މިއީ ނިމާލް އޭސީސީއަށް ހާޒިރު ކުރާ ފުރަތަމަ ފަހަރެވެ.

ނިމާލް އެ ކޮމިޝަނަށް ހާޒިރު ކުރާ އިރު އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ހޮވުނު ކައުންސިލަރަކީ އޭނާއެވެ.

އެލްޖީއޭގެ ބޯޑަށް އޭނާ ހޮވުނީ އިންތިޚާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލި މުއްދަތުގެ ސުންގަޑި ހަމަވި ފަހުން ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ފޯމު ހުށަހެޅި ކަމަށް ބުނެއެވެ.

މި ކަމާ ގުޅިގެން އެމްޑީޕީގެ ސަޕޯޓަރުންނާއި ބަޝީރު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މައްސަލަ ހައި ކޯޓަށް ވެސް ބަޝީރު ހުށަހެޅިއެވެ. ހައި ކޯޓުގެ ރަޖިސްޓްރާ މައްސަލަ ބަލައިނުގަތުމުން ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިހާރު އެ މައްސަލަ ވަނީ ހުށަހަޅައިފައެވެ.