އަންނަ ހަފުތާ އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބާއްވާ ގޮތަށް ހަމަޖެއްސުމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީއާ މަޝްވަރާ ކުރަން ނިންމައިފިއެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ބަލިމަޑުކަން އިންތިހާއަށް ފެތުރި ހާލަތު ގޯސްވުމުން އެޗްޕީއޭއިން ފިޔަވަޅުތައް ހަރުކަށިކުރުމުން މަޖިލީހުގެ ޖަލްސާތައް ވެސް އޮންލައިންކޮށް ބާއްވަން ނިންމިއެވެ.

މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ބާއްވަނީ އޮންލައިންކޮށެވެ. މަޖިލީހުގެ މާލަމުގައި ކުރިއަށް ދަނީ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީ އެކަންޏެވެ.

241 ކޮމިޓީގައި ކުރިއަށް ދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ ބޮޑު އިންކުއަރީއެކެވެ. ޖުޑިޝަރީ ކޮމިޓީގައި ދިރާސާ ކުރަނީ، މީހުންގެ ފާޑުކިއުންތައް އިންތިހާއަށް އަމާޒުވެފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެޗްޕީއޭއިން ގިނަ ފިޔަވަޅުތައް ލުއިކޮށްދީފައިވާތީ މަޖިލީހުގެ ޖަލްސާތައް ވެސް ތަޅުމުގައި ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މި ކަމުގައި ހެލްތު މިނިސްޓްރީއާ މަޝްވަރާ ކުރާނަން، އަޅުގަނޑުމެން ގޮތެއް ނިންމާނީ ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށް ލަފާ ހޯދާފައި،" އީވާ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ރާއްޖޭން ކޮވިޑްގެ ބަލި ފެނިގެން މުޅި ރާއްޖެ ފުރަބަންދުކޮށް މާލޭގައި 24 ގަޑިއިރު ކާފިއު ހިންގި ދުވަސްވަރު ވެސް މަޖިލީހުގެ ޖަލްސާތައް ބޭއްވީ އޮންލައިންކޮށެވެ. އެއީ ދުނިޔޭގައި ވެސް މަޖިލީހުގެ އިދާރާއަކުން އޮންލައިންކޮށް ޖަލްސާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.

އެކަމަކު އެ ގޮތަށް ގެންދެވެން ނެތް ކަމަށް ވިދާޅުވެ، އަލުން މަޖިލީހުގެ މާލަމަށް މެންބަރުން ޖަމާވެ ތިއްބަވައިގެން ޖަލްސާ ގެންދަން ފެށްޓެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމުގެ މަތިންނެވެ.