ފާއިތުވި ހަ މަސް ދުވަސް ދުވަހުގެ ތެރޭގައި 532 މައްސަލަ އަށް ލަފާދީފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އޭޖީ އޮފީހުން ހާމަކުރެއްވި ތަފާސް ހިސާބުތަކުގައި މި އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އެ އިދާރާއިން ކުރި މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައިވެއެވެ. އެގޮތުން އެ މުއްދަތުގައި 520 މައްސަލައަކާ ގުޅޭ ގޮތުން ލަފާ ހޯދަން ދައުލަތުގެ އެކި މުއައްސަސާތަކުން އެ އިދާރާގައި އެދިފައިވެއެވެ.

އޭޖީ އޮފީހުން ވިދާޅުވީ ލަފާދީފައިވާ 532 މައްސަލައިގެ ތެރޭގައި މިދިޔަ އަހަރު ނިމުނު އިރު ލަފާ ނުދީ ހުރި ކަންކަން ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެ އޮފީހުގެ އިސްނެގުމާއި އެކު އެކުލަވާލާ ފޮނުވާފައިވާ ބައެއް ގަވާއިދުތަކަށް ވެސް ލަފާދީފައިވާނެ ކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ.

އޭޖީ އޮފީހުގެ މަސައްކަތްތަކުގެ ތަފްސީލްތަކަށް ބަލާއިރު ފާއިތުވި ހަ މަސް ދުވަހު އެންމެ ގިނައިން އެ އޮފީހުން ކުރި މަސައްކަތަކީ އެއްބަސްވުންތަކުގައި ސޮއިކުރުމާއި މެދު ދީފައިވާ ލަފާތަކެވެ. އެގޮތުން އެއްބަސްވުންތަކުގައި ސޮއިކުރުމާއި މެދު 154 މައްސަލަ އަކަށް ވަނީ ލަފާދީފައެވެ.

އެ އޮފީހުން ދެން އެންމެ ގިނައިން ލަފާދީފައި ވަނީ ގަވާއިދުތަކާ ގުޅޭ ގޮތުން ދީފައިވާ ލަފާއެވެ. އޭޖީ އޮފީހުން ވަނީ އެފަދަ 107 މައްސަލަ އަކަށް ލަފާދީފައެވެ.

އެ އިދާރާއިން ވިދާޅުވީ ބިލު ތަސްދީގުކުރުމާ ގުޅޭގޮތުން 12 ބިލަކަށް ލަފާދީފައިވާނެ ކަމަށެވެ. އަދި އުސޫލުތަކާއި ގުޅޭ ގޮތުން 18 މައްސަލައެއްގައި ލަފާ ދީފައިވާއިރު މުއާހަދާތަކާ ގުޅޭ ގޮތުން ލަފާދީފައި ވަނީ ދެ މައްސަލަ އެއްގައެވެ. އަދި އެހެނިހެން މައްސަލަތަކުގައި ޖުމްލަ 239 މައްސަލަ އެއްގައި އޭޖީ އިން ވަނީ ލަފާދީފައެވެ.