ކޮވިޑް-19 ގެ ހާލަތާ ހެދި ހީނަރުވި ވިޔަފާރިތަކަށް ދޭ ލޯނު 161 ކެފޭ/ރެސްޓޯރެންޓަށް ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ކެފޭ އަދި ރެސްޓޯރަންޓުތަކުގެ ވިޔަފާރި ހީނަރުވެ އާމްދަނީ އަށް ވަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައެވެ. އަދި ރެސްޓޯރަންޓް އޭސޯސިއޭޝަނުން ދަނީ މެދުނުކެނޑި މި ޝަކުވާތައް ކުރަމުންނެވެ.

ރައީސް އޮފީހުގައި އިއްޔެ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ކެފޭ/ރެސްޓޯރެންޓްތަކަށް މިހާތަނަށް ދޫކުރި ލޯނުގެ ތަފްސީލު ހާމަކުރައްވާފައެވެ.

ފައްޔާޒް ވިދާޅުވީ، ބީއެމްއެލް މެދުވެރިކޮށް "ކޮވިޑް ރިލީފް" ލޯނުގެ ގޮތުގައި 942 މިލިއަން ރުފިޔާ ބޮޑެތި ވިޔަފާރިތަކަށް ދޫކޮށްފައިވާ ކަމަށެވެ. އެސްޑީއެފް މެދުވެރިކޮށް 363 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ކެފޭ/ރެސްޓޯރެންޓްތަކަށް 161 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފައްޔާޒް ހާމަކުރެއްވިއެވެ.

"ބީއެމްއެލުން ފަސް ފަރާތަކަށް ޖުމްލަ 16 މިލިއަން ރުފިޔާގެ ލޯނު ކެފޭ ރެސްޓޯރަންޓްތަކަށް ދޫކުށްފައިވާނެ. އެސްއެމްއީ ބޭންކުން 156 ކެފޭ ރެސްޓޯރަންޓަށް ޖުމްލަ 33 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކުރެވިފައި" ފައްޔާޒު ވިދާޅުވިއެވެ.

އޭގެ ތެރެއިން 90 ފަރަތަކީ މާލެ ސަރަހައްދަށް ނިސްބަތްވާ ކެފޭ/ރެސްޓޯރެންޓެވެ.

މާލޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތިވެ ޑެލިވަރީ ފިޔަވައި އެހެން ހިދުމަތްތައް ދިނުން ކެފޭ/ރެސްޓޯރެންޓްތަކަށް ވަނީ މަނާކޮށްފައެވެ.

ނަމަވެސް ކޮވިޑްގެ ވޭދަނަތައް ވަރަށް ބޮޑަށް މަދުވެފައިވާތީ ސަރުކާރުން ވަނީ ޖުލައި އެއްވަނަ ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދޭން ނިންމާފައެވެ. އެގޮތުން ކާފިއު ނޫން ގަޑިތަކުގައި، ފަތިހު ހަތަރަކުން ރޭގަނޑު އަށަކަށް ކެފޭތަކުން ހިދުމަތް ދެވޭ ގޮތަށް ވަނީ ނިންމާފައެވެ.