އައްޑޫ ސިޓީގައި ހިންގަމުންދާ ގަން އިންޓާނޭޝަނަލް އެއާޕޯޓްގެ ފްލައިންގ ސްކޫލް ހިންގަމުންދާ އިމާރާތުގެ މުއްދަތު ހަމަވާން ކައިރިވެފައިވާ ކަމަށާއި، އެތަނުގެ މުއްދަތު އިތުރު ނުކުރާނަމަ އެހެން ސަރަހައްދެއްގައި ފްލައިންގ ސްކޫލް ހިންގަން ޖެހިދާނެ ކަމަށް އެ ސްކޫލް މިހާރު ގަނެފައިވާ އެވިޑް ކޮލެޖުން ބުނެފިއެވެ.

ދާދި އިހަށް ދުވަހާއި ހަމައަށް ސްރީލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އިން ރާއްޖޭގައި ފްލައިންގް ސްކޫލެއް ހިންގަމުން ދިޔައީ އެންމެ ދެކުނުގައެވެ. އެއީ އައްޑޫގެ އެއާޕޯޓުް ހިންގަމުންދާ ކުންފުނިން ދޫކޮށްފައިވާ އިމާރާތެއްގައެވެ. އެ ފްލައިންގް ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަ ބޮޑުވެފައި ވަނިކޮށް އެވިޑު ކޮލެޖުން އެ ސްކޫލް ގަނެ ހިންގުމާއި ހަވާލުވިއެވެ.

އޭއޭއޭގެ އެސެޓްތައް ގަނެ، އެ ސްކޫލް ހިންގުމާއި އެވިޑުން ހަވާލުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެ ކޮލެޖްގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދު "ވަގުތު" އަށް ވިދާޅުވީ ޖުލައި މަހުގެ ނިޔަލަށް ފްލައިންގް ސްކޫލް ހިންގަމުން އައި އިމާރާތް ހުސްކުރަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު އިން ނޯޓިސް ފޮނުވާފައިވާ ކަމަށެވެ. އަދި އޭއޭއޭއާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އިިތުރު މުއްދަތަކަށް އެ އިމާރާތް ދޫކުރެވެން ނެތް ވާހަކަ އަންގާފައިވާ ކަމަށެވެ.

އެހެންކަމުން މުޝްތާގް ވަނީ މި ފްލައިންގް ސްކޫލް ރާއްޖޭގެ އުތުރަށް ބަދަލުވެދާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ އައްޑޫ އެއާޕޯޓުގެ އެ ނިންމުން ބަދަލުކޮށް، އިތުރު މުއްދަތު އެތަނުގައި ފްލައިންގް ސްކޫލް ހިންގަން ދިނުމަށް އެދި މިހާރުވެސް "ނެގޯޝިއޭޓް" ކުރަމުން ދާ ކަމަށެވެ. އެހެންނަމަވެސް ބެކަޕް ޕްލޭނަކަށް ފްލައިންގް ސްކޫލް ހިންގޭނެ ތިން ސަރަހައްދެއް ބަލާފައިވާކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ނަމަ ފްލައިންގް ސްކޫލެއް ހިންގެން އަންނަނީ ކޮންމެވެސް އެއާޕޯޓެއްގައެވެ. އެގޮތުން މިހާރު ބަލާފައިވާ ތިން ސަރަހައްދުގެ ތެރެއިން ދެ ތަނެއް ނިސްބަތްވަނީ އުތުރަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަނެއް ތަނަކީ ދެކުނުން ކޮންމެސް ސަރަހައްދެއް ކަމަށްވެއެވެ.

އުތުރުގައި އޮންނަ ތިން އެއާޕޯޓަކީ މާފަރު އެއާޕޯޓާއި، ހަނިމާދޫ އެއާޕޯޓާއި، ހޯރަފުށި އެއަޕޯޓެވެ. ފްލައިންގް ސްކޫލެއް ހިންގޭނީ ހަނިމާދޫ އަދި މާފަރު އެއާޕޯޓުގައެވެ. އެއީ އެ ދެ އެއާޕޯޓު ޖާގައިގެ ގޮތުން ތަނަވަސްވުމުންނެވެ. އައްޑޫ ނެގުމަށްފަހު އެންމެ ދެކުނުގައި އޮތީ ފުވައްމުލަކު އެއާޕޯޓެވެ.

މުޝްތާގް ވިދާޅުވީ މިވަގުތު އެންމެ އިސްކަން ދީގެން ކުރާ ކަމަކީ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވީއެންމެ އަވަހަކަށް ނިންމައި ދިނުން ކަމަށެވެ. އަދި ހިންގަން ބޭނުން ވާނެ އިތުރު ފްލައިޓްތައް ހޯދަން މަޝްވަރާ ކުރަމުންދާ ކަން ފާހަގަކުރެއްވިއެވެ.

މިހާރު އޮތް ގޮތުން އެވިޑަށް އައްޑޫގައި ފްލައިން ސްކޫލް ނުހިންގޭނެ އެވެ. އައްޑޫގައި ފްލައިން ސްކޫލް ނުހިންގުނު ނަމަވެސް ރާއްޖޭގައި ފުރުސަތު އޮތް އެހެން ދިމާއެއްގައި އެކަން ކުރިއަށް ގެންދާނެ ކަމަށް މުޝްތާގު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢައްޑޫ އައްލާ

  ކޮންބިރެއްދައްކާކައްތަ އަވަހަށްދާން ބޭނުންވާދިމާލަކަށްދޭ.. ދިވެހިކިއަވާ އެތައްކެއް ކިދިންގެ ލޭ ބޮއިގެން އޮޅުވާލަންވެގެން ޖަހަންއުޅޭ އިތުރުމަޅިއެއް .

 2. މަރީނާތު

  އުތުރަށް އައުމަކީ މައްސަލަ އެެއްތަ؟

 3. ާކޭޑީ

  އެވިޑުން ބޭނުންވާ ތަނަކައް ގެންދަންވީ ހަމަ.އައްޑޫ ގަ ތިކަން ކުރަން ކިތައްމެ ބޭނުން ވިއަސް ތިކަމެއް ނުކުރެވޭނެ ދެނެއް

 4. ބުލް ބުލް

  ބަލަ މުސްތާގޫ.ތީވެސް ތިނަދޫ ދަރިޔެއް.ކާޑެއްދޫ ކިހިނެއްވާނެ.ބިން އެބައޮތް.ރަށް ކައިރި.ގާތްތިމާގެ މީހުން އެހިސާބު އުޅެނީ...ގޮތެއްވޭތޯ ބަލާލަބަލަ.