ހއ. ހޯރަފުށި އެއާޕޯޓު ރަންވޭ ހުޅަނގު ފަރާތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމެއްގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން ހޯރަފުށި އެއާޕޯޓު ރަންވޭގެ ދެ ފަރާތުގައި 2،861 މީޓަރުގެ އެއްގަމުތޮށި ލުމާއި ކޯޒްވޭގެ ދެ ފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 90.5 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއެކެވެ. އަދި މި މަސައްކަތް ނިންމުމަށް ދީފައި ވަނީ 360 ދުވަހެވެ.