އައްޑޫސިޓީން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 388 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

އައްޑޫސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ސިޓީން މިއަދު އެއްވެސް މީހަކު ކޮވިޑަށް ފައްސިވެފައެއް ނުވެއެވެ. އައްޑޫން ބައްޔަށް މީހުން މިއަދު ފައްސިވެފައި ނުވާއިރު، އިއްޔެ އާއި އޭގެ ކުރީ ދުވަހު އެ ސިޓީން ފައްސިވެފައިވަނީ ދެ މީހެކެވެ.

އައްޑޫން މިހާތަނަށް 466 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، މިވަގުތު ބަލި ޖެހިފައި ތިބީ 76 މީހުން ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލީގައި އައްޑޫން ނިޔާވެފައިވަނީ ދެ މީހެކެވެ.

މި ބައްޔަށް ފައްސިވެފައިވާ ގިނަ ބަޔަކު މިވަގުތު ތިބީ ފުރަބަންދު ކޮށްފައި އޮތް ހިތަދޫގައެވެ. އެގޮތުން ހިތަދޫގައި 70 މީހަކު ތިބިއިރު، ބާކީ ހަ މީހުންނަކީ މަރަދޫން ފައްސިވެފައިވާ މީހުންނެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން މިއަދު އިތުރު އަތް މީހަކު ބަލިން ރަނގަޅުވެ، ޖުމްލަ ރަނގަޅުވި އަދަދު 388 އަށް ވަނީ އަރާފައެވެ.

މިދިޔަ އޭޕްރިލް މަހުން ފެށިގެން އައްޑޫން ކޮވިޑްގެ ގިނަ ވޭދަނަތަކެއް ފެނިފައިވާއިރު، މިހާތަނަށް 10،000 ވުރެ ގިނަ މީހުންގެ ސުންކު އެ ސިޓީން ވަނީ ނަގާފައެވެ. އޭގެ ތެރޭގައި ގާތުން އެއްތާވި މީހުންނާއި ވަކި ތަރުތީބެއް ނެތި ނަގާފައިވާ ސުންކުތައް ހިމެނެއެވެ.