މިރޭ ފަތިސް ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތުގައި ނަމާދު ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އޮތުމަށްފަހު، މާދަމާ ލުއިތައް ދޭއިރު، މިރޭ ފަތިސް ނަމާދުން ފެށިގެން މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތުގައި ނަމާދު ކުރެވޭނެކަމަށެވެ.

އަދި މިގޮތަށް ނަމާދު ކުރެވުނު ކަމުގައިވިޔަސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް އެ މިނިސްޓްރީން ހަނދާންކޮށްދީފައި ވެއެވެ. އެގޮތުން މިސްކިތަށްދާއިރު މާސްކް އެޅުމާއި، މުސައްލާ ގެންދިއުމާއި، ގައިދުރުކަމާއެކު ނަމާދު ކުރުމަށް ނަސޭހަތް ދީފައި ވެއެވެ.

އަދި ހުރިހާ ފަރާތްތަކުންވެސް އިރުޝާދުތަކަށް ބޯލެނބުމަށް އެ މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް މާދަމާ އިން ފެށިގެން ލުއިދޭން ވަނީ ނިންމާފައެވެ. މިގޮތަށް ލުއިދޭން ނިންމާފައި ވަނީ މާލެ ސަަރަހައްދުގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް ދަށަށް ދާން ފެށުމުންނެވެ/