ހުސްވެފައިވާ އޮޑިޓަ ޖެނެރަލްގެ މަގާމަށް އެސިސްޓަންޓް އޮޑިޓަ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވި ހުސައިން ނިޔާޒީ އައްޔަން ކުރަން އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފޮނުއްވައިފިއެވެ.

އޮޑިޓަ ޖެނެރަލްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވެމުންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ، އެމްއެމްޕިއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުމުން ތަހުގީގަށް އެއްބާރުލުން ދޭން ކަމަށް ވިދާޅުވެއެވެ.

މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު ވަނީ އޮޑިޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފައެވެ. އެ މުއްދަތު ވަނީ މި މަހުގެ ހަތްވަނަ ދުވަހަށް ހަމަވެފައެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސް ސޯލިހް ފޮނުއްވީ އެންމެ ނަމެކެވެ. އެއީ އެސިސްޓަންޓް އޮޑިޓަ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވި ނިޔާޒީގެ ނަމެވެ. އިތުރު ބަޔަކު ކުރިމަތިލި ކަމެއް ނޭނގެއެވެ.

2011 ވަނަ އަހަރުން ފެށިގެން އެސިސްޓަންޓް އޮޑިޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި ނިޔާޒީގެ ނަން ދިރާސާ ކުރަން ފޮނުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށެވެ.

އޮޑިޓަ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުން އޮންނަނީ ރައީސް ފޮނުއްވާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ރުހުން ލިބިދޭ މީހަކު ރައީސް އައްޔަން ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއާދަންބެ

    ޜަނގަޅު ހޮވުމެއް. ގާބިލް ، ރަނގަޅު ބޭފުޅެއް. ކާމިޔާބަށް އެދެން

  2. ބެއްޔާބެ

    ހިންނަވަރު މީހެއް ނޫނީ ހިންވަރާ ގުޅުމެއް ނެތް މީހަކު މިއިން ތަނަކަށް ނުލަނީތަ؟ މިއީ ވެސް ހިންނަވަރު މީހެއްގެ ފިރިއެއް. އާއިލާއާ ގުޅުމެއް އޮތް ކަމެއް ނެތް ކަމެއް ނޭނގެ