ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރާކޮށްލަން ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން އިދާރާތަކުން މަަސައްކަތް ކުރި ގޮތް ބެލުމަށް އެކުލަވާލި ކޮމިޓީން ތައްޔާރުކުރި އިންޓެލިޖެންސް ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އަރުވައިފިއެވެ.

އައިއީޑީއެއް ގޮއްވާލައިގެން ނަޝީދަށް ހަމަލާ ދީފައިވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ހަމާލާއިން ނަޝީދު ސަލާމަތްވެވަޑައިގެންނެވީ ކިރިޔާއެވެ. ލިބުނު ޒަހަމްތަކަށް ނަޝީދު ގެންދަވަނީ އަދިވެސް ފަރުވާ ހޯއްދަވަމުންނެވެ.

މި ހަމަލާ އަށް ފަހު ރައީސް ވަނީ އެކަމާ ގުޅޭ އޮޑިޓް ހެދުމަށް ހަތަރު ބޭފުޅަކު ހިމެނިވަޑައިގަންނަވާ ކޮމިޓީއެއް އެކުލަވައިލައިފައެވެ. ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ވަގުތު" އަށް ވިދާޅުވީ ކޮމިޓީން އެކުލަވައިލި ރިޕޯޓަ ރައީސަށް އަރުވާފައިވާ ކަމަށާއި، ރިޕޯޓާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން ދާނެ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް މި ވަގުތު ހާމަކުރެވެން ނެތް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޮޑިޓް ކުރަން އުފެއްދި ކޮމިޓީގެ މައިގަނޑު މަގްސަދަކީ، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މަޢުލޫމާތު ރައްކާތެރިކަމާއެކު ހިއްސާކުރުމާއި ގާނޫނުގައިވާ ގޮތުގެ މަތިން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި، އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާ ކުރުމުގައި ވިލަރެސްކުރެވިފައިވާ މިންވަރު ދެނެގަތުމެވެ.

ޓެރަރިޒަމްގެ އަމަލުތައް ހިމެނޭ މައްސަލަތަކުގައި އިންޓެލިޖެންސާއި މައުލޫމާތު ހިއްސާކުރެވިފައިވާ މިންވަރު ބެލުމާއި، އިންޓެލިޖެންސް އިދާރާތަކަށް ބޭނުންވާ ވަސީލަތްތައް ހުރި މިންވަރާއި، ތަންފީޒު ކުރުމުގައި ގޮންޖެހުންތަކާއި، އަދި މި ނިޒާމުގައި އިސްލާހު ކުރަންޖެހޭ ކަންކަން ދެނެގަތުންވެސް ކޮމެޓީގެ މަސައްކަތުގެ ތެރޭގައި ހިމެނޭނެ ކަމަށް ރައީސް އޮފީހުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ހަމަލާއާ ގުޅިގެން އިންޓެލިޖެންސް ރިޕޯޓެއް އެކުލަވާލި އިރު މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241) އިން ދަނީ މައްސަލައިގެން އިންކުއަރީއެއް ހިންގަމުންނެވެ. އެ އިންކުއަރީއަށް ފުލުހުންނާއި ސިފައިން އަދި ކަމާއި ގުޅުންހުރި އިދާރާތައް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. ކޮމިޓީން އަމާޒު ހިފާފައިވަނީ އިންކުއަރީ ރިޕޯޓްގެ މަސައްކަތް މި މަހަށް ނިންމާލުމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަނާބު

    ތިޔަ ރިޕޯޓު ބޮޑުވަޒީރު އަތްޕުޅަށް ފުރަތަމަ ނޭރީތީވެ އެކަމާ ބޮޑާނަހާކާނެބާ؟

  2. ސސ

    ކޭކާ އަޅާ ނިންމާފަ ރައީސަށް އަރުވައިފި !

  3. އަބްދޫ

    އަމިއްލަޔަށް ގޮއްވައިގެން އުޅޭ އެއްޗެކޭ މިބުނަނީ އެހެން ގޮއްވަތަކެތިން ތިބުނާ މިންވަރުގެ ގެއަލުންވައިރު މަގުމައްޗަށް ހުންނާނި ލޭއެޅިފަ. ފިހާރަ ބިއްލޫރި ތެޅިފަ. ކިތަންމެ ސައިކަލެއް ހަލާކުވެފަ ހުންނާނެ. އެއްވެސްކަމެއް ނުވޭ އެހެންވެ ތިކިޔާ އެއޗެއް ގަބޫލު ނުކުރެވޭ. ނަސީދަކީ ކަނާތުންކުރާކަންތައްވާތަށް ނޭގޭ ގޮތަށް ރާވާ ކަންކުާކަމަށް ބުނާމީހެއް ތިމާ ކޮށަފަ ނުކުރާނެ ކަމެއް އެކަކަށްވެސް ނޭގޭނެ ކަމަށް ވެސް ބުނި އެހެންވެ ތިކަން ގަބޫލު ނުކުރެވޭ ސަޕޯޓް ހޯދަން ރަވާފަިއިވާކަމެއް ކަމަށް ގަބޫލް ކުރެވެނީ.

  4. ނަންރީތި

    ސުންޕާ ރައީސެއް.