ކުރީގެ ރައީސް މައުމޫން އަަބްދުލް ގައްޔޫމްގެ ސިޔާސީ ޕާޓީ، މޯލްޑިވިއަން ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން އަބްދުﷲ ކަމާލުއްދީން ވަކިވެއްޖެއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ދިގު މުއްދަތަކަށް ވަޒީރުކަން ކުރެއްވި ކަމާލުއްދީން އެމްއާރްއެމުން ވަކިވީ އިއްޔެއެވެ.

އެމްއާރްއެމުން ވަކިވެވަޑައިގެންނެވީ ގިނަވަމުން އަންނަ މައްސަލަތަކަށް އެންމެ އެކަށީގެންވާ ވަރަށް ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ނުކުރެވޭތީ ކަމަށް ކަމާލުއްދީން ވަނީ ވިދާޅުވެފައެވެ.

ކަމާލުއްދީން ވަކިވެވަޑައިގަތުމުން އެމްއާރުއެމްގެ ލީޑަރު، ރައީސް މައުމޫން ވަނީ ޓްވީޓެއް ވެސް ކުރައްވައިފައެވެ. އެމަނިކުފާނު ވަނީ ކަމާލުއްދީން އެމްއާރުއެމްއަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ކަމާލުއްދީން ވަނީ އެމްޑީޕީގެ އިތުރުން ޖޭޕީގައިވެސް މަސައްކަތް ކުރައްވައިފައެވެ. އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުގެ މަގާމުވެސް އަދާކުރައްވައިފައެވެ.

ކަމާލުއްދީން މީގެކުރިން ރައްޔިތުންގެ މަޖިލުގެ އިންތިހާބުގައި ވެސް ވާދަކުރެއްވިއެވެ. އެކަމަކު، އޭނާ އަށް އިންތިހާބު ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ.