މިދިޔަ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނިރުބަވެރި ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅުން ހުރި އަށް މީހެއް ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ހަތަރު މީހެއްގެ ތަހުގީގު ނިންމައި ވީހާވެސް އަވަހަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި، ތަހުގީގު ނިމުމުގެ މަރުހަލާގައި އޮތީ މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކުރި ހަތަރު މީހުންގެއެވެ.

އެއީ ވ. ތިނަދޫ އަދުހަމް އަހްމަދު 25 އާއި، މއ. ފޭރުގެ، މުޖާޒް އަހުމަދު 21 އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު 32 ގެ އިތުރުން ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ. މި ހަތަރު މީހުންގެ ތެރެއިން އަދުހަމަކީ ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ.

މީގެ ތެރެއިން ސައިކަލްގެ ވެރިމީހާ އަކީ ތަހުމީނެވެ. ފާތިހު އަކީ ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކުރި ސައިކަލް އެތަނުގައި ބެހެއްޓި މީހާ ކަމަށްވެއެވެ. މި މައްސަލައިގައި ފަސް ވަނަ މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަނީ ހާމަކޮށްފައެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ 8:30 ހާއިރު ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް، އައިއީޑީއެއް ގޮއްވައިލި މައްސަލަ އަށް ދެ މަސް ވާން ކައިރިވެފައިވާ އިރު، ތަހުގީގަށް ކުރިއެރުންތައް ލިބިފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދުހަމާއި، މުޖާޒް އަދި ތަހްމީންގެ ބަންދަށް އެންމެ ފަހުން މުއްދަތު ދިނީ މި މަހުގެ 22 ވަނަ ދުވަހުގައި ކަމަށެވެ. އަދި އިތުރު 30 ދުވަހަށް ބަންދުކުރަން ކޯޓުން ނިންމާފައިވާ އިރު އެއީ އެމީހުންނަށް މުއްދަތު ޖެހި 4 ވަނަ ފަހަރު ކަމަށްވެއެވެ.

ފާތިހް 15 ދުވަހަށް ބަންދުކޮށްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެއީ މި މައްސަލާގައި އޭނާއަށް ބަންދުގެ މުއްދަތި ޖެހި ތިން ވަނަ ފަހަރެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވުމުން އޭޑީކޭ ހޮސްޕިޓަލްގައި ގިނަ ސާޖަރީތަކެއް ހެދިއެވެ. އަދި އިތުރު ފަރުވާ އަށް ޖަރުމަން ވިލާތަށް ވަޑައިގެންނެވި ފަހުން ނަޝީދު އަދިވެސް ހުންނެވީ އެ ގައުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މުއްދަތެއް ނެތް ގޮތަށް ޖަހާބަލަ

    2
    3